18 Dec 2011, 11:58
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރް ކުންފުންޏަށް ދިނުމަކީ ރާއްޖޭ އަޅުވެތި ކަމެއްގެ ތެރެއަށް ވެއްޓުމުގެ ފެށުން ކަމަށް ބުނެ "އެއާޕޯޓް ޖީއެމްއާރަށް ދިނުން އަޅުވެތިކަމެއްގެ ފެށުން" މިނަމުގައި ގައުމީ ޕާޓީ ފޮތެއް އެކުލަވާލައި އާންމުކޮށްފި އެވެ.
އެ ޕާޓީން ބުނީ އެމްވީކޭ އިން ޖީއެމްއާރާ ދެކޮޅަށް ކުރި މުޒާހާރާގައި އެ ފޮތް ބަހާފައިވާނެ ކަމަށާއި ފޮތުގެ ގިނަ އަދަދެއް ޗާޕުކޮށް ވަރަށް އަވަހަށް އަތޮޅުތަކަށް ވެސް ބަހާނެ ކަމަށެވެ. އަދި މިހާރު ވެސް ފޮތް ޕާޓީގެ އޮފީހުން ލިބެން ހުރިއިރު ޕާޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ.
ސަރުކާރުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރް ކުންފުންނަށް ދިން ހިސާބުން ފެށިގެން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، ތަފާތު ގޮތް ގޮތުން އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުން އަންނަ ގައުމީ ޕާޓީން އިއްޔެ އާއްމުކޮށްފައިވާ 24 ސަފްހާގެ އެ ފޮތުގައި އެއާޕޯޓް އުފެދިގެން މިއަދާ ހަމައަށް އެއާޕޯޓަށް އައިސްފައިވާ ބަދަލުތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފައިވެ އެވެ.
އެގޮތުން 1964ގައި ބައިނަލްއަގުވާމީ އެއާޕޯޓެއް ރާއްޖޭގައި އަޅަން އޭރުގެ ރައީސް އިބްރާހިމް ނާސިރު އިނގިރޭސިންނާ ދެކޮޅަށް ފެއްޓެވި މަސައްކަތްތަކާއި އެކަމަށް ދިވެހިންގެ ފަރާތުން ލިބިފައިވާ އެއްބާރުލުން ފާހަގަކޮށްފައިވެ އެވެ. އަދި އެކަމާ ގުޅުން ހުރި ބައެއް ފޮޓޯތައް އެފޮތުގައި ހިމަނާފައިވެ އެވެ.
"އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރް ކުންފުންޏަށް ވެދުން ކުރިއިރު އެއާޕޯޓް ކުންފުންޏަކީ ސަރުކާރަށް އެންމެ ފައިދާކުރާ ކުންފުންޏެވެ. އަދި އެއާޕޯޓް ތަރައްޤީ ކުރުމެއް ނެތި 2012 ވަނަ އަހަރު އެކަނި ވެސް ޖީއެމްއާރުން ސާފު ފައިދާގެ ގޮތުގައި 160 މިލިޔަން އެމެރިކާ ޑޮލަރު އެއާޕޯޓުން ނަގާނެ އެވެ." އެ ފޮތުގައިވެ އެވެ.
އެއާޕޯޓް ޖީއެމްއާރަށް ދޭން ސަރުކާރުން ނިންމީ އެއާޕޯޓް ކުންފުންޏަށް އެތަން ތަރައްޤީ ނުކުރެވުމާއި އެކަން ކުރުމުގެ ގާބިލްކަން ނެތް ކަމަށް ސަރުކާރުން ދެކެގެން ކަމަށާއި ނަމަވެސް އެއާޕޯޓް ކުންފުނި އެންމެ އެކަށީގެންވާ ގޮތުގައި ނުހިންގުނީ ރައީސް މައުމޫންގެ ސަރުކާރަށް ވެސް އަދި މިސަރުކާރަށް ވެސް އެއާޕޯޓް ކުންފުނި ނުހިންގިގެން ކަމަށް އެ ފޮތް ބުނެ އެވެ.
އެގޮތުން ޖީއެމްއާރާ ހަވާލުކުރުމުގެ ކުރިން ވެސް އަހަރަކު އެއް ބިލިއަން ރުފިޔާގެ ފައިދާވަމުން އައި އެއާޕޯޓް ކުންފުންޏަށް އެއާޕޯޓް ތަރައްގީ ނުކުރެވުނީ ސަރުކާރުގެ ސަބަބުން ކަމަށާއި ޖީއެމްއާރަށް އެއާޕޯޓް ދިނީ މި ސަރުކާރުން ތައާރަފްކުރި ޕްރައިވެޓައިޒޭޝަން ގަވައިދާ ވެސް ހިލާފަށް ކަމަށެވެ.
ގައުމީ ޕާޓީގެ ފޮތުގައި ޖީއެމްއާރާ އެއާޕޯޓް ހަވާލުކުރުމުން ދިމާވެފައިވާ ދަތިތަކާއި އެއާޕޯޓުގައި ހުރި ދިވެހި ވިޔަފާރިތައް ބޭރުކުރަމުންދާ ދިއުމުގެ އިތުރުން ޖީއެމްއާރުގެ އަތްދަށުގައި އޮތް އެއާޕޯޓްގެ މުސްތަގުބަލުގެ މައްޗަށް ވެސް ސުވާލު އުފައްދާފައިވެ އެވެ.
ޖީއެމްއާރަށް ރާއްޖޭގައި ކުދި ބޮޑު ވިޔަފާރިތައް ކުރުމުގެ މަގު ތަނަވަސް ކޮށްދިނުމަށް ޓަކައި ފޮރިން އިންވެސްޓްމަންޓް ގާނޫނު އުވާލުމަށް މިސަރުކާރުން މަސައްކަތްކުރަމުން ގެންދާކަން ފާހަގަކޮށް، އެފޮތުގައި ބުނެފައި ވަނީ މިހާރު ރާއްޖެ އިން ފެންނަމުން ދަނީ ކުރިން ވޯރާ ވިޔަފާރިވެރިންގެ އަތްދަށުގައި ރާއްޖޭގެ ވިޔަފާރި އޮތް ދުވަސްތައް ކަމަށެވެ.
ޖީއެމްއާރު އަތުން ގައުމު ސަލާމަތް ކުރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަރިހުން އެދިގެން ނަމަވެސް އެކަންތައް ކުރުމަށާއި ޖީއެމްއާރުގެ މައްސަލާގައި ހަނުހުންނަ އެއްވެސް ސިޔާސީ ބޭފުޅަކަށް ނުވަތަ ޕާޓީއަކަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ތާއީދު ނުކުރުމަށް ވެސް ބުނެފައިވެ އެވެ.