18 Dec 2011, 12:42
ޗައިނާގެ ޓޫރިސްޓުންނަށް ހާއްސަކޮށްގެން ރާއްޖޭގައި ޓޫރިސްޓް ރިސޯޓާއި އެހެނިހެން ވެސް ހިދުމަތްތައް ތަރައްގީ ކުރުމަށް ޗައިނާގެ ކުންފުންޏަކާ އެކު ސަރުކާރުން މަޝްވަރާކުރަންފަށައިފި އެވެ.
ނަން މަޝްހޫރު ވިޔަފާރީގެ ނޫސް، ފޯބްސް އަށް މިދިޔަ ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވެސް ވިދާޅުވެފައި ވަނީ ރާއްޖޭގައި ކުރާ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަށް ޗައިނާގެ 'އީޓީޖީ'ކުންފުންޏަކާ އެކު، މިހާރު މަޝްވަރާތައް ބާއްވަމުން އަންނަ އިންވެސްޓްމަންޓްވާނެ ކަމަށެވެ.
ފޯބްސް އިން ވެސް އެ އިންވެސްޓްމަންޓް ސިފަކުރަނީ ރާއްޖޭގައި ކުރާ އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓުގެ ގޮތުގަ އެވެ.
ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ މިއަދު ވިދާޅުވީ ޗައިނާގެ 'އީޓީޖީ' އިން ހުށަހަޅާފައި ވަނީ "ވަރަށް ބޮޑު" އިންވެސްޓްމަންޓެއް ކުރުމަށް ކަމަށެވެ. އެ އިންވެސްޓްމަންޓްގެ ސީއެސްއާރާ އެކު ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު (ރަސްމީ ރޭޓުން 3.1 ބިލިއަން ރުފިޔާ) އިންވެސްޓް ކުރުމަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ ބޮޑު އިންވެސްޓްމަންޓެއް ވީމާ އަޅުގަނޑުމެން ބަލަން ޖެހޭ ކަންތައްތައް ބަލައި އަދި ކުރަން ޖެހޭ މަޝްވަރާތައް ކުރަމުން މިދަނީ. މިކޮޅުން ހުށަހަޅާ ގޮތް އެކޮޅުން ބަލާފައި އަދި މިކޮޅަށް ފޮނުވީމާ މިކޮޅުން ވެސް ބަލާފައި މަޝްވަރާތައް މިދަނީ، މޯޅިވުމެއް ނެތި ކުރިއަށް،" ޒުލްފާ ވިދާޅުވި އެވެ. "ދެން މާގިނަ ދުވަހެއް ނުވެ އެކަން އަވަހަށް ނިމޭނެ،"
ޒުލްފާ ވިދާޅުވީ އެ ކުންފުންޏަކީ ބެކްރައުންޑް ރަނގަޅު ޗައިނާގައި ވެސް އެފަދަ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށެވެ. އަދި ވިދާޅުވީ ޗައިނާގެ އިންވެސްޓަރުންނަކީ ބޮޑަތި އިންވެސްޓްމަންޓްތައް ކުރާ ބައެއް ކަމަށެވެ.
ޗައިނާގެ ޓޫރިސްޓުންނަކީ ޔޫރަޕުގެ ޓޫރިސްޓުންނާ ތަފާތު ބައެކެވެ. ކެއުމުގެ އާދަތަކާއި އެމީހުންގެ ދިރިއުޅުން ހުންނަގޮތް ތަފާތެވެ.
މިނިސްޓަރު ވިދާޅުވީ އެ އިންވެސްޓްމަންޓުގެ ސަބަބުން ޗައިނާ މާކެޓުން ރަނގަޅު ނަފާއެއް ރާއްޖެ އަށް ހޯދުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ މިހާރު އެންމެ ރަނގަޅު ނަފާއެއް ނުހޯދިގެން މި އުޅެނީ ރަނގަޅު ފޯކަސްއެއް ނެތުމުން ކަން ނޭނގެ. އެކަމަކު ޗައިނާގެ މާކެޓަށް ހާއްސަ ޕްރޮޑަކްޓަކުން އެ ނަފާ އެންމެ ރަނގަޅު ގޮތުގައި ހޯދިދޭނެ،" ޒުލްފާ ވިދާޅުވި އެވެ.
ޗައިނާގެ ކުންފުންޏަކުން ރާއްޖެ އަށް އިންވެސްޓްކުރަން ޝައުގުވެރިވި އިރު ދާދިފަހުން ޗައިނާގެ އެމްބަސީއެއް ވެސް ރާއްޖޭގައި ވަނީ ހުޅުވައިފަ އެވެ.