މިއަދު މާލެއިން ޕޮޒިޓިވްވި ފުރަތަމަ މީހާއާ ސީދާ ބައްދަލުވި ނުވަތަ ޑައިރެކްޓް ކޮންޓެކްޓްވި 10 މީހުން ވައިރަހަށް ނެގަޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

މާލެ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނިފައިވަނީ މިއަދު އެވެ. އެ ކޭސްއާ ގުޅިގެން 11 މީހެއްގެ ސާމްޕަލް ޓެސްޓުކުރުމަށް ނެގިއެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، 11 މީހުންގެ ތެރެއިން 10 މީހަކު ވައިރަހަށް ނެގަޓިވްވެފައިވާ ކަމަށެވެ. އަދި ވައިރަހަށް ޕޮޒިޓިވްވި ހަމައެކަނި މީހާއަކީ، ފުރަތަމަ ޕޮޒިިވްވި އަންހެން މީހާގެ ތުއްތު ދަރިފުޅުކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ޕޮޒިޓިވްވި ފުރަތަމަ މީހާއަކީ ފަހުގެ ތާރީހެއްގައި ބޭރު ގައުމަކަށް ދަތުރުކޮށްފައިވާ މީހެއް ނޫނެވެ. އަދި ކޮވިޑް-19 ޖެހުނު މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ކަމަށް އެނގެން ނެތް ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

މި ކޭސްއާ ގުޅިގެން 54 މީހަކު އެކަހެރިކޮށް، އައްޑޫ ސިޓީއާއި މާލޭގެ ތިން ގެއެއް ވަނީ މޮނީޓަރިންގެ ހާލަތައް ގެނެސްފައެވެ. މޮނީޓަރިންގެ ހާލަތައް ގެނެސްފައިވަނީ، ހ. ރަތްކުރެދި އިމާރާތުގެ 4 ވަނަ ފަނގިފިލާ އާއި މ. ޖަރީމާގެ އަދި ނޫމަސްވާދީ، ސ. ހިތަދޫ އެވެ.

މިކަމާ ގުޅިގެން މާދަމާ މެންދުރު 3:30އާ ހަމައަށް މާލެ ސިޓީވަނީ ލޮކްޑައުންކޮށްފައެވެ. ލޮކްޑައުންގައި މާލެ ސިޓީއަށް އަރާ ފޭބުމާއި މަގުމައްޗަށް ނުކުތުމަކީ މަނާކަމެކެވެ.

މިހާތަނަށް ޖުމްލަ 22 މީހަކު ވައިރަހަށް ޕޮޒިޓިވްވި އިރު، 13 ބިދޭސީއަކާއި ތިން ދިވެހިން ވަނީ ވައިރަހުން ރަނގަޅުވެފައެވެ.