15 Apr 2020, 20:40
މިއަދު މާލެއިން މީހަކު ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އައިޖީއެމްއެޗްގެ ބައެއް ހިދުމަތްތައް މެދުކަނޑާލައިފިއެވެ.
އައިޖީއެމްއެޗްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑްއަށް މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން ސްޕެޝަލިސްޓް އޯޕީޑީއާއި އަދި އެހެނިހެން ކްލިނިކްތައް މާދަމާ އާއި ހޮނިހިރު ދުވަހު ބަންދުވާނެ ކަމަށެވެ.
އެހެން ނަމަވެސް އައިޕީޑީ އަދި އިމަޖެންސާ ހިދުމަތްތައް ކުރިއެކޭވެސް އެއްގޮތަށް ކުރިއަށް ގެންދާނެކަމަށް އެ ހޮސްޕިޓަލްއިން ބުންޏެވެ.
އޭގެ ފަހުން އަމަލުކުރާނެ ގޮތް ހޮނިހިރު ދުވަހު އިއުލާނު ކުރާނެ ކަަމަށްވެސް އައިޖީއެމްއެޗްއިން ބުންޏެވެ.
މާލެއިން މީހަކު ކޮވިޑްއަށް ޕޮޒިޓިވް ވުމާ ގުޅިގެން މުޅި މާލެ މިހާރު ވަނީ 24 ގަޑިއިރަށް ލޮކްޑައުންކޮށްފައެވެ.
ބައްޔަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 54 މީހަކު އެކަހެރިކޮށްފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކޮރޯނާ ޖެހިފައިވާ 21 މީހަކު މިހާތަނަށް ރާއްޖެއިން ވަނީ ފެނިފައެވެ.