ކޮރޯނާވައިރަހަށް މާލެއިން ޕޮޒިޓިވްވި ފުރަތަަމަ މީހާ، "ޕޭޝަންޓް 21" އާ ބައްދަލުވި 14 މީހެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެންނާތީ އެ މީހުން އައިސޮލޭޓް ނުވަތަ އެކަހެރިކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ހާމަކުރި ގޮތުގައި އެ މީހުން އެކަހެރިކޮށްފައި ވަނީ ހުޅުލޭގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން މަރުކަޒުގަ އެވެ.

"ޕޭޝަންޓް 21" އަކީ މާފަންނު ބޮޑިބަތް ޕާކް ސަރަހައްދުގެ ގެއެއްގައި ދިރިއުޅެމުން އައި ދިވެހި އަންހެން މީހެކެވެ. އޭނާއަށް ކޮރޯނާވައިރަސް ޖެހިފައިވާކަން އެނގުނީ މާލޭ ފްލޫ ކުލިނިކަށް އޭނާ އައުމުން ބަލީގެ އަލާމާތްތަކެއް ހުރުމުން އޭނާގެ ޓެސްޓް ހެދުމުންނެވެ.

އޭނާއާ ބައްދަލުވ މީހުން ހޯދުމަށް އެޗްޕީއޭއިން ކޮންޓެކްޓް ޓްރޭސިން ހެދިއިރު، 54 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން މިއަދު ބުނެފައިވެ އެވެ.

"ޕޭޝަންޓް 21"އާ ބައްދަލުވި، ފަސްޓް ކޮންޓެކްޓުންގެ ތެރެއިން 11 މީހަކު ވައިރަހަށް މިހާތަނަށް ޓެސްޓު ކުރިއިރު، 10 މީހަކު ވަނީ ނެގަޓިވްވެފަ އެވެ. އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ، ޕޭޝަންޓް 21ގެ ތުއްތު ދަރިފުޅެވެ. އެޗްޕީއޭއިން ބުނި ގޮތުގައި އެއީ، މާލެއިން ފެނުނު ދެވަނަ މީހާ، "ޕޭޝަންޓް 22" އެވެ.

ޕޭޝަންޓް 21 މިފަހުން ރާއްޖެއިން ބޭރަށް ދަތުރެއް ކޮށްފައި ނުވާއިރު، ބައްޔަށް ޕޮޒިޓިވްވި މީހަކާ އެއްވެސް ވަރަކަށް ދިމާވެފައި ނެތް ކަމަށް އެޗްޕީއޭއިން މިއަދު ބުނެފައިވެ އެވެ. އަދި 14 ދުވަހުގެ ކަރަންޓީނަށް ފަހު ދޫކޮށްލި މީހަކާ ވެސް ބައްދަލުވެފައި ނުވާކަން އަދި އެނގިފައި ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

އޭނާގެ ގަޔަށް ވައިރަސް ވާސިލްވި ގޮތް ހޯދުމަށް އެޗްޕީއޭއިން މުޅި ރާއްޖޭގައި ގެންދަނީ ކޮންޓެކްޓް ޓްރޭސިން ހަދަމުންނެވެ.

ކޮންޓެކް ޓްރޭސިންގެ މައްސަައްކަތުގެ ތެރެއިން އައްޑޫ ސިޓީއާއި މާލޭގެ ތިން ގެއެއް ވަނީ މޮނީޓަރިންގެ ހާލަތައް ގެނެސްފަ އެވެ. މޮނީޓަރިންގެ ހާލަތައް ގެނެސްފައިވަނީ، ހ. ރަތްކުރެދި އިމާރާތުގެ 4 ވަނަ ފަނގިފިލާ އާއި މ. ޖަރީމާގެ އަދި އައްޑޫ، ހިތަދޫ ނޫމަސްވާދީ އެވެ.

މިކަމާ ގުޅިގެން މާދަމާ މެންދުރު ފަހު، 3:30އާ ހަމައަށް މާލެ ސިޓީވަނީ ލޮކްޑައުންކޮށްފަ އެވެ. ލޮކްޑައުންގައި މާލެ ސިޓީއަށް އަރާ ފޭބުމާއި މަގުމައްޗަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ.

ކޮމިޔުނިޓީ ޓްރާންސްމިޝަންއެއް މާލޭގައި ހިނގުމާ އެކު، މާލޭގެ ހާލަތު މިހާރު ވަނީ ރަތަށް ބަދަލުކޮށްފަ އެވެ.

މިހާތަނަށް ޖުމްލަ 22 މީހަކު ވައިރަހަށް ޕޮޒިޓިވްވި އިރު، 13 ބިދޭސީއަކާއި ތިން ދިވެހިން ވަނީ ވައިރަހުން ރަނގަޅުވެފައެވެ.