ކޮވިޑް-19 އާ ގުޅިގެން ޒަރޫރީ ބައެއް ތަކެތި ހޯދުމަށް ދަތިވެފައިވާ ދިވެހި އާއިލާތަކަށް ފޮނުވި ކެއާ ޕެކޭޖުތަކުގެ ބޮޑުބައި އެ ފަރާތްތަކާއި ހަވާލުކޮށް ނިމިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މޯލްޑިވިއަންގެ ފްލައިޓްގައި އިންޑިއާއަށް ކެއާ ޕެކޭޖު ފޮނުވަން ހުޅުވާލި ފުރުސަތުގައި 144 އާއިލާ އަކަށް ޕެކޭޖް ވަނީ ފޮނުވާފަ އެވެ. އަދި ލަންކާއަށް ވަނީ 8.9 ޓަނުގެ ކެއާ ޕެކޭޖު ފޮނުވާފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިއަދުގެ ނިޔަލަށް ލަންކާއަށް ފޮނުވި 622 ޕެކޭޖްގެ ތެރެއިން 560 އަށްވުރެ ގިނަ ޕެކޭޖް އާއިލާތަކަށް ރައްދުކޮށްދީފައިވާ ކަމަށާއި ބާކީ ހުރީ ހަވާލުވާން ޖެހޭ އާއިލާތައް މާލެއަށް އައިސްފައިވުމުން ހަވާލުނުކުރެވި ހުރި ޕެކޭޖުތައް ކަމަށެވެ.

ސްރީލަންކާގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ އެގައުމުގެ އެކި ސަރަހައްދުތަކުގައި ފުލުހުން ޗެކް ޕޮއިންޓްތައް ގާއިމްކޮށްފައިވެއެވެ. އަދި ޕެކޭޖްތައް ގެންދާ ވެހިކަލްތައް މިއިން ކޮންމެ ޗެކް ޕޮއިންޓެއް ކައިރިއަށް މަޑުކޮށް، މުޅި ވެހިކަލް ޗެކް ކުރަން ޖެހެއެވެ.

އެހެންކަމުން ލޮކްޑައުންގެ ޙާލަތުގައި އޮތް ސިޓީއެއްގައި މި ޚިދުމަތް ދިނުމުގައި އުއްމީދުކުރި ވަރަށް ވުރެ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ހަމައެއާއިއެކު ބައެއް ޕެކޭޖްތައް ގެންދަން ޖެހޭ ގެތަކަކަކީ ހަނި މަގުތަކާއި ގޯޅިތަކުގައި ހުންނަ ގެތައް ކަމުން، އެތަކެތި ގޭގެއަށް ފޯރުކޮށްދިނުމުގައި އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަންް ވެސް ފޮރިން މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

އިންޑިއާގެ ޓްރިވެންޑްރަމް އަށް ފޮނުވި 79 ޕެޖޭކްގެ ތެރެއިން މިއަދާއި ހަމަޔަށް ޑެލިވަރ ނުކުރެވި ހުރީ 2 ޕެކޭޖެވެ.

ޓްރިވެންޑްރަމްއަށް ދިޔަ ފްލައިޓްގައި އެސިޓީއަށް ފޮނުވި 79 ޕެކޭޖްގެ އިތުރުން ކޮޗިންގައި ތިބި އާއިލާތަކަށް 65 ޕެކޭޖް ފޮނުވާފައިވެއެވެ. ކޮޗިންއަށް ފޮނުވި ޕެކޭޖްތައް ޓްރިވެންޑްރަމްއިން ކޮޗިންއަށް ގެންދިޔުމަށް ބޭނުންވާ ހުއްދަތައް ހޯދައިގެން، ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްއިން ވަނީ މިހާރު އެތަކެތި ކޮޗިންއަށް ގެންގޮސްފައެވެ.

އިންޑިއާގެ ކެރެލާ ސްޓޭޓްވެސް އޮތީ ލޮކްޑައުންގައި ކަމުން ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ގެންދިޔަ ޕެކޭޖްތައްވެސް ގޭގެއަށް ގެންގޮސްފައިވަނީ އެކަމަށް ބޭނުންވާ ޚާއްސަ ހުއްދައެއް ނަގައިގެން ކަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ދިރުއުޅޭ ދިވެހި އާއިލާތަކަށް ފޮނުވި 452 ކެއަރޕެކޭޖްތަކުގެ ތެރެއިން 250 ޕެކޭޖް މިހާރު ވަނީ އާއިލާތަކާ ހަވާލުކޮށްފައެވެ. ބާކީ ހުރި 202 ޕެކޭޖް ހަވާލުކުރުމުގެ މަސައްކަތް ހައިކޮމިޝަނުން ދަނީ ކުރަމުންނެވެ.

މެލޭޝިއާގައި އިއުލާންކޮށްފައިވާ އެންހޭންސްޑް މޫވްމަންޓް ކޮންޓްރޯލް އޯޑަރގެ ދަށުން ތަކެތި ޑެލިވަރކުރެވެނީ ހެނދުނު 8:00 އާ ރޭގަނޑު 8:00 ދެމެދު އެކަންޏެވެ. ހައިވޭތަކާ މަގުތަކުގައި ޗެކް ޕޮއިންޓްތައް ޤާއިމްކޮށްފައި ވުމުން ބައެއް ޗެކްޕޮއިންޓްތަކުގައި ބައިގޑިއިރާ ދެގަޑިއިރާ ދެމެދުގެ ވަގުތެއް މަޑުކުރަން ޖެހެއެވެ. އެގޮތަށް ބައެއް ފަހަރު ވެހިކަލް 2 ނުވަތަ 3 ޗެކްޕޮއިންޓްގައިވެސް މަޑުކުރަން ޖެހެއެވެ. މެލޭޝިއާގައި ދިރިއުޅޭ އާއިލާތަކަށް ފޮނުވި ކެއަރޕެކޭޖްތައް ހަވާލުކުރުމަށް ބައެއް ފަރާތްތަކަށް ގުޅާއިރު ފޯނު ނުނެގުމުން ނުވަތަ ނިއްވާލާފައި އޮތުމުން އެތަކެތި ހަވާލުކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަން ފޮރިން މިނިސްޓްރީން ވަނ ފާހަގަކޮށްފަ އެވެ

ދަތިތަކާއެކުވެސް ސަރުކާރުން ދަނީ ލަންކާއަށާ އިންޑިއާ އަދި މެލޭޝިއާއަށް ފޮނުވި ކެއަރޕެކޭޖްތައް ވީއެންމެ އަވަހަށް އާއިލާތަކަށް ރައްދުކުރުމަށް މަސައްކަތްކުރަމުން ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެ ހިދުމަތްތަކަކީ ސަރުކާރުން ހިލޭ ފޯރުކޮށްދޭ ޚިދުމަތެކެވެ.

ރާއްޖެއަކީ ކޮވިޑް-19 އާ ގުޅިގެން މިގޮތަށް ބޭރުގައި ތިބި އެޤައުމުގެ ރައްޔިތުންނަށް ކެއަރޕެކޭޖް ފޮނުވާ ފުރަތަމަ ޤައުމެވެ.