މިހާރު ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ރައްޔިތުން ހާސްވާނެ ކަން އެނގޭ ކަމަށާއި، އެހެން ނަމަވެސް އެ ހާސްކަމުގައި ސިއްހީ އެއްވެސް ހިދުމަތްތެރިއަކަށް ބިރުދައްކައި، ހަމަލާދިނުން ބަލައިނުގަންނާނެ ކަމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ބުނެފި އެވެ.

އިއްޔެ އެސްޓީއޯ ސުޕަމާޓު ތެރޭގައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ނަސޭހަތްތެރިވި ބިދޭސީ ޑޮކްޓަރަކަށް ދިވެއްސަކު ވަނީ ހަމަލާދީފަ އެވެ.

އަދި އިއްޔެ ލ. އަތޮޅަށް ދިޔަ ފްލައިޓެއްގައި އެންމެ ފުރަތަމަ މާލެއިން ބައްޔަށް ޕޮޒިޓިވްވި ޕޭޝަންޓް21 އާ ކޮންޓެކްޓުވި މީހަކު އިނުމުން އެ ފްލައިޓް އަނބުރާ ޖެއްސުމަށް މަސައްކަތް ކުރުމުން، އެ ފްލައިޓުގައި ތިބި ބަޔަކު ވެސް ހަޑިހުތުރު ބަހުން މުއާމަލާތު ކޮށްފައިވާކަން ވަނީ އެނގިފަ އެވެ.

މިކަންކަމާ ގުޅިގެން މެޑިކަލް އެސޯސިއޭޝަނުން ކުރި ޓުވީޓެއްގައި ބުނެފައި ހުރިހާ އެންމެންގެ ރައްކާތެރިކަމަށް ސިއްހީ ހިދުމަތްތެރިން ކުރަންޖެހޭ ކަންކަން ކުރަން ޖެހޭނެ ކަމަށެވެ.

"މިގޮތުން ނަގަން ޖެހޭ ޒިންމާގެ ދަށުން ނިންމާ ކަންކަމުން ސިއްހީދާއިރާގެ ހިދުމަތްތެރިންނަށް ފުރައްސާރަކޮށް ބިރުދެއްކުމަކީ ދަށު ދަރަޖައިގެ އަމަލެއް،" އެ ކައުންސިލުން ބުނެފަ އެވެ.

މެޑިކަލް ކައުންސިލުން ބުނީ އިއްޔެ ލ. އަތޮޅަށް ދިޔަ މޯލްޑިވިއަންގެ ފްލައިޓް ގައި ކަންކަންވީ ގޮތާއި، އެކަމުގެ ސަބަބުން ސިއްހީ ހިދުމަތްތެރިން ނެގި ވިސްނުންތޫނު ނިންމުމަށް ފަހުރުވެރިވާ ކަމަށެވެ.

އަދި ފްލައިޓްގައި ތިބި ބައެއް ފަސިންޖަރުންގެ އަމަލުތައް ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފަ އެވެ.

މެޑިކަލް ކައުންސިލުން ބުނީ މަދު ބައެއްގެ ހިތްހަމަޖެހުމަށް ވުރެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން މުހިންމު ކަމަށެވެ،

"މިއަދުގެ ދުނިޔޭގައި ތިމާގެ ހިތްހަމަޖެހުމަށްވުރެން އަނެކާގެ ރައްކާތެރިކަން ޙިޔާރުކުރަން އެންމެހާ ދިވެހިނަށް އިލްތިމާސް ކުރަން." އެމްއެމްއޭ އިން ބުންޏެވެ.

މިހާތަނަށް މާލެއިން ކޮވިޑް19 އަށް ތިންް މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި މާލެ އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގަ އެވެ.