15 Apr 2020, 22:29
މިއަދު ޕޮޒިޓިވްވި ކޭސްއާ ގުޅިގެން މޮނީޓަރިންގެ ހާލަތައް ގެނައި ގެތަކުގެ ނަންތައް އިއުލާންކޮށްފި އެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މި ކޭސްއާ ގުޅިގެން ހަތަރު ގެއެއް ބަލަމުންދާ ކަމަށެވެ. ނަމަވެސް އެ ގެތަކުގެ ނަންތައް ނަޒްލާ ހާމަ ނުކުރައްވައެވެ.
އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި މޮނީޓަރިންގެ ހާލަތައް ގެނައި ތިން ގެއެއްގެ ނަންތައް ވަނީ އާންމުކޮށްފައެވެ. އެގޮތުން މޮނީޓަރިންގެ ހާލަތައް ގެނެސްފައިވާ އައްޑޫ ސިޓީގެ ގެއަކާއި މާލޭ ސިޓީގެ ދެ ގެއެއްގެ ނަންވަނީ ހާމަކޮށްފައެވެ.
މޮނީޓާރިންގެ ހާލަތައް ގެނައި ގެތަކުގެ ނަންތައް:
ހ. ރަތްކުރެދި އިމާރާތުގެ 4 ވަނަ ފަނގިފިލާ
- މ. ޖަރީމާގެ
- ނޫމަސްވާދީ، ސ. ހިތަދޫ
މާލެއިން މިއަދު ހެނދުނު މީހަކު ޕޮޒިޓިވްވި އިރު، ޕޮޒިޓިވްވި މީހަކާ ސީދާ ބައްދަލުވި އިތުރު މީހަކުވެސް ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭ އިން މިރޭ ވަނީ ބުނެފައެވެ.
އެޗްޕީއޭ އިން މިއަދު ބުނިގޮތުގައި މާލެއިން ޕޮޒިޓިވްވި ފުރަތަމަ ކޭސްއާ ގުޅިގެން 54 މީހަކު އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި 11 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އެ މީހާއަކީ ފަހުގެ ތާރީހެއްގައި ބޭރު ގައުމަކަށް ދަތުރުކޮށްފައިވާ މީހެއް ނޫނެވެ. އަދި ކޮވިޑް-19 ޖެހުނު މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ކަމަށް އެނގެން ނެތް ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
މިހާތަނަށް ޖުމްލަ 22 މީހަކު ވައިރަހަށް ޕޮޒިޓިވްވި އިރު، 13 ބިދޭސީއަކާއި ތިން ދިވެހިން ވަނީ ވައިރަހުން ރަނގަޅުވެފައެވެ.