18 Dec 2011, 11:31
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ދަނޑުވެރިކަމަށް އަމާޒުކުރާ ލުއި ލޯނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ކުދި އަދި މެދު ފަންތީގެ ލުއި ލޯނު ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކުރަން ނިންމީ މިހާތަނަށް ލިބިފައި ހުރި ޕްރޮޕޯސަލްތަކަށް ބަލައި އަދިވެސް އިތުރު ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ކަމަށެވެ.
މިހާތަނަށް ޕްރޮޕޯސަލް ހުށަހެޅީ 26 ފަރާތަކުންނެވެ.
މިނިސްޓްރީން ބުނީ އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް އަތޮޅުތަކުގައި ދަތުރުކުރާ ދިވެހި ބޭންކް، ބީއެމްއެލްގެ މޮބައިލް ދޯނިތަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށާއި ރަށްރަށުގައި ގާއިމްކޮށްފައިވާ އެ ބޭންކުގެ ގޮފިތަކާއި ޑިވެލޮޕްމަންޓް ބޭންކިން ސެލް ތަކަށް އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ހުށަހެޅޭނެ ކަމަށެވެ. އަދި އެ މިނސްޓްރީ އަށް ޕްރޮޕޯސަލް ހުށަހަޅާނަމަ ޖެނުއަރީ 19 ވަނަ ދުވަހާ ހަމައަށް ފުރުސަތު އޮންނާނެ ކަމަށެވެ.
ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން އިކޮނޮމިކް މިނިސްޓްރީން ދޫކުރާ އެ ލޯނު ސްކީމަކީ ކުވެއިތް ސަރުކާރުގެ އެހީގެ ދަށުން ދޫކުރާ ލޯނުތަކެވެ. މިނިސްޓްރީން ބުނެފައި ވަނީ ދެ މިލިއަން ޑޮލަރު (30،840،00 ދިވެހި ރުފިޔާ) ގެ ލޯން ފަންޑުގެ 25 ޕަސެންޓް ދޫކާނީ 50،000ރ. އާއި އެއަށް ވުރެ ދަށް އަދަދުގެ ލޯންތަކަށް ކަމަށާއި އަނެއް 75 ޕަސެންޓް އަމާޒު ކޮށްފައި ވަނީ 50،001ރ. ފެށިގެން 320،000ރ. އާއި ދެމެދުގެ ލޯނުތަކަށް ކަމަށެވެ.
އަދި ލޯނު ސްކީމުގައި ވެސް 40 ޕަސެންޓް ހާއްސަކޮށްފައި ވަނީ އަންހެން ވިޔަފާރިވެރިންނަށާއި ބޮޑު ބައެއް އަންހެނުން ހިއްސާ ކުރާ ކުންފުނިތަކާއި ކޯޕަރޭޓިވްތަކަށް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.