16 Apr 2020, 11:06
މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ދިރިއުޅޭ ދިވެހިންނަށް ފޮނުވާ ކެއާ ޕެކޭޖުތައް ބަލައިގަތުން މެދުކަނޑާލައިފިއެވެ.
ކޮވިޑް19 ގެ ސަބަބުން ޔޫއޭއީގައި ދިރިއުޅޭ ދިވެހީންނަށް ޒަރޫރީ ބައެއް ތަކެތި ހޯދުމަށް ދަތިވެފައިވާތީ އެ ފަރާތްތަކަށް މޯލްޑިވިއަން މެދުވެރިކޮށް ކެއާ ޕެކޭޖު ފޮނުވަން ނިންމީ މާދަމާ އެވެ.
އަދި ކެއާ ޕެކޭޖުތައް ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންދަން ނިންމާފައި އޮތީ މިއަދު ހެނދުނު 09:00 އިން ފެށިގެން މެންދުރު ފަހު 15:00ގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލް ކައިރީގައެވެ.
ނަމަވެސް މިއަދު 3:30 އާ ހަމައަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ކެއާ ޕެކޭޖުތައް ބަލައިގަތުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ ޕެކޭޖުތައް ބަލައިގަންނާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
މިނިސްޓްރީއިން އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ ކޮންމެ އާއިލާއަކަށްވެސް ގިނަ ވެގެން ފޮނުވޭނީ 15 ކިލޯގެ ތަކެއްޗެވެ.
މޯލްޑިވިއަންގެ ކާގޯ ފްލައިޓުތަކުގައި ސްރީލަަންކާ، މެލޭޝިޔާ އަދި އިންޑިއާގައި އުޅޭ ދިވެހީންނަށް ވަނީ ކެއާ ޕެކޭޖު ގެންގޮސްދީފައެވެ.
ފޮރިން މިނިސްޓްރީން ބުނީ ލަންކާ އަދި އިންޑިއާއަށް ފޮނުވި ޕެކޭޖުތަކުގެ ބޮޑު ބައި މިހާރު އާއިލާތަކާ ހަވާލު ކުރެވިފައިވާ ކަމަށެވެ.
މޯލްޑިވިއަންގެ ފްލައިޓްގައި އިންޑިއާއަށް ކެއާ ޕެކޭޖު ފޮނުވަން ހުޅުވާލި ފުރުސަތުގައި 144 އާއިލާ އަކަށް ޕެކޭޖް ވަނީ ފޮނުވާފަ އެވެ. އަދި ލަންކާއަށް 622 ޕެކޭޖު ވަނީ ފޮނުވައިފައެވެ.
މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ދިރުއުޅޭ ދިވެހި އާއިލާތަކަށް 452 ކެއާ ޕެކޭޖް ވަނީ ފޮނުވައިފައެވެ.
ރާއްޖެއަކީ ކޮވިޑް-19 އާ ގުޅިގެން މިގޮތަށް ބޭރުގައި ތިބި އެގައުމުގެ ރައްޔިތުންނަށް ކެއަރޕެކޭޖް ފޮނުވާ ފުރަތަމަ ގައުމެވެ.
މާލެ ސަރަހައްދު 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައި ވަނީ، މާލެއިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. މިހާތަނަށް މާލެއިން ބަލިޖެހިފައިވާ ތިން މީހަކު ވަނީ ފެނިފައެވެ.