16 Apr 2020, 11:50
ކޮވިޑް-19 އާ ގުޅިގެން މިދަނޑިވަޅުގައި އެއްވެސް ސަބަބަކާ ހުރެ ގޭބިސީގެ ފެންބިލު ދެއްކުން ލަސްވި ކަމުގައިވިޔަސް އެ ގެއަކުން ފެނުގެ ހިދުމަތް ކަނޑައެއް ނުލާނެ ކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފި އެވެ.
މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން އާންމުންނަށް ގިނަ ލުއިތަކެއް ދިނުމުގެ ގޮތުން އެމްޑަބްލިއުއެސްސީ އިން ދަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިއަދު ސަން އަށް މައުލޫމާތުމާތު ދެއްވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ޑިސްކަނެކްޝަން ޓީމެއް ހަރަކާތްތެރިވަމުންދާނެ ކަމަށާއި ހިދުމަތް ކަނޑައިނުލުމަށް އެ ފަރާތްތަކަށް ނުރަސްމީކޮށް އަންގާފައިވާނެ ކަމަށެވެ.
މީގެކުރީން ދެ ބިލަށް ފައިސާ ނުދެއްކި ހުރެއްޖެ ނަމަ ތަޅު އަޅުވައި ފެނުގެ ހިދުމަތް މެދުކަނޑާލާނެ ކަމަށް ޝާހު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ހާލަތާ ގުޅިގެން އެގޮތަށް ކަންތައް ނުކުރުމަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަދި ހިދުމަތް ކަނޑާލެވިފައިވާނަމަ، 105 އަށް ގުޅުއްވާ އެކަން އަންގާލުމުން ހިދުމަތް އަލުން ފޯރުކޮށްދޭނެ،" ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ އެގޮތަށް ކަންތައްކުރާނީ ޑޮމެސްޓިކް ގޭބިސީތަކަށް ކަމަށެވެ. މިވަގުތު އެމްޑަބްލިއުއެސްސީގައި 44،033 ޑޮމެސްޓިކް ކަސްޓަމަރުން އެބަތިބިކަމަށް ޝާހު ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ގޭގައި ތިބުމަށް ބާރު އަޅާއިރު، ފާއިތުވި ދުވަސްތަކުގައި ފެން ބޭނުންކުރަމުންދާ މިންވަރު އިތުރުވެފައި ނުވާ ކަމަށް ޝާހު ފާހަގަކުރެއްވިއެވެ. ގޭގައި ތިބުމުން ފެން ބޭނުންކުރާ މިންވަރު އިތުރުވެދާނެ ކަމަށް ބަލައި އެމްޑަބްލިއުއެސްސީއިން ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ފެން ބޭނުންކުރާ މިންވަރު ވަނީ މަދުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އެގޮތަށް ކަންތައް ވުމުގެ ފަހަތުގައި ފަހަރުގައި ވެދާނެ، ގިނަ ބޭފުޅުން ރަށުން ބޭރުގައި ތިބީ ކަމަށްވެސް،" އޭނާ ވިދާޅުވި އެެވެ.
ކޮރޯނާ ވައިރަސް އާ ގުޅިގެން ކޮންމެ ގެއަކަށް އެއް ޓަނުގެ ހިލޭ ފެން ފޯރުކޮށްދިނުމަށް އެމްޑަބްލިއުއެސްސީއިން ވަނީ ނިންމާފަ އެވެ. އަދި ކުރިއަށް އޮތް ދެމަހުގެ ފެން ބިލުން 30 ޕަސެންޓް ސަބްސިޑައިޒްކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.