15 Apr 2020, 23:37
މިއަދު މާލެއިން ޕޮޒިޓިވްވި ފުރަތަމަ ދިވެހިން އަންހެން މީހާއާ ކަރަންޓިންގެ މުއްދަތު ނިންމައި އައި މީހަކާ ބައްދަލުވެފައިވާ ކަމެއް މިހާތަނަށް އެނގިފައި ނުވާކަމަށް އެޗްޕީއޭގެ ޑރ. އަލީ ލަތީފު ވިދާޅުވެއްޖެ އެވެ.
މިދިޔަ ދުވަސްތަކުގައި ބޭރު ގައުމަަކަށް ދަތުރުކޮށްފައި ނުވާ އެ މީހާއާ މީގެ ކުރިން ޕޮޒިޓިވްވި މީހަކާ ބައްދަލުވެފައި ނުވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އެމީހާއަށް ކަރަންޓީންގެ މުއްދަތު ނިންމާފައި މާލެ އައި މީހާކާ ބައްދަލުވިކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މިއަދު ހަވީރު ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު، އެކަމާ ގުޅިގެން "ސަން" އިން ސުވާލުކުރުމުން ޑރ. އަލީ ލަތީފު ވިދާޅުވީ، މިހާތަނަށް ކޮންޓެކްޓް ޓްރޭސިންއަށް ކުރަމުން އައި މަސައްކަތުގެ ތެރެއިން އެފަދަ ސައްހަ މައުލޫމާތެއް ލިބިފައިވާކަން ޔަގީން ކުރެވިފައި ނުވާ ކަމަށެވެ.
"ތިކަން އަޅުގަނޑުމެންނަށް ވޭރިފައި [ޔަގީން] ކުރެވިފައި ނެތް މިހާތަނަށް،" ކަރަންޓީން ނިމިފައި އައިސް ހުރި މީހަކާ މިއަދު ޕޮޒިޓިވްވި މީހާއާ ބައްދަލުވެފައިވޭތޯ ސުވާލު ކުރުމުން ޑރ. ވިދާޅުވިއެވެ.
ޑރ. ވިދާޅުވީ، ކަރަންޓިން ނިންމާފައި އަންނަ މީހާކާ ބައްދަލުވިޔަސް އޭގައި މައްސަލައެއް ނެތް ކަމަށާއި އެއީ އެމީހުން ދޫކޮށްލަނީ، ޓެސްޓު ހެދުމަށްފަހު ނެގަޓިވްވުމުން ކަމަށެވެ.
"ކަރަންޓީންގައި 14 ދުވަސް ހަމަކޮށްފައި މި ދޫކޮށްލަނީ ޓެސްޓު ކުރުމަށްފަހު ނެގަޓިިވްވުމުން. އެގޮތަށް ޕޮޒިޓިވްވެެއްޖެނަމަ، އަނެއްކާވެސް ކަރަންޓީން މުއްދަތު އުތުރުކޮށްފައި ޓެސްޓު ކުރުމަށްފަހު ދޫކޮށްލަނީ. އެހެންވީމަ ކަރަންޓިން ފެސިލީޓީއަކުން މިހާތަނަށްއައިރު، ދޫކޮށްލާފައި ހުންނާނީ ޓެސްޓު ހެދުމަށްފަހު ބަލާފައި ދޫކޮށްލާނީ،" ޑރ. އަލީ ލަތީފު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހިން 14 ދުވަހު ކަރަންޓީން ފެސިލިޓީސްތަކުގައި ތިބުމަށް ލާޒިމް ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ކަރަންޓީން މުއްދަތު ހަމަވުމަށްފަހު، އެ އެންމެން ޓެސްޓުކުުރުމަށް ނިންމީ މިދިޔަ މަހު 29 ވަނަ ދުވަހުން ފެށިގެންނެވެ.
ކަރަންޓީންގައި ތިބި މީހުން ދޫކޮށްލާއިރު، ޓެސްޓު ހެދުމަށް ނިންމީ ކަރަންޓީންގައި ހުރި މީހަކު އަލާމާތްތައް ފެނިގެން ޓެސްޓުކޮށް ވައިރަހަށް ޕޮޒިޓިވްވުމުންނެވެ.
ޑރ. އަލީ ލަތީފު ވިދާޅުވި ގޮތުގައި މިހާތަނަށް ބެލިބެލުމުން މި ކޭސް ބަލާނީ، ކޮމިއުނިޓީ ޓްރާންސްމިޝަންގެ ކޭސްއެއްގެ ގޮތުގައެވެ. ކޮމިއުނިޓީ ޓްރާސްމިޝަން އަކީ، ކޮރޯނާވައިރަސް ޖެހުނު މީހަކާ ސީދާ އެއްވެސް ގުޅުމެއްނެތި މީހަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވުމެވެ. އަލީ ލަތީފު ވިދާޅުވީ، ވައިރަސް ޖެހުނު އެއްވެސް އަލާމާތްތަކެއް ނުފެންނަ މީހެއްގެ ސަބަބުން ވެސް އެފަދަ ގޮތަކަަށް ވައިރަސް ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މާލެއިން މިއަދު ހެނދުނު މީހަކު ޕޮޒިޓިވްވި އިރު، ޕޮޒިޓިވްވި މީހަކާ ސީދާ ބައްދަލުވި އިތުރު މީހަކުވެސް ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭ އިން މިރޭ ވަނީ ބުނެފައެވެ. އެއާއެކު މާލެއިން މިހާތަނަށް ވައިރަސް ޖެހުނު މީހުންގެ އަދަދަކީ، ދެ މީހުންނެވެ. މިހާތަނަށް ޖުމްލަ 22 މީހަކު ވައިރަހަށް ޕޮޒިޓިވްވި އިރު، 13 ބިދޭސީއަކާއި ތިން ދިވެހިން ވަނީ ވައިރަހުން ރަނގަޅުވެފައެވެ.