ކޮރޯނާވައިރަހުގެ ފުރަތަމަ ކޭސް އިއްޔެ މާލެ ތެރެއިން ފެނުމާ އެކު، ރައްކާތެރިކަމުގެ ފިިޔަވަޅެއްގެ ގޮތުން މީހުން ބޭރަށް ނުކުތުން މަނާކޮށް، މާލެ ސިޓީ އިއްޔެ ވަނީ ލޮކްޑައުން ކޮށްފަ އެވެ. އިއްޔެ ހެނދުނު މާލެއިން ފެނުނު ކޭހާ ގުޅިގެން އިއްޔެ ހަވީރު 3:30 އިން ފެށިގެން 24 ގަޑިއިރަށް، މާލެ ލޮކްޑައުން ކޮށްފައިވާއިރު ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގަނެވޭނެ ހަމައެކަނި މަގަކީ، ފިހާރަތަކުންދޭ ޑެލިވަރީގެ ހިދުމަތެވެ.

މާލެ ސަރަހައްދު ލޮކްޑައުން އަކަށް ގޮސްފިނަމަ މި ހިދުމަތްދޭނެ ފިހާރަތަކުގެ މައުލޫމާތު މާލެ ސިޓީކައުންސިލާއި އެޗްޑީސީ އިން ވަނީ ދުރާލާ އެއްކޮށްފައި ކަމަށް މީގެ ކުރިން ބުނެފައިވެ އެވެ. އެ ތަންތަނުގެ މައުލޫމާތު އާންމު ވެސް ކުރި އެވެ.

އެކަމަކު ޑެލިވަރީގެ ނިޒާމާ މެދު އާންމުންގެ ޝަކުވާއެއް އެބަ އޮތެވެ. އެ ނިޒާމު ރަނގަޅަށް މަސައްކަތް ނުކުރުމުން އާންމުންނަށް ވަނީ އިންތިހާއަށް ދަތިވެފަ އެވެ.

މާލޭ އަމީނީމަގު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގޭގޭގައި ބަންދުވެފައި ތިބި މި ވަގުތުގައި ސާމާނު ހޯދުމަށް ފިހާރަތަކަށް ގުޅަމުންދާއިރު، މީހުންގެ އެންމެ ބޮޑު ޝަކުވާ އަކީ ފިހާރަތަކުން ފޯނަށް ޖަވާބު ނުދިނުމެވެ. ނޫނީ ފޯނު ނިއްވާލާފައި އޮތުމެވެ. ބައެއް ފިހާރަތަކުން އޯޑަރު ނެގުމަށްފަހު ހަބަރެއް ނުވާކަމުގެ ކަންބޮޑުވުން ވެސް އެބައޮތެވެ.

"އިއްޔެ ހަވީރު އޯޑަރު ދިން އެއްޗެހީގެ ކޮންފަމޭޝަން އަށް ގުޅާނެކަމަށް ފިހާރައިން ބުނި. އަދި ހަބަރެއް ނުވޭ،" ގެއަށް ބޭނުންވާ ބައެއް ޒަރޫރީ ކާބޯތަކެތި ހޯދުމަށް ފިހާރައަކަށް އޯޑަރު ދިން މީހަކު ބުންޏެވެ.

ޑެލިވަރީގެ ހިދުމަތް ދޭނެ ކަމަށް އިއުލާނުކޮށްފައިވާ ފިހާރަތަކުން ބުނާގޮތުން ހިދުމަތް ލަސްވަނީ ލިބިފައިވާ އޯޑަރުތައް ގިނަ ކަމުންނެވެ. އެތައް ހާސް އޯޑަރެއް އެފަހަރާ ލިބުމުން، ޑެލިވަރީ ކުރަން ވަގުތު ނަގާނެކަމަށް ފިހާރަތަކުން ބުނެ އެވެ. މައްސަލައަކަށް ވަނީ ޑިމާންޑް މާ ބޮޑުވުމެވެ.

މާލޭގެ މަގުތައް ފަޅުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަހާ ގުޅިގެން ދުނިޔޭގެ ބޮޑެތި ސިޓީތައް ލޮކްޑައުން ކުރި އިރު އެ ސިޓީތަކުގައި އުޅޭ ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ފަސޭހައަކީ ބޭނުންވާ ޒަރޫރީ ސާމާނު ފަސޭހައިން ޑެލިވަރީ ކޮށްދޭނެ ނިޒާމެއް ގާއިމްވެފައި އޮތުމެވެ.

އެކަމާ ހުރެ ބައެއް މީހުން ގެއިން ނިކުމެ ބޮޑެތި ފިހާރަތަކުގެ ކައިރިއަށް ވެސް އަންނަނީ ޖަމާވަމުންނެވެ.

އެންމެ ފުރަތަމަ ބަލި ފެނުނު ވޫހާން ސިޓީ ބަންދުކޮށްފައި އޮތްއިރު، އެ ސިޓީ "ހިފަހައްޓާލެވުނީ" އެފިޝިއަންޓް ޑެލިވަރީގެ ހިދުމަތާއެކު އެވެ. އަސާސީ ބޭހުގެ ސާމާނުން ފެށިގެން ކާބޯތަކެއްޗާއި އެ ނޫން ވެސް ތަކެތި ގޭގެއަށް ޑެލިވަރީ ކޮށްދިނުމަށް ގާއިމް ކުރި ނިޒާމާއެކު ބަލީގެ ސަބަބުން ލޮކްޑައުން ކުރި ވޫހާންގެ ރައްޔިތުންނަށް އަސާސީ ތަކެތި ލިބެމުން ދިޔަ އެވެ. ރައްޔިތުން ގޭގޭގައި ބަންދުވިއިރު، މަގުތައް މަތީ ހިދުމަތް ދިނުމަށް އުޅުނީ ޑެލިވަރީގެ ހިދުމަތްދޭ ފަރާތްތަކުންނެވެ.

އެގޮތުން މޭވާ އާއި ތަރުކާރީ، ނޫޑްލްސް އަދި ޗޮކްލެޓް ފަދަ ސާމާނު ރައްޔިތުންގެ ގޭގެ ދޮރާއި ހަމައަށް ފޯރުކޮށްދިނުމުގެ އަވަސް ހިދުމަތް ވޫހާން ގައި ދީފައިވެ އެވެ.

އެތައް މިލިއަން ބަޔަކު އުޅޭ ވޫހާންގައި ޑެލިވަރީގެ ހިދުމަތަށް ބާރުބޮޑުވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގައި އެ ސިޓީ އިން ވަނީ ނަމޫނާ ދައްކައިފަ އެވެ.

މާލެ ސިޓީގައި ޑެލިވަރީގެ ހިދުމަތް ދިނުމަށް ފުލުހުން ކަނޑައަޅާފައިވާ ވަގުތަކީ ހެނދުނު 9:00 އިން މެންދުރު 2:00 އަށް އަދި ހަވީރު 3:00 އިން އިރޮއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00އާ ހަމައަށެވެ.

އޭޕްރީލް 15، 2020: ކޮވިޑް19 ޖެހިފައިވާ މީހަކު މާލެއިން ފެނުމާ ގުޅިގެން، 24 ގަޑިއިރަށް މާލެ ސަރަހައްދު ބަންދުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ހިދުމަތް ދެވޭނީ ފުލުހުން ދޭ ހާއްސަ ހުއްދައެއް ލިބިފައިވާ ފިހާރަތަކަށާއި ކެފޭ ރެސްޓޯރެންޓު ތަކަށެވެ. މި ހާލަތުގައި ކައްކާ ގޭސް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް މޯލްޑިވް ގޭހުން ދަނީ ފޯރުކޮށްދެމުންނެވެ.

މިވަގުތު އެދޭ އެންމެ ބޮޑުު އެދުމަކީ، ބޭނުންވާ ޒަރޫރީ ތަކެތި ފިހާރަތަކުން ފަސޭހައިން ލިބޭނެ ގޮތެއް ފަހިވުމެވެ. ލޮކްޑައުންގެ މުއްދަތު އިތުރުވާނެ ކަމަށް ބެލެވޭއިރު، ޑެލިވަރީގެ ހިދުމަތް އެކަށީގެންވާ ގޮތަކަށް ފޯރުކޮށް ނުދެވޭނަމަ ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑެތި ދަތިތައް ކުރިމަތިވާނެ އެވެ. އެ ނިޒާމު އަދި ފައްކާ ކުރަން ޖެހެ އެވެ.