16 Apr 2020, 08:42
ގެދޮރު ނެތި މަގުމަތިވެފައި ތިބި 24 މީހަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، ރޭ ފުލުހުން ކުރި މަސައްކަތުން، މަގުމަތިވެފައި ތިބި 24 މީހަކު ހޯދިފައިވާ ކަަމަށެވެ. އަދި އެ އެންމެން ވެސް މިހާރު ވަގުތީ ހިޔާތަކަށް ގެންގޮސްފައިވާ ކަމަށެވެ.
މާލެއިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، މާލެ ސިޓީ ވަނީ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފަ އެވެ. ލޮކްޑައުން އާ ގުޅިގެން، ގެދޮރު ނެތް މީހުންނަށް އެހީވުމަށް ފުލުހުން ވަނީ ނުކުމެފަ އެވެ.
އެގޮތުން ރޭ މާފަންނު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން ވަނީ ވަންނާނެ ތަނެއް ނެތި މަގުމަތީގައި ތިބި މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީފަ އެވެ.
ފުލުހުން ބުނީ އެއީ އެމީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވަނީ ސަރުކާރުން ކަމަށާއި، ފުލުހުން ހަރަކާތްތެރިވީ އެ ތަކެތި ބެހުމުގައި ކަމަށެވެ.

ލޮކްޑައުން އާ ގުޅިގެން ގެދޮރު ނެތް މީހުންނަށް ވަގުތީ ހިޔާތައް ވެސް ހަމަޖައްސާފައި ވަނީ ދިވެހި ސަރުކާރާއި ދިވެހި ރެޑް ކްރެސެންޓް ގުޅިގެންނެވެ.
ހަމައެއާ އެކު ލޮކްޑައުން އާ ގުޅިގެން މަގުމަތިވެފައި ތިބި ބިދޭސީން ވެސް ވަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސް އެމީހުންނަށް ނިދޭނެ އިންތިޒާމް ހަމަޖައްސައިފައެވެ.
ބިދޭސީންނަށް ނިދުމަށް ކުނާ ފޯރުކޮށްދީފައި ވަނީ މާލެ ސިޓީ ކައުންސިލުންނެވެ.
މާލެއިން އެންމެ ފުރަތަމަ މީހަކު ބައްޔަށް ޕޮޒިޓިވްވީ އިއްޔެ ހެނދުނެވެ. އޭނާއާ ކޮންޓެކްޓުވި އިތުރު ދެ މީހަކު ވެސް ބައްޔަށް ޕޮޒިޓިވްް ވެފައިވާކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ޕޭޝަންޓް21 ގެ ތުއްތު ދަރިފުޅު ވެސް ހިމެނެއެވެ.
މިހާރު ކޮރޯނާވައިރަހާ ގުޅިގެން މާލޭގެ އެލާޓް ސްޓޭޓަސް ވަނީ ރަތް ކުލައަށް މަތިކޮށްފައެވެ.