15 Apr 2020, 22:39
ސްކޫލްތަކުގެ ދަރިވަރުންނަށް އެކި ޓީވީ ޗެނަލްތައް މެދުވެރިކޮށް ގެނެސްދެމުންގެންދާ ޓެލެކްލާސްތައް ވަގުތީގޮތުން ހުއްޓާލައިފިއެވެ.
މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައިފައި އޮންނަތާ މިހާރު މަހެއްވާން ވަނީ ކައިރިވެފައެވެ. އޭގެ ފަހުން އަންނަނީ ޓީވީތައް މެދުވެރިކޮށް ހުރިހާ ގްރޭޑްތަކަަށް ޓެލެކްލާސްތައް ކުރިއަށް ގެންދަމުންނެވެ.
ނަމަވެސް މިއަދު މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑް ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެން މިއަދު މެންދުރުން ފެށިގެން 24 ގަޑިއިރަށް ވަނީ މާލެ ސަރަހައްދު ލޮކްޑައުންކޮށްފައެެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިރޭ "ސަން" އަށް ވިދާޅުވީ ލޮކްޑަައުން ކުރުމުން ކްލާސްތައް ޝޫޓުކުރުމުގައި ދަތިތައް ދިމާވަމުންދާ ކަމަށެވެ.
ޓެލެކްލާސްތައް ދެން ފެށޭނެ ތާރީހެއް އެޑިއުކޭޝަން މިނިސްޓްރީން ހާމައެއް ނުކުރެއެވެ.
"މިއަދު މެންދުރުފަހު 3:30ގެ ފަހުންފެށިގެން 24 ގަނޑިއިރުގެ މުއްދައްތަކަށް މާލެ ސަރަހައްދު ފުރަބަންދުކުރުމާ ގުޅިގެން މާދަމާއިން ފެށިގެން ވަކި ގޮތެއް އަންގަންދެން ޓެލިކިލާސްތައް މެދުކަނޑާލެވިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަން،" އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ޓެލެކްލާސްތައް ދާދި ފަހުން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އިންޓަނެޓް ޑިޖިޓަލް ޕޯޓަލް "ފިލާ" އިންވެސް ގެނެސްދޭން ފަށައިފައެވެ.