18 Dec 2011, 10:45
ޖީއެމްއާރުން ހިންގާ އިބްރާހީމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ބޭނުންވާ ސްޓޭޖުތަކާއި ޓެންޓްތައް ޗާޓާ ފްލައިޓެއްގައި ސްރީލަންކާ އިން ރާއްޖެ ގެނެސްފި އެވެ.
"ގްރައުންޑް ބްރޭކިން" ރަސްމިއްޔާތެއްގެ ގޮތުގައި މާދަމާ އެއާޕޯޓްގެ އާ ޓާމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާ އިރު، ރޭ ފަތިހު ޗާޓަރު ފްލައިޓެއްގައި ވަނީ 15 ޓަނުގެ ސްޓޭޖު ސާމާނު ރާއްޖެ ގެނެސްފަ އެވެ.
ޖީއެމްއާރުގެ މީޑިއާ އޮފިޝަލް މަހީކާ ޗަންދުރަސޭނާ ވެސް ވަނީ އެކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ. އޭނާ ވިދާޅުވީ 400 މީހުންނަށް ދައުވަތު ދީގެން ބާއްވާ ރަސްމިއްޔާތަށް ސްޓޭޖުތައް ލަންކާ އިން ގެނައީ އެ ތަކެތި ރާއްޖެ އިން ނުލިބިގެން ކަމަށެވެ.
ސްޓޭޖު ފަދަ ތަކެތި ރާއްޖޭގައި ނުހެއްދޭނެތޯ ދެންނެވުމުން ވެސް އޭނާ ވިދާޅުވީ ސާކް ސަމިޓް ބޭއްވި އިރު، ބޭނުން ކުރި ސްޓޭޖުތައް ބޭނުން ކުރެވޭތޯ ވެސް ބެއްލެވި ކަމަށާއި ނަމަވެސް އެ ވަރުގެ ރަސްމިއްޔާތަކަށް ބޭނުންވާ ވަރުގެ ތަކެތި އެތަނުން ނުލިބުނު ކަމަށެވެ. އޭނާ ވިދާޅުވީ މާދަމާ އޮންނަ ރަސްމިއްޔާތުގެ ރިހާސަލް މިއަދު ބާއްވާ އިރު، ވަގުތު ވެސް ތަން ނުދޭ ކަމަށެވެ.
ޓެންޓް ޖަހައިގެން އެއާޕޯޓްގެ އާ ޓާމިނަލްގެ ބިންގާ އަޅަނީ ހެވީލޯޑާ ހަވާލުކޮށްގެން ހުޅުމާލޭގެ އިރުމަތީ ފަރާތުގައި ހިއްކި ބިމުގަ އެވެ.