މާލެއިން މިއަދު ދެވަނަ އަށް ޕޮޒިޓިވްވެފައި ފުރަތަމައަށް ޕޮޒިޓިވްވި އަންހެން މީހާގެ ތުއްތު ދަރިފުޅު ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

މާލެ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނިފައިވަނީ މިއަދު އެވެ. އެއީ އިއްޔެ މާލެހިޔާ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެކެވެ. އޭގެ އިތުރުން އިތުރު ދިވެއްސަކު ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭ އިން މިރޭ ވަނީ ހާމަކޮށްފައެވެ.

އެޗްޕީއޭ އިން މިރޭ ކުރި އިތުރު ޓްވީޓެއްގައި ބުނީ، ޕޮޒިޓިވްވި ދެވަނަ ދިވެއްސަކީ، ފުރަތަމަ އަށް ޕޮޒިޓިވްވި މީހާގެ ދަރިފުޅުކަމަށެވެ. ނަމަވެސް އެ ކުއްޖާގެ އުމުރު އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

ފުރަތަމަ މީހާގެ ކޭސްއާ ގުޅިގެން 11 މީހެއްގެ ސާމްޕަލް ނެގިއެވެ. އެޗްޕީއޭ އިން ބުނީ، 11 މީހުންގެ ތެރެއިން ތުއްތު ދަރިފުޅު ފިޔަވާ ދެންތިބި 10 މީހުން ނެގަޓިވްވެފައިވާ ކަމަށެވެ.

ޕޮޒިޓިވްވި ފުރަތަމަ މީހާއަކީ ފަހުގެ ތާރީހެއްގައި ބޭރު ގައުމަކަށް ދަތުރުކޮށްފައިވާ މީހެއް ނޫނެވެ. އަދި ކޮވިޑް-19 ޖެހުނު މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ކަމަށް އެނގެން ނެތް ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

މި ކޭސްއާ ގުޅިގެން 54 މީހަކު އެކަހެރިކޮށް، އައްޑޫ ސިޓީއާއި މާލޭގެ ތިން ގެއެއް ވަނީ މޮނީޓަރިންގެ ހާލަތައް ގެނެސްފައެވެ. މޮނީޓަރިންގެ ހާލަތައް ގެނެސްފައިވަނީ، ހ. ރަތްކުރެދި އިމާރާތުގެ 4 ވަނަ ފަނގިފިލާ އާއި މ. ޖަރީމާގެ އަދި ނޫމަސްވާދީ، ސ. ހިތަދޫ އެވެ.

މިކަމާ ގުޅިގެން މާދަމާ މެންދުރު 3:30އާ ހަމައަށް މާލެ ސިޓީވަނީ ލޮކްޑައުންކޮށްފައެވެ. ލޮކްޑައުންގައި މާލެ ސިޓީއަށް އަރާ ފޭބުމާއި މަގުމައްޗަށް ނުކުތުމަކީ މަނާކަމެކެވެ.

މިހާތަނަށް ޖުމްލަ 22 މީހަކު ވައިރަހަށް ޕޮޒިޓިވްވި އިރު، 13 ބިދޭސީއަކާއި ތިން ދިވެހިން ވަނީ ވައިރަހުން ރަނގަޅުވެފައެވެ.