ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ތަރުޖަމާން އަހުމަދު މަހުލޫފްގެ އާއިލާގެ ފިހާރަ "ދަ ޖީންސް" އަށް ބަޔަކު ހަމަލާދީ އެ ފިހާރައިގެ ބިއްލޫރިގަނޑެއް ރޭ ތަޅާލައިފި އެވެ.

މަހުލޫފު ވިދާޅުވީ ހެންވޭރު ފިލިގަސްމަގު އެމްޓީސީސީ، ކައިރީގައި ހުންނަ "ދަ ޖީންސް" ފިހާރައަށް ގެއްލުންދީ ބިއްލޫރި ގަނޑު ތަޅާލާފައި ވަނީ ރޭ 9:30 އެހާކަންހާއިރު ކަމަށެވެ. އެއީ ބޮޑު މުޒާހަރާ ބޭއްވުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށްޓަކައި އެމްޑީޕީން ކޮށްފައިވާ ކަމެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވެވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސީދާ 23 ޑިސެމްބަރަށް ޓާގެޓްކޮށްގެން އަޅުގަނޑުމެން ކުރާ މަސައްކަތް ހުއްޓުވުމަށް ދިން ހަމަލާއެއް. އެކި ގޮތް ގޮތުން ޓްވިޓާ އާއި ފޭސްބުކާއި އަދި މަޖިލީސް ތެރޭގައި ވެސް އަޅުގަނޑުމެންނަށް މި އިންޒާރު ދީފަ އެބަހުރި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފިހާރައިގެ ވަށައިގެން ޖަހާފައި ހުރި ބިއްލޫރިތައް ތަޅައިގެން ގޮސް ކުދިކުދިވެގެން ނުފޭބީ "ޓެމްޕަޑް ގްލާސް" އަށް ވުމުން ކަމަށާއި ނަމަވެސް މިހާރު ވެސް އަތްލައިފިނަމަ ބިއްލޫރިތައް ފައިބާ ގަންނާނެ ކަމަށެވެ.

http://www.sun.mv/uploads/l_1348465.jpg
މަހުލޫފް ތުހުމަތު ކުރެއްވި ގޮތުގައި އެ ހަމަލައަކީ ހުކުރު ދުވަހުގެ މުޒާހަރާ ލީޑް ކުރާ އެކަކަށްވާތީ އޭނާއަށް ދިން އިންޒާރެކެވެ. ނަމަވެސް އޭގެ ސަބަބުން މުޒާހަރާއާއެކު ކުރިޔަށްދާން އިތުރު ހިއްވަރެއް ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި އެ ކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Ahmed Mahuloof (mp3)