15 Apr 2020, 22:14
މުޖުތަމައުގައި ބިރުވެރިކަން އުފައްދަން ޖާގަ ނުދެވޭނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރޭ ފަތިހު އދ. މަހިބަދޫ ބަނދަރުގައި އޮތް ފަސް ލޯންޗާއި ދެ ޑިންގީގައި އަލިފާނުގެ ހާދިސާއެއް ހިންގައި އުޅަނދުތައް ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ މިއީ ސަރުކާރާއި ރައްޔިތުންގެ މުދަލަށް ގެއްލުންދިނުމަށް ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށެވެ.
އެކަމާ ގުޅިގެން މިހާރު ވަނީ އެ ކަންތައް ހިނގައިދިޔަ ގޮތް ބެލުމަށް ފުލުހުންގެ ސެންޓްރަލް ހެޑް ކުއާޓާ އިން ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހާއްސަ ޓީމެއް މަހިބަދުއަށް ގޮސްފައެވެ.
އެ ހާދިސާއަށް އިޝާރާތްކޮށް މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ އެކަކު އަނެކަކަށް އެހީތެރިވެ އަޅާލާ އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަތައް އެންމެ ބޮޑަށް ދައްކަންވީ ވަގުތު ކަމަށެވެ.
"ރައްޔިތުންނާ ދައުލަތުގެ މުދަލަށް ގެއްލުންދީ މަޖުތަމައުގަ ބިރުވެރިކަން އުފެދޭ މަސައްކަތް ކުރުމަކީ ނުބައިކަން ބޮޑު ކަމެއް. މިފަދަ ކަންކަމަށް އަޅުގަނޑުމެން ފުރުސަތު ނުދޭނަން،" އިމްރާންގެ ޓުވީޓުގައި ވެއެވެ.
މިރޭ ސަލާމަތީ ބާރުތައް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ މިދުވަސްވަރު ދީފާނެ ހަމަލާއަކަށް ފުލުހުންނާއި ސިފައިންވެސް ތައްޔާރަށް އޮތް ކަމަށެވެ.