15 Apr 2020, 20:47
ލ. އަތޮޅު ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލީ، ފުލުހުން ކުރަމުން ދިޔަ މަސްތުވާތަކެތީގެ ތަހުގީގެއްގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ލ. ގަމު ތުނޑީ އަވަށު ބަނދަރުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލީ މިދިޔަ މާޗު 22 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައެވެ.
މިރޭ ފުލުހުންނާއި އެމްންޑީއެެފް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުުގައި ވާހަކަަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ، އެ ލޯންޗުގައި ރޯކޮށްލާފައިވަނީ ބަދަލު ހިފުމުގެ ގޮތުން ބަޔަކު ގަސްތުގައި ކަމަށެވެ.
މިރޭ ފުލުހުންނާއި އެމްންޑީއެެފް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުުގައި ވާހަކަަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ، ދާދި ފަހުން ހިނގާފައިވާ ބައެއް އަލިފާނު ހާދިސާތަކަކީ، ގަސްތުގައި އެކި ފަރާތްތަކަކުން ރާވައިގެން އެކި މަގްސަދުގައި ހިންގާފައިވާ ހާދިސާތައް ކަމަށެވެ. އެގޮތުން ތުނޑީގައި އޮތް ލޯންޗުގައި ހިނގި އަލިފާނުގެ ހާދިސާއަކީ އެގޮތަށް ގަސްތުގައި ބަޔަކު ރަވައިގެން ހިންގާފައިވާ އަމަލެއް ކަމަށް ސީޕީ ވިދާޅުވިއެވެ.
"[ތަހުގީގަށް] މިހާތަނަށް ހޯދި ހޯދުންތަކުން ފާހަގަކުރެވެނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި، ހާއްސަކޮށް ޓްރެފިކް ކުރުމުގެ އެތައް ބައިވަރު ނެޓްވޯކްތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށް އަންނައިރު، އެފަރާތްތަކުން ފުލުހުންނާ މެދު އޮންނަ ނަފްރަތާ އަދި މިކަންތައްތަކާ ދޭތެރޭ ފުލުހުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އުފެދިފައިވާ ނަފުރަތުގެ ސަބަބުން ހިންގާފައިވާ ކަމެއް،" ސިޕީ ހަމީދު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ، އެ މައްސަލަ އަދިވެސް ވަރަށް ފުޅާ ދާއިރާއެއްގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ސީޕީ ހާމައެއް ނުކުރައްވައެވެ.
އަންދާލާފައިވަނީ ޕޮލިސް ލޯންޗު 34ގަ އެވެ. އަދި ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ.