16 Apr 2020, 09:11
ރާއްޖޭގައި ތިބި ތައިލެންޑުގެ 55 މީހަކާއެކު މޯލްޑިވިއަންގެ ފްލައިޓެއް ތައިލެންޑަށް ފުރައިފި އެވެ.
ތައިލެންޑުގެ ފަތުރުވެރިންނާއެކު ފުރި ފްލައިޓަކީ އެގައުމުގައި ތިބި ދިވެހިންނަށް ފޮނުވި ކެއާ ޕެކޭޖުތަކާއެކު ދިޔަ ފްލައިޓެވެ. މި ފްލައިޓުގައި ރާއްޖޭގައި މިވަގުތު ތިބި ތައިލެންޑުގެ ފަތުރުވެރިންނާއި ވޯކް ޕާމިޓް ހޯލްޑަރުންވެސް އެނބުރި ގައުމަށް ގޮސްފައިވެ އެވެ.
މޯލްޑިވިއަން އިން ދަނީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގެނައުމަށް ރާއްޖެއިން ބޭރަށް ކާގޯ ދަތުރުތައް ބާއްވަމުންނެވެ. މި ދަތުރުތައް ބާއްވާ ސިޓީތަކުގައި ތިބޭ ދިވެހިންނަށް ބޭނުންވާ ކެއާ ޕެކޭޖު ފޮނުވުމުގެ އިންތިޒާމު ފޮރިން މިނިސްޓްރީ މެދުވެރިކޮށް ހުޅުވާލަ އެވެ. އެގޮތުން ތައިލެންޑުގައި ތިބި ދިވެހިންނަށް ކެއާ ޕެކޭޖު ފޮނުވުމަށް މިމަހުގެ 12 ވަނަ ދުވަހު ހުޅުވާލި އެވެ.
މީގެ ކުރިން މެލޭޝިއާ، ލަންކާ އިންޑިއާ އަދި ޔޫއޭއީގައި ތިބި ދިވެހިންނަށް ކެއާ ޕެކޭޖު ފޮނުވޭނެ އިންތިޒާމުވެސް ސަރުކާރުން ހަމަޖައްސައިދިނެވެ.
ކޮރޯނާ އާއި ގުޅިގެން ލޮކްޑައުން ކޮށްފައިވާ ސިޓީތަކުގައި ތިބި ދިވެހިންގެ ތެރެއިން އަނބުރާ ގައުމަށް އަންނަން ބޭނުންވާ މީހުން ގެނެސްދިނުމުގެ މަސައްކަތްވެސް ސަރުކާރާ ގުޅިގެން މޯލްޑިވިއަން އިން ދަނީ ކުރަމުންނެވެ.