16 Apr 2020, 12:56
ލޮކްޑައުން ހާލަތުގައި ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ގާއިމުކުރި ކޯލް ސެންޓަރުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ސީޕީ ހަމީދު ވިދާޅުވީ އެ ހިދުމަތް އިތުރަށް ފުޅާކޮށް، ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އާންމުންގެ ރިކުއެސްޓްތައް ފޮނުވޭނެލިންކެއްފުލުހުންގެ ވެބްސައިޓަށް އިތުރުކޮށްފައިވާ ކަމަށެވެ.
ހަމައެއާއެކު ކޯލް ސެންޓަރުގެ ހިދުމަތުގެ ކެޕޭސިޓީ އިތުރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
މީގެ އިތުރުން ސީޕީ ހަމީދު ވަނީ ކޯލް ސެންޓަރުގެ ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު ވެސް ހިއްސާކުރައްވާފަ އެވެ.
ލިބުނު ކޯލުގެ ޖުމުލަ އަދަދު: 2682
- ޖަވާބު ދެވުނީ: 1464
- އެވަރެޖްކޮށް ކޯލުގައި މަޑުކުރަން ޖެހޭ ވަގުތު: 2:58 މިނެޓު
ފުލުހުންގެ ކޯލް ސެންޓަރަށް އައި ކޯލުތަކުގެ ތެރެއިން ޖަވާބުދެވިފައިވަނީ 54 ޕަސެންޓު ކޯލުތަކަށެވެ.
ލޮކްޑައުން ހާލަތުގައި ބޭރަށް ނިކުތުން މަނާކޮށްފައިވާއިރު، ޒަރޫރީ ބޭނުމެއްގައި ބޭރަށް ނިކުތުމުގެ ކުރިން ރިޕޯޓް ކުރާނެ ފުލުހުންގެ ހޮޓްލައިނެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.
ފުލުހުން ބުނީ ޒަރޫރީ ބޭނުމެއްގައި ބޭރަށް ދިޔުމުގެ ކުރިން 3034444 އަށް ގުޅައި ރެޖިސްޓަރ ކުރަން ޖެހޭނެ ކަމަށެވެ.