އެސްޓީއޯގެ އޮންލައިން ފިހާރަ، "އީއެސްޓީއޯ"ގެ ހިދުމަތް މެދުކެނޑުމަކަށް ފަހު އަލުން ފަށައިފި އެވެ.

އީއެސްޓީއޯގެ ހިދުމަތް މެދުކެނޑުނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. މީގެ ސަބަބެއް ކަމަށް އެސްޓީއޯ އިން ބުނީ ލޮކްޑައުން ހާލަތުގައި ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭން ބޭނުންވާ ހުއްދަ ނުލިބި އޮތުމުން ކަމަށެވެ.

އެސްޓީއޯ އިން ބުނީ މެދުކެނޑުމަކަށް ފަހު މިއަދު ހެނދުނު އަނެއްކާ ވެސް ޑެލިވަރީގެ ހިދުމަތް ފަށާފައިވާ ކަމަށެވެ.

މި ހިދުމަތް މާލޭގެ އިތުރުން ވިލިމާލެއާއި ހުޅުމާލެއަށް ވެސް ފޯރުކޮށްދޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އީއެސްޓީއޯވެބްސައިޓުންއެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުން ވިއްކާ ހުރިހާ މުދަލެއް ވެސް އޯޑަރުކުރެވޭނެ އެވެ.

ލޮކްޑައުންއާ ގުޅިގެން ގިނަ އަދަދެއްގެ މީހުން އެއްފަހަރާ މުދަލަށް އޯޑަރު ކުރަން ގުޅަން ފެށުމުން އެ ހިދުމަތަށް ކޮންމެ ވެސް ވަރެއްގެ ލަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ލޮކްޑައުން ހާލަތުގައި ފިހާރަތަކުން މުދާ ޑެލިވަރީ ކޮށްދެވޭނެ ގަޑިތަކެއް ވެސް ފުލުހުން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.

އެއީ ހެނދުނު 9:00 - މެންދުރު 2:00އަށް، މެންދުރުފަހު 3:00 - ހަވީރު 6:00އަށް އަދި ރޭގަނޑު 8:00 - 11:00 އާ ހަމައަށެވެ.