ގޭގެ މައި ދޮރު ބަންދުވެއްޖެ އެވެ. ބޭރުތެރެއަށް ނުކުމެ އުޅުމާ ފިހާރަތަކަށް ގޮސް ވިޔަފާރިކުރުމާ ގާތް ރަހުމަތްތެރިންނާ އެކު ކޮފީއަށް ދިޔުން މި ވަގުތަށް މަނާވެއްޖެ އެވެ. ކޮންމެ މީހެއްގެ ދިރިއުޅުމަކީ ވެސް މިހާރު ގޭގެ ހަތަރު ފާރުގެ އެތެރެ އެވެ. އެހެންވީއިރު ދެން އަހަރުމެންގެ ދިރިއުޅުން ނިކަން ފޫހިވާނެތާ އެވެ. އެކަމަކު އަދި ކަން އޮތީ މުޅިން އެހެނަކުން ނޫނެވެ.

ދުނިޔެ ދުށް އެންމެ މޮޅު އެއް ސައިންޓިސްޓް އަދި ޓެލެފޯނުގެ އުފެއްދުންތެރިޔާ ވިދާޅުވެފައިވެ އެވެ؛ "އެއް ދޮރު ބަންދުވެއްޖިއްޔާ އަނެއް ދޮރު ހުޅުވޭނެ އެވެ." މިއީ އެ ވަގުތުކޮޅެވެ.

ގެއިން ބޭރަށް ނުނުކުމެވުނަސް ގޭތެރޭގައި އަހަރެމެންނަށް ކުރެވިދާނެ އެތަށް އެތަށް ކަމެއް އެބަހުއްޓެވެ. ހިތް އުފާކޮށް، ތިމާ އެންމެ ލޯބިވާ އާއިލާއާއި އެކީގައި ކުރެވިދާނެ ކަންކަމުގެ ލިސްޓު ގިނަ އެވެ.

ގޭގައި އެންމެން އެއްކޮށް ދީނީ ކަންކަމަށް ފަރުވާތެރިވާން ރަނގަޅު ވަގުތެއް----ފޮޓޯ:- ރޯފޮޓޯސް

1. ރޯދަމަހަށް ތައްޔާރުވެ އަގީދާ ވަރުގަދަކުރޭ

ރޯދަމަހަށް ބާކީ މިއޮތީ ގާތްގަނޑަކަށް ހަފްތާއެކެވެ. ގޭތެރެ ތަރުތީބު ކުރުމާ ސާފުކުރުމުގެ ވާހަކަ އެއް ފަރާތްކޮށްލުމަށްފަހު، އަގީދާ ވަރުގަދަކޮށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ރޯދައަށް ތައްޔާރުވުމުގެ ވާހަކަ ދައްކަމާ ހިނގާށެވެ.

އުސްތާޒާ ސާމިޔާ ޒަކަރިއްޔާ ވިދާޅުވަނީ މި ވަގުތަކީ ރޯދައަށް ތައްޔާރުވެ އިސްލާމީ ރިވެތި އާދަތަކަށް ސަމާލުކަން ދިނުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"އެންމެ މުހިންމުކަމަކަށް، ލޮކްޑައުން އެއްގައި ތިބޭއިރު ގޭގެ އެންމެން އެއްކޮށް ނަމާދުކޮށް ހަތިމްކުރަން ފެށުމަށް ގުރުއާން ކިޔެވުމަކީ ކުރެވިދާނެ ކަމެއް. އެއާއެކު، ގޭގައި ތަރާވީސް ނަމާދާއި އަދި އެނޫން ރަވާތިބު ސުންނަތް ނަމާދުކުރާނެ ގޮތްތައް ދަސްކޮށް ކުދިންނަން އުނގަންނައިދެވިދާނެ" ސާމިޔާ ވިދާޅުވި އެވެ.

އެއާއި އެކު، އާއިލާ އެކުގައި ދީނީ ދަރުސްތައް އަޑުއަހާ ދީނީ އިބްރަތްތެރި ފިލްމުތަކާއި ވާހަކަތައް ދަރިންނާއި އެކު ބަލާ އެކަންކަމާއި ބެހޭގޮތުން ގޭގައި މަޝްވަރާކުރުމަކީވެސް މި ދަނޑިވަޅުގައި ކުރެވިދާނެ ކަމެއްކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ހަމައެޔާއެކު ހެޔޮ ދުއާތަކާއި ޒިކުރުތަކަށް ކުދިން އަހަލުވެރިކުރުމަކީ ވެސް މި ދަނޑިވަޅުގައި ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ ހެޔޮ އަމަލުތަކެއްގެ ގޮތުގައި ސާމިޔާ ފާހަގަކުރެއްވި އެވެ.

އާއިލާއެއްކޮށް ގޭތެރޭގެ ކަންކަމުގައި ބައިވެރިވެވޭނެ

2. އާއިލީ ގުޅުން ވަރުގަދަކުރަންވީ ވަގުތު

ކައުންސިލިން ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށް އިޖްތިމާއީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ހައްވާ ލީޝާ ވިދާޅުވާ ގޮތުގައި މި ވަގުތުގައި ގޭތެރޭގެ މަސައްކަތްތައް އާއިލާގެ ހުރިހާ މެންބަރުންނަށް ބަހާލާ އެންމެން އެއްކޮށް އެކަންކަން ކުރުމަކީ އާއިލީ ގުޅުން ވަރުގަދަކޮށް ޒިންމާދާރުކުރުވާނެ ކަމެކެވެ.

ދެމަފިރިން އެކަކު އަނަކަކާ މުއާމަލާތުކޮށް، ޝަކުވާތަކާއި ކަންބޮޑުވުންތައް ހިއްސާކޮށް ދެމަފިރިންގެ ގުޅުން ވަރުގަދަކުރުމަށް މަސައްކަތްކުރުން މުހިންމެވެ. މިވަގުތަކީ ކޮންމެ މީހެއްވެސް ހާސްވެ ކަންބޮޑުވުން އެކަށީގެންވާ ވަގުތަކަށްވާއިރު، އަނެކާގެ އިހުސާސްތައްވެސް ދަނެ، އެ ވާހަކަތައް އަޑުއަހާ ބަލައިގަތުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމަކެވެ.

ކޮންމެ ވަގުތެއްގައިވެސް ޕޮޒިޓިވް ވިސްނުމެއް ގެންގުޅުމަށް ހަނދާންކޮށްދީ ލީޝާ ވިދާޅުވީ މި ވަގުތަކީ ދަރިންނާ އެކީގައި ޝައުގުވެރިވާ ކަމެއް އެކުގައިކޮށް، އެ ކުދިންނާ ވާހަކަދެއްކުން މުހިންމު ވަގުތެއް ކަމަށެވެ. މީގެއިތުރުން އާއިލާ އެއްކޮށް އާ ހުނަރުތަކާއި މަސައްކަތްތައް ދަސްކޮށް ތަޖުރިބާކޮށްލުމަކީ ވެސް މިވަގުތުގައި ކުރެވިދާނެ ތަފާތުކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރިންނާއި އެއްކޮށް ފޮތްކިޔާލެވިދާނެ --

3. ފޮތް ކިޔާލާ، ފިލްމެއް ބަލާލަބަލަ!

ގޭގައި މިހެން ތިބެން ޖެހުމަކީ ވަރަށް ޑިޕްރެސިން ކަމެކެވެ. އެހެންކަމުން މިކަމަށް ދެވެން އޮތް އެންމެ ބޮޑު ހައްލަކީ މިކަމުން މީހާގެ ވިސްނުމާއި ސިކުނޑީ ދުރަށް ގެންގޮސް ދޭނެ ކަމެއްގައި ބިޒާވުމެވެ. މިގޮތުން ވާހަކަ ފޮތާއި ފިލްމަކީ ވަރަށް ބޮޑު އެހީއަކަށްވާނެ އެވެ. ހާއްސަކޮށް ސޯޝަލް މީޑިއާތަކާއި ޓީވީތަކުން އަބަދުމެ މިދައްކާ ކޮވިޑް19ގެ ވާހަކަތަކުން ތިމާ ބޭރުވެ މުޅިން އެހެން ހިޔާލީ ދުނިޔެއަކަށް މި ފޮތްތަކާއި ފިލްމްތަކުން ތިމާ ގެންގޮސް ދޭނެ އެވެ.

މި ނޫނަސް ބައިސްކޯފު އެޕުންވެސް ރީތި ދިވެހި ވާހަކަތަކުގެ އޯޑިއޯ ބުކްސް އަޑުއަހާލެވެން އެބަހުއްޓެވެ. މިގޮތުން މަޝްހޫރު ދޮންބީފާނު ވާހަކަ، ކެހިވެރިލޯބި، ދޮންހިޔަލާއި އަލިފުޅު، އަދި އަލިފް ލައިލާވެސް ބައިސްކޯފުން އަޑުއަހާލެވޭނެ އެވެ.

ފިލްމްތަކަށް ބަލާލާއިރު ދިވެހި ފިލްމު ބަލާލާހިތްވާ ނަމަ އަނެއްކާވެސް މިއޮތީ ބައިސްކޯފެވެ. ހެއްވާ މަޖާ އެކި ފިލްމުތަކާއި، ލޯތްބާއި އާއިލީ އެކި މައްސަލަތަކާއި، ބިރުވެރި ޖޯންރާވެސް ބައިސްކޯފުގެ އެހާރާއި މިހާރުގެ ކަލެކްޝަންގައި އެބަހުއްޓެވެ.

ނޫންނަމަ ނެޓްފްލިކްސްއިންވެސް އާއިލާ އެއްކޮށް ތިބެ ބަލާލެވޭނެ ކަހަލަ އޮޕްޝަންތަކެއް ވެސް އެބަހުއްޓެވެ.

  • އިންކްރެޑިބްލްސް 2

  • ދަ އެޑްވެންޗާރސް އޮފް ޓިންޓިން
  • މޭރީ ޕޮޕިންސް ރިޓާރންސް
  • ސްޕޭސް ޖޭމް
  • ދަ ބޯއީ ހޫ ހާރނެސްޑް ދަ ވިންޑް

މިއީ އުނދަގޫ ވަގުތުކޮޅެއް ނަމަވެސް ކޮންމެ ކަމަކީ ތާއަބަދުމެ ދެމިއޮންނާނެ ކަމެއް ނޫނެވެ. ހާސްނުވާށެވެ. ކެތްތެރިވާށެވެ. އިސާހިތަކު މިކަމުން އަރައިގަނެވިދާނެ އެވެ. ގޭގާ ބަންދުވުމަކީ ވެސް އާ ފުރުސަތުތަކެއް ކަމަށް ބަލާށެވެ.