މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ބޮޑެތި ފުޓުބޯޅަ ކްލަބުތަކުން މުސާރަ ކުޑަކުރިތާ ދުވަސްތަކެއް ފަހުން އެންމެފަހުން އާސެނަލްގެ ކުޅުންތެރިންގެ މުސާރަވެސް ކުޑަކުރަން އެއްބަސްވާ ފަދަ ސިގްނަލްތަކެއް ކުޅުންތެރިން ދީފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފުޓުބޯޅަ ހުއްޓުމަށް އައިސްފައިވާއިރު އެކަމާ ގުޅިގެން ކްލަބުތަކުގެ މުވައްޒަފުންގެ ވަޒީފާތައް ދަނީ ގެއްލެމުންނެވެ. އެކަން ފޫބެއްދުމުގެ ގޮތުން ކުޅުންތެރިންގެ މުސާރަ ކުޑަކޮށް، އެ މުސާރައިން މުވައްޒަފުންނަށް މުސާރަ ދިނުމުގެ މަސައްކަތް ދަނީ ގިނަ ކްލަބުތަކުން ކުރަމުންނެވެ.

އާސެނަލް އިން ދާދި ފަހުން ބުނެފައިވަނީ އެ ކްލަބުން އަންނަނީ ކުޅުންތެރިންގެ މުސާރަ ކުޑަކުރުމާ ގުޅޭގޮތުން "ޕްރޮޑަކްޓިވް" މަޝްވަރާތައް ކުރަމުން ކަމަށެވެ.

ކްލަބުގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރާނެ ގޮތަކާ މެދު ކުޅުންތެރިން ވަކި ގޮތެއް ނިންމާފައި ނުވި ނަމަވެސް އެ ކްލަބުގެ އެގްޒެކިއުޓިވް ޓީމުގެ މުސާރަ ވަނީ މިހާރު ކުޑަކޮށްފައެވެ. އެގޮތުން އެ ޓީމުގެ މެމްބަރުންގެ މުސާރައިގެ ތިންބައިކުޅަ އެއްބައި ކުޑަކުރުމަށް ވަނީ ޓީމުން ނިންމާފައެވެ.

އާސެނަލް ކުޅުންތެރިންގެ މުސާރަ ކުޑަކޮށް ވަކި ގޮތެއް ނިންމާނެ ދުވަހެއް އެ ކްލަބުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މުސާރަ ކުޑަކުރުމުގެ މަޝްވަރާތައް ފާއިތުވި 10 ދުވަސް ވަންދެއް ކުރިއަށް ދާ ކަމަށް ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ކްލަބުގެ މުވައްޒަފުންނަށް މުސާރަ ދިނުމުގެ ގޮތުން ބައެއް ކްލަބުތަކުގެ ކުޅުންތެރިންގެ މުސާރައިގެ 70 ޕަސެންޓް އާ ހަމައަށް ކުޑަކުރުމަށް ވަނީ ކުޅުންތެރިން އެއްބަސްވެފައެވެ.