16 Apr 2020, 00:08
ރާއްޖޭގައި ކޮވިޑް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ކޮންޓްރޯލް ކުރަން އުފައްދާފައިވާ ޕޮލިސީ ޓާސްކް ފޯސްއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލުވުމެއް ބާއްވައިފި އެވެ.
އެ ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ މިހާރުގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ.
އެ ޓާސްކް ފޯސްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ހިމެނިވަޑައިގަންނަވަ އެވެ.
އޮންލައިންކޮށް ރައީސް ބައްދަލުވުން ބޭއްވި އިރު ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު މާލެއިން ފުރަތަމަ ފަަހަރަށް މިއަދު ވަނީ ފެނިފަ އެވެ. އެކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށާއި އެހެނިހެން ކަންތައްތައް ފުރިހަމަކުރުމަށް މިއަދު މެންދުރުން ފެށިގެން ވަނީ 24 ގަޑިއިރަށް ލޮކްޑައުން ވެސް ކޮށްފަ އެވެ.
އެކަމާ ގުޅޭ ގޮތުން ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެންމެން މިވަގުތު ގޭގައި ތިބުމަށް އިލްތިމާސްކުރައްވައިފަ އެވެ. އަދި މިކަމުން އަރައިގަނެވޭނީ އެންމެން ގުޅިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކޮރޯނާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު މިއަދު ދެއްވި ހިތޯބުގައި ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން ހިނގައިދާނެ ހާލަތަކަށް ސަރުކާރު ތައްޔާރަށް އޮޮތް ކަމަށެވެ. ވަކިން ހާއްސަކޮށް، މާލެތެރެއިން، އެންމެ މީހަކު ވިޔަސް ބައްޔަށް ޕޮޒިޓިވްވެދާނެ ކަމަށް ބަލައި، ސަރުކާރުން ތައްޔާރުވެގެން ތިބި ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ ފަހުން މިރޭ ވެސް އިތުރު މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ރާއްޖޭގައި މިހާތަނަށް 22 މީހަކު ވަނީ ކޮވިޑްއަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅު ވެސްވެފަ އެވެ.