ރޭ ފަތިހު އދ. މަހިބަދޫ ބަނދުރުތެރޭގައި ހުރި ލޯންޗުތަކުގައި ބަޔަކު އަލިފާން ރޯ ކޮށްލީ ގަސްތުގައި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވީ ސަލާމަތީ ބާރުތަކުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"މިހާތަނަށް އަޅުގަނޑުމެނަށް ފާހަގަކުރެވުނީ މިއަދު ފަތިހު އދ. މަހުބަދޫ ބަނދަރުގައި އޮތް ފަސް ލޯންޗާއި ދެ ޑިންގީގައި ރޯވެފައިވާ ރޯވުން އެއީ ގަސްތުގައި ބަޔަކު ކޮށްފައިވާ އަމަލެއް،" ސީޕީ ހަމީދު ވިދާޅުވިއެވެ.

އެ ކަމަކީ ސަރުކާރާއި ރައްޔިތުންގެ މުދަލަށް ގަސްތުގައި ގެއްލުން ދިނުމުގެ އަމަލެއް ކަން ސީޕީ ހަމީދު ފާހަގަކުރެއްވި އެވެ. އަދި އެއީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އޮތް ކަން ވެސް ސީޕީ ހަމީދު ފާހަގަކުރެއްވި އެވެ.

ލޯންޗުތަކުގައި ރޯކޮށްލުމުގެ ތަހުގީގަށް ފުލުހުންގެ ސެންޓްރަލް ހެޑް ކުއާޓާރ އިން ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހާއްސަ ޓީމެއް މަހިބަދުއަށް ގޮސްފައިވާ ކަމަށް ސީޕީ ވިދާޅުވިި އެވެ. އަދި އެ މައްސަލައިގެ އިތުރު ތަފްސީލް ހާމަކުރާނީ ތަހުގީގު ނިމުމުން ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ، މަަހިބަދޫ ފަޅުގައި އަޅާފައިވާ ގިނަ އަދަދެއްގެ އުޅަނދުތަކުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބުނީ، މިއަދު ފަތިހު 5:45 އެހާކަންހާއިރު ކަމަށެވެ. އެ ހާދިސާގައި ފަސް ލޯންޗަކާއި ދެ ޑިންގީގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.

އަލިފާން ރޯވި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ފުލުހުންގެ ލޯންޗަކާއި އދ. އަތޮޅު ކައުންސިލްގެ ލޯންޗަކާއި ސީއެމްބިއުލެންސް އާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ، އެޗްއެމްއެޗްގެ ދެ ލޯންޗު އަދި އަމިއްލަ މީހެއްގެ ދެ ޑިންގީ އެވެ.