މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ރޭ މަގުމަތިވެފައި ތިބި 42 މީހަކު ޖެންޑާގެ ބެލުމުގެ ދަށުގައި، ވަގުތީ ހިޔާވަހިކަމުގައި އެބަތިބި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ފުލުހުންގެ އެދުމުގެ މަތިން، އެޑިއުކޭޝަން މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން، މަގުމަތިވެފައި ތިބި މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ިކާބޯތަކެތި ފޯރުކޮށްދިނުމަށް ރޭ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ، ރޭ މަގުމަތިވެފައި ތިބި 42 މީހަކު ޖެންޑާގެ ބެލުމުގެ ދަށަށް ގެންގޮސް ވަގުތީ ހިޔާވަހިކަމުގައި ބޭތިއްބިފައިވާ ކަމަށެވެ.

އަދި މާލެ ސިޓީ ކައުންސިލާ ގުޅިގެން އެމީހުންގެ ހާލަތު އެސެސްކޮށް ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރޭ ފުލުހުން ކުރި މަސައްކަތުން މަގުމަތިވެފައި ތިބި 24 މީހަކު ހޯދުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމީހުންނަށް ވަނީ ކާބޯތަކެތި ވެސް ފޯރުކޮށްދީފައެވެ.

ލޮކްޑައުން އާ ގުޅިގެން ގެދޮރު ނެތް މީހުންނަށް ވަގުތީ ހިޔާތައް ވެސް ހަމަޖައްސާފައި ވަނީ ދިވެހި ސަރުކާރާއި ދިވެހި ރެޑް ކްރެސެންޓް ގުޅިގެންނެވެ.

ހަމައެއާ އެކު ލޮކްޑައުން އާ ގުޅިގެން މަގުމަތިވެފައި ތިބި ބިދޭސީން ވެސް ވަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސް އެމީހުންނަށް ނިދޭނެ އިންތިޒާމް ހަމަޖައްސައިފައެވެ.

މާލެއިން އެންމެ ފުރަތަމަ މީހަކު ބައްޔަށް ޕޮޒިޓިވްވީ އިއްޔެ ހެނދުނެވެ. އޭނާއާ ކޮންޓެކްޓުވި އިތުރު ދެ މީހަކު ވެސް ބައްޔަށް ޕޮޒިޓިވްް ވެފައިވާކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ޕޭޝަންޓް21 ގެ ތުއްތު ދަރިފުޅު ވެސް ހިމެނެއެވެ.

މިހާރު ކޮރޯނާވައިރަހާ ގުޅިގެން މާލޭގެ އެލާޓް ސްޓޭޓަސް ވަނީ ރަތް ކުލައަށް މަތިކޮށްފައެވެ.