16 Apr 2020, 02:47
މާލެ ލޮކްޑައުންގެ ހާލަތުގައި އޮންނައިރު ފިހާރަތަކާއި ރެސްޓޯރެންޓްތަކުން ޑެލިވަރީ ސާވިސް ދެވޭނެ ގަޑިތައް ފުލުހުން އާންމުކޮށްފި އެވެ.
މާލެއިން ކޮވިޑް 19 އަށް މީހަކު ޕޮސިޓިވްވުމާ ގުޅިގެން އެއީ ކޮމިއުނިޓީ ސްޕްރެޑް ކޭސްއެއް ކަމަށް ވާތީ އެލާޓް ލެވަލް ރަތަށް ބަދަލުކޮށް މިއަދު މެންދުރުން ފެށިގެން ވަނީ މާލެ ލޮކްޑައުން ކޮށްފަ އެވެ.
ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ބުނީ ކާބޯތަކެތި އަދި ފިހާރަތަކުން ތަކެތި ޑެލިވަރީ ކޮށްދެވޭނީ ހެނދުނު ނުވައަކުން މެންދުރު ދެއަކަށް އަދި ހަވީރު ތިނަކުން އިރޮއޮއްސި ހައަކަށް އޭގެ އިތުރުން ރޭގަނޑު އަށަކުން 11 ޖެހުމާ ހަމައަށް ކަމަށެވެ. ލޮކްޑައުންގެ ހާލަތުގައި ޑެލިވަރީ ހިދުމަތް ދިނުމަށް ނުކުމެވޭނީ ފުލުހުން ދޭ ހާއްސަ ފާހެއް އަޅައިގެންނެވެ.
ލޮކްޑައުންގެ ހާލަތުގައި ޒަރޫރީ ބޭނުމަކަށްވިޔަސް ފުލުހުންގެ ހުއްދަ ނެތި ގެއިން ބޭރަށް ނުކުތުމަކީ މަނާ ކަމެކެވެ. އަިދ އެލާޓް ލެވެލް ރެޑްގައި އޮންނައިރު ކޮންމެހެން ހުޅުވަން ޖެހޭ އޮފީހެއް ފިޔަވައި އެހެން އޮފީހެއް ހުޅުވުމަކީ މަނާ ކަމެކެވެ.
މާލެއިން އެންމެ ފުރަތަމަ ޕޮސިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓް ވީ އިތުރު ދެމީހަކު މިހާރު ވަނީ ކޮވިޑް 19 އަށް ޕޮސިޓިވްވެފަ އެވެ. އަދި އޭނާއާ ކޮންޓެކްޓްވީ 14 މީހެއް ވަނީ އައިސޮލޭޓް ކޮށްފަ އެވެ. އަދި 54 މީހަކު ކަރަންޓީނު ފެސިލިޓީތަކަށް ވަނީ ބަދަލުކޮށްފަ އެވެ.
މިހާލަތުގައި ބަލިން ރައްކާތެރިވުމަށް އެޅޭނެ ހަމައެކަނި ފިޔަވަޅަކީ ގޭގައި ތިބުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.