16 Apr 2020, 09:28
މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން އޭޑީކޭގެ ސްޕެޝަލިސްޓުން ގޭގެއަށް ގޮސް ބަލިމީހުން ބަލައިދިނުން މެދުކަނޑާލައިފި އެވެ.
އޭޑީކޭއިން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ ހޯމް ކޮންސަލްޓޭޝަން، ހޯމް ސާމްޕަލް ކަލެކްޝަން އަދި އަދި އޭޑީކޭ އެޓް ހޯމްގެ ހިދުމަތްތައް ވަގުތީ ގޮތުންް ހުއްޓާލާފައިިވާ ކަމަށެވެ.
އެހެން ނަމަވެސް އޮންލައިން ކޮންސަލްޓޭޝަންގެ ހިދުމަތް ކުރިއެކޭ އެއްގޮތަށް ދެމުން ގެންދާނެ ކަމަށް އޭޑީކޭއިން ބުންޏެވެ.
އޭޑީކޭގެ ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުން ވެސް ގޭގެއަށް ގޮސް ބަލި މީހުން ބަލަން ފެށީ ވެސް ކޮރޯނާ އާ ގުޅިގެން މީހުން ހޮސްޕިޓަލަށް ނުދިއުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
މީގެ އިތުރުން ވެސް ކޮވިޑް19 އާ ގުޅިގެން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް އޭޑީކޭ އިން ވަނީ އަޅައިފަ އެވެ. އެގޮތުން ހުން ނުވަތް ރޯގާގެ އެއްވެސް އަލާމާތެއް ހުރި މީހަކު ހޮސްޕިޓަލަށް ގޮސްފި ނަމަ، އެމީހަކު ފްލޫ ކްލިނިކަށް ފޮނުވާ ގޮތަށް ވަނީ ނިންމައިފަ އެވެ.
އަދި ހޮސްޕިޓަލުގައި އެޑްމިޓުކުރެވިފައިވާ ބަލިމީހުންނަށް ޒިޔާރަތްކުރުން ހުއްޓާލާފައިވާއިރު، ބަލި މީހާގެ ގާތުގައި މަޑުކުރެވޭނީ އެންމެ މީހަކަށް ކަމަށް އޭޑީކޭ އިން ބުންޏެވެ.
އޭޑީކޭއަށް މިހާރު ވަދެވޭނީ އެމަޖެންސީ ދޮރާށިންނެވެ. އަދި ހޮސްޕިޓަލަށް ވަދެވޭނީ ވެސް އެ ހޮސްޕިޓަލުން ހުއްދަ ދޭ ފަރާތްތަކަށް އެކަންޏެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން އޭޑީކޭ އިން ވަނީ އޮންލައިން ފްލޫ ކްލިނިކެއްވެސް ތައާރަފްކޮށްފަ އެވެ. މިހާތަނަށް އެ ކްލިނިކަށް 902 މީހަކު ދައްކާފައިވެ އެވެ.
މާލެއިން މިހާތަނަށް ކޮވިޑް19 ޖެހިފައިވާ ތިން މީހަކު ވަނީ ފެނިފަ އެވެ.