16 Apr 2020, 08:34
"ބެޓްކޮށްގެން ކުރެވޭނެކަން އަންގައިލަން ކުރާ ކަމަކީތަ؟ ނޫނީ ރިވެންޖަކަށްތަ؟ މަންމައަށް އެނގޭ ޒިން އެކަހަލަ ކުއްޖަކާ ހަމަ ހުރެފަކަ ނީންނާނެކަން. ކޮބާ ރީޒަންއަކީ؟ "ސުކައިނާ ގަދަކަމުން ހިނިތުންވެލައިފިއެވެ. ރުޅިއިސްކޮށްގެން މާޒިންގެ ހިތުގައި ޖައްސާކަށް އޭނަ ބޭނުމެއްނޫނެވެ. އެކުއްޖާ މީރާދެކެ މިހާރުވެސް އިންތިހާއަށް ލޯބިވެއެވެ. އެކޮޓަރީގެ ކޮންމެތަނަކުން ފެންނަނީ މީރާގެ ހަދާންތަކެވެ. މީރާގެ މަރަށްފަހު މާޒިންއަށް ނަފްސާނީ ގޮތުން ކޮށްފައިވާ އަސަރުގެ ބޮޑުމިން ލަފާކޮށްލާކަށްވެސް ނޭގެއެވެ.
"އޭނަގެ މޫނު ދެއްކީތަ؟ " އަރްސަން އެހިއެވެ.
"އޭނަ ވައްތަރީ ތިއްތިއާ....." މާޒިން ހިނިގަނޑެއްޖަހައިލިއެވެ.
"ތިބުނީ ކީކޭ. ތުނބުޅިއެއް ލާފައި އެހާ ހެއަރީތަ ހަމަ.........." އަރްސަން ލޮލަށް ގޮތެއް ހަދައިލީ މަޖާވެލާފައެވެ. މާޒިން ބުނާކަށް ބޭނުންނުވިއެވެ. ހަގީގަތަކީ އަރްސަންއާއި އާލިޔާގެ ލޮލުގެ ކުލަ ދާދި އެއްގޮތްވުމެވެ. އަރްސަން ލޯ ވާރުތަކުރީ މާމަ އުންމު ކުލްސޫމްގެ ފަރާތުންނެވެ.
"ހެހެ....އަސްލުވެސް" މާޒިން ހީލިއެވެ.
"ޒިން. މަންމައަކަށް އެއްގޮތަކަށްވެސް ރަގަޅުކަމެއް ނޫން ކުރަން ތިއުޅެނީ. އޭނަ މިގެއަށް ޅީ ދަރިއެއްގެ ގޮތުގައި ވަދެފައި މިގެވެސް ބަރުބާދުކޮށްލާނެ. އެކަހަލަ ސުންޕާ މީހުންނާއިހެދި ތިއްތިގެ ލައިފް ހަލާކުވީ. ޒިން އަމިއްލައަށްވެސް އެކަން ހަދާންނެތުނީތަ؟ މީރާގެ ކޮން ކުށެއް އޮވެގެން ޓެރަރިސްޓުން އެކުއްޖާ މަރައިލީ. ތިބުނާ މޫނު އެޅި އަންހެނާއަކީ އޭގެ މީހެއް. އެކްސްޓްރީމިސްޓެއް. ހަރުކަށި ފިކުރުގެ މީހެއް....." ސުކައިނާއަށް ބުނެވުނީ ބާރަށެވެ.
"އެކަހަލަ ކުއްޖެއްވެސް ހަމަ ނޯމަލް އަންހެންކުއްޖަކަށް ވެވިދާނެއްނު މަންމާ..."
"ނޫން ޒިން ނޫން. މަންމަ ތިކަމާ ގަބޫލެއްނުވާނަން. މަންމަމެން މިއީ ތި ފިކުރާ ދެކޮޅަށް ވަކާލާތުކުރާ މީހުން. ކުއްލިއަކަށް އެކަހަލަ އަންހެނެއް ގެނެސް ގެއަށް ވެއްދީމަ މީހުން ހާދަ މަލާމާތް ކުރާނެއޭ. އެއަންހެންކުއްޖާގެ ހުދި ދެފުށްކެހެރިކަން ދަރިފުޅަށް ރޭކާނުލީމަވެސް މަންމަ ހައިރާންވެއްޖެ. އެކުއްޖާ އެހާ ދީނީމީހެއްނަމަ ކައިވެނި ކުރާނީ ފަޓުލޫނު ފައި ކުރު ކޮށްފައިވާ ޝޭޚަކާ ނޫންތަ؟ ރައީސްގެ ދަރިވީމަ މުއްސަދިވީމަ ފައިސާއަށްޓަކާ ދީން އެ ވިއްކަން ތައްޔާރަށް. ކިހާ ލަދެއްނެތް..." ސުކައިނާ އާލިޔާއާއި ދެކޮޅަށް ވަކާލަތުކުރިއެވެ.
"ބައްޕަ ވިދާޅުވަނީ ކީކޭތޯ؟ " ޖިބްރީލް އެހިއެވެ.
"ޒިން އަންހެންކުއްޖަކުދެކެ ލޯބިވެގެން ކައިވެނި ކުރަން އުޅުނުނަމަ އެއީ ކޮންމެ ކަހަލަ ކުއްޖަކަށްވިޔަސް މަރުހަބާ ކިޔާނަން. އެކަމަކު ޒިން ތިކުރަން އުޅޭ ކައިވެނީގައި އިޚުލާސްތެރިކަމެއްނެތް. ނުބައި ނިޔަތެއް އޮތީމަ ބައްޕަ ހިތްހަމައެއް ނުޖެހޭ..." މައިމޫންގެ ނިންމެވުމުން އެތަނަށް ހިމޭންކަން ފެތުރިގެން ދިޔައެވެ.
މާޒިންއަށްވެސް އިސް ޖެހިއްޖެއެވެ.
ބައްޕަގެ ނިންމެވުމަށް އިހުތިރާމްކޮށް އާއިލާގެ އެންމެ އިސްމީހާގޮތުގައި ދެކޭކަން އެންމެންގެ ހިމޭންކަން ސާބިތުކޮށްދިނެވެ.
"ސްޓިލް ޒިން އާލިއާގެ ކޮންމެވެސް ސިފައަކާއި ގަޔާވެގެން ނޫނީ އޭނަ ރީހެބިލިޓޭޓްކުރަން ކުރާ ކައިވެންޏެއްނަމަ ފައިދާވެސް ކޮށްފާނެ. ބައްޕައަށް އޯކޭ"
ސުކައިނާ ދެލޯ ބޮޑުކޮށްލާފައިވެސް ނިކަން އަވަހަށް ހަމަޖެހިލިއެވެ.
މައިމޫންގެ ބުއްދިވެރިކަމާއި ތޫނުފިލިކަމާ ދުރުވިސްނޭކަމަކީ އޭނަ ތަޖުރިބާކޮށްފައިވާ ކަމެކެވެ. ވެރިއެއްގެ ހުރިހާ ސިފަތަކެއް ހުރި ފިރިހެނެވެ. ހިންގުންތެރިއެކެވެ. ހެޔޮ ފިރިއެކެވެ. އެންމެ ލޯބިވާ ބައްޕައެވެ. ވީއިރު މައިމޫން ގެ އެ ނިންމެވުމުގައި އިބުރަތެއްވާނެއެވެ. އާލިއާ މިގެއަށް އަޔަދޭށެވެ. އޭނަ އިސްލާހުކުރަން އެންމެ ކުރީގައި ހުންނާނީ މައިދައިތަކަން ދަންނަން އެކުއްޖާއަށް ޖެހޭނެއެވެ. ސުކައިނާގެ ތުންފަތަށް ނުބައި ހިނިތުންވުމެއް ވެރިވިއެވެ.
"ބައްޕަގެ ކޮންމެ ދަރިއަކު ކައިވެންޏެއް ކުރިޔަސް ކައިވެނީގެ އެއް ހަދިޔާއަކަށް ކޮންމެ ކުއްޖަކަށް ދެ ގެ ރެޖިސްޓްރީކޮށްދޭނަން. މި ގައުމުން އެއް ގެ ލިބޭނެ. އޭރުން އުފާވެރި ދިރިއުޅުމެއް ލިބޭނެކަމަށް ބައްޕަ ގަބޫލުކުރަނީ..."
***
މިންކާގެ މެސެޖްތައް ފުލުފުލުގައި އަންނާތީ އަރްސަން ހައިރާންވިއެވެ. އޭނަ ޖަވާބެއް ނުދޭއިރުވެސް އެހެރަ ވަފާތެރިކަމެކެވެ. މެސެޖްތަކުގެ ސިލްސިލާ އޭނަ ކިޔަނީއެއްވެސް ނޫނެވެ. އެހާ ގިނައެވެ. ނަމަވެސް ހުޅުވައިލަން މަޖުބޫރުކުރީ އަދާއާއި އަޔާޒްއާއި އަޅުވާ ކިޔަން ފެށީމައެވެ. އަދާގެ އާ ލޯބިވެރިޔަކީ އަޔާޒުކަމަށާއި އޭނަ ބުރުގާވެސް އަޅާ ނަމާދުކުރަނީ އަޔާޒްގެ ރުހުން ހޯދަން ކަމަށާއި ވަރަށް އަވަހަށް އިންނާނެ ވާހަކަ ބުނުމުން ޝައްކުތަކެއް ހިތުގައި ހިނގާލިއެވެ. މިންކާއަށް އަދާ އާއި އަޅުވާކިޔަން މިއޮތް ބޮޑު ދުނިޔެއިން އަޔާޒް ނޫންމީހަކު ނުފެނުނީބާވައެވެ. ކޮންމެވެސް ހަގީގަތެއް ނެތި މިންކާ އެވަރުން އަޔާޒްގެ ނަން ގަންނާނެ ކަމެއް ނޭގެއެވެ.
އަރްސަން އަދާގެ އެފްބީއާއި އިންސްޓަގްރާމްފަދަ ސޯޝަލް މީޑިއާ ޕޭޖުތައް ބަލައިލިއިރު އަދާއާއި އޭނަގެ އެންމެ ފޮޓޯއެއްވެސް ނެތެވެ. ހުރިހާ ފޮޓޯތަކެއް އޭނަ ނަގައިފިއެވެ. އަދި އެންމެ ފަހަށް ހިއްސާކޮށްފައި ހުރީ ދީނީ ޕޯސްޓެކެވެ.
"ޑޭމިޓް...ދުނިޔޭގެ ހުރިހާ މުސީބާތެއްގެ އަސްލަކީ ދީން.." އަރްސަންގެ ހިތުގެ ކަޅުކަމުން ހުރިހާ ރުޅިއެއް އާދެވުނީ ދީންދެކެއެވެ. ކުށްވެރިކުރެވުނީ ދީނެވެ. އޭނަގެ ހިތުގެ މައްޗަށް ކަޅު ވިލާގަނޑެއް އެޅި ހެވާއި ނުބައި ވަތްކެއް ނުވެއެވެ. އޭނައަށް ދީން އޮޅުން ފިލާފައި ނެތުމުން ދީނުގެ ފުރިހަމާ ރީތިކަން ނޭގެނީއެވެ.
***
އަދާއާއި މިންކާ ރެސްޓޯރެންޓުން ނުކުމެގެން އައީ ދުފަމުންނެވެ. މިންކާ އާލިއާއަށް ގުޅައިގެން ވާހަކަދައްކަމުން ގޮސް އެކުވެރިއަކަށް ތައާރަފުކޮށްދޭން ބޭނުންވާކަމުގައި ބުނެލިއެވެ.
"ހޫމް ކޮންދުވަހަކު ދާންވީ؟ " މިންކާ އަދާއަށް އެއްލޯ މަރައިލިއެވެ. ހުރިހާ ކަމެއް ރަގަޅަށް ދާކަމުގައި އިޝާރާތުން އެންގިއެވެ.
އަދާއަށް ކުއްލި ހައިރާންކަމެއް ލިބުނީ އަރްސަންއާއި ވައްތަރު މީހަކު ކާރުން ފޭބިތަން ފެނިފައެވެ. ތުނބުޅި ތަންކޮޅެއް ދިގުކޮށްލިޔަސް އެރީތިކަމަށް ފަނޑުކަމެއް ނައެވެ. ކުރިއަށްވުރެ ފިރިހެންވަންތައެވެ. އަދާގެ ހިތަށް ފުންއަސަރުތަކެއްކުރިއެވެ. މިންކާގެ އަތުގައި ހިފާލެވުނުލެއް ބާރުކަމުން އޭނައަތަށް ތަދުވިއެވެ. އަދި އެއަށްވުރެ ހައިރާންވީ އަރްސަންއާއި ވައްތަރު ޒުވާނާގޮސް މިސްކިތުގެ ތެރެއަށް ވަނީމައެވެ. ނޫނެކެވެ. އެމީހާއަކީ އަރްސަންއަކަށް ނުވާނެއެވެ.
"ކިހިނެއްވީ ހަންޑިއެއް ފެނުނީތަ؟ މަގޭ އަތަށް ނިޔަފަތިތައް ހަރައިލީ..." މިންކާ ޝަކުވާ ކުރަމުން އަތުން ލޭ އަރުވާލާފައި ހުރިތަންކޮޅު ދެއްކިއެވެ. "އެނީވޭސް އާލިއާ ބުނި ހުކުރުދުވަހު އެގެއަށް އަންނައްޗޯ..."
އަދާ ކުޑަކޮށް ހީލިއެވެ.
"މަށަށް އަރްސަން ވައްތަރު މީހެއް މިސްކިތަށް ވަންތަން ފެނުނީ. ސޭމް މިސްކިތާއި ވަރަށް ދުރު.."
"ވެދާނެއްނު އަދާ ރުޅިވީމަ އޭނަ ސޯލިހުވީކަމަށް. ދެރަކަމެއް ކުރިމަތިވީމަ އިންސާނުންނަށް ތިމާގެ ބަލިކަށިކަން ވިސްނި ދޭ ޓާން ޓު ކްރިއޭޓާ. ދެރަކަމެއް ނުވަންޏާ ޓިޕިކަލް އިންސާނުން ހަމަ ބޮޑާވެފައި މަތިހަށިނަގައިގެން ތިމާމެން ވަރު ބަޔެއް ނެތްކަމަށް ދެއްކިގެން ތިބެނީ. އަރްސަންއަށްވެސް ވިސްނުނީ ކަން ނޭގޭ." މިންކާ ނުދެނެހުރިކަމަށް ހަދާލައިގެން ހުއްޓަސް އޭނައަށް އަރްސަން ފެނުނެވެ. އޭނައަށް ނުފެނި އަރްސަންގެ ހިޔަންޏަށްވެސް މިރަށަކު ނޫޅެވޭނެއެވެ. އޭނަ ފިނިވެ ގަނޑުފެންކޮޅެއްހެން ވިރިގެން ނުފައިބާ ހުރިކަމެވެ.
އަރްސަން ބަދަލުވެއްޖެއްޔާ ހާދަ ރަގަޅެވެ. އޭނަ ދީން ގަބޫލުކޮށްފިއްޔާ އަލުން ހަޔާތުން ފުރުސަތުދޭނީއެވެ. ނަމަވެސް ކަލަކުވޮޑިގެން ނުވާކަން ގަބޫލުކުރާ މީހަކާއިއެކު ދިރިއުޅުމަކީ އިސްލާމްދީން ހުއްދަކުރާކަމެއްނޫނެވެ. ވީއިރު އެފަދަ ގުޅުމެއް އަދާއަކަށް ގަބޫލުނުކުރެވޭނެއެވެ. ނަމަވެސް އަރްސަން މިސްކިތަށް ދާން ފެށުމަކީ ހެޔޮ ފާލެކެވެ.
***
ރައީސްގެ ދަރިން ވަޒީފާއަކަށްނުގޮސް ބައްޕަގެ މުއްސަދިކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ތިބޭ ބަޔެއްގެ ގޮތުގައި މަޝްހޫރުވިއެވެ. ސޯޝަލްމީޑިއާގައި ރައީސްމައިމޫންގެ ދަރިންނަށް ފާޑު ކިޔުން އިތުރުވިއެވެ. މައިމޫންއާއި ތައިމޫރުއަކީ ބިލިއަނަރުންކަމާއި ދަރިން ދުވަހަކު މަސައްކަތެއް ނުކުރިޔަސް އުމުރުދުވަހު ތަނަވަސްކޮށް އުޅެވިދާނެކަން އެންމެނަށް އެނގެއެވެ. ނަމަވެސް ހަގީގަތަކީ މައިމޫންގެ ދަރިން އެހާ ފޮނިނޫންކަމެވެ. މުއްސަދިކަން އެއްވެސް ތަނެއްގައި އެމީހުން އިޝްތިހާރެއްނުކުރެއެވެ. ޕްރައިވެޓް ޖެޓްތަކާއި ޔޮޓްތައް އަދި އަގުބޮޑު ގަޑިތަކާއި ހެދުންތައް ލާފައި ފޮޓޯލައެއް ނަހަދައެވެ. މައިމޫންއާއި ސުކައިނާގެ ތަރުބިއްޔަތުގެ ސަބަބުން ދެއްކުންތެރިކަމެއް އެއިން ޒުވާނެއްގެ ނުހުރެއެވެ. އެޒުވާނުންގެ މާ ބޮޑު ކުށެއްނެތި ދީން ގަބޫލުނުކުރާކަމުގެ ތުހުމަތު އެޅުނެވެ. އެގޮތްމިގޮތަށް މައިމޫނާއި ސުކައިނާ އަދި އެ ޒުވާނުންގެ ވާހަކަތައް ގިނަކުރާން ފެށުމުން އެންމެ ރުޅިއައީ އަރްސަންއެވެ. އަރްސަން ބޭނުންވީ އެހުރިހާ އެންމެންގެ އަނގަތައް ބަންދުކޮށްލުމަށެވެ. އޭނަ ބައްޕަ އަތުން ލޯނެއް ނެގީ ފަހުން ދައްކާގޮތަށެވެ.
އޭނަގެ ބާރާއި ފެންވަރު އަންގާލުމަށެވެ. ޔަގީނުންވެސް އޭނައަށް އެމީހުން އެބުނާފަދަ "ލެވިޝް" ދިރިއުޅުމެއް ދެއްކިދާނެއެވެ. ނަމަވެސް ބައްޕަގެ ހިޔަނިން ނިކުމެ އަމިއްލަ ކުންފުންޏެއް ހަދައިގެންނެވެ. ދުނިޔޭގައި ހުރި އެންމެ ޒުވާން މިލިއަނަރަށްވުމަކީ އޭނަގެ އަޒުމެވެ. އޭނަގެ ކުންފުނި ހުޅުވުމުން އެންމެންގެ ލޯތައް ބޭގަރާރުވާނެއެވެ. އެންމެން ސަޕްރައިޒްވިޔަ ދޭށެވެ.
އެންމެ ކުރިން ކުންފުނީގެ ކަންތަކާއި އަވަދިނެތި އުޅެމުން ބީޗްކައިރިން ގެއެއް ގަނެލިއެވެ. ދެބުރިއަށް ނަގާފައިވާ އެ ކޮންޑޯގެ ރީތިކަމުން ތަލިން ކުޅުހިކޭނެއެވެ. ފަރުނީޗަރުތަކާއި ބިތްތަކުގައިވާ ހިތްގައިމު ޑިޒައިންތައް އަދި ފުޅާ ސިޑިތަކުން ފެށިގެން ޕޫލަށްދާންދެން ނިކަން ހުވަފެނީއެވެ. ވޯކިން ކްލޯޒެޓްގައި އެންމެ އަގުބޮޑު ބްރޭންޑްތަކުގެ ހެދުންތަކެވެ. އެހާ މޮޅު ގަޑިތަކާއި ބޫޓުތަކެވެ. އަތުގައި އަޅާ ފަށްތައްވެސް ޖަވާހިރުންނެވެ. ސެންޓްތައް ހުރި ހަރުގަނޑުގައިވެސް ނެތް ވައްތަރެއް ނެތެވެ. އެތަނަށް ވަންނަ ކޮންމެ މީހަކު އާޝޯޚުވާނެއެވެ. ސްޕައިޑާ ފެރާރީއަކާއި ދެތިން އިތުރު ކާރުން ގަރާޖުވެސް ފުރައިލިއެވެ. ނަމަވެސް އަދި އެކަން ދެނެހުރީ އޭނަގެ ގާތްމީހުން އެކަންޏެވެ. އެހެންމީހުންގެ ލޯތަކަށް އެގޭގެ ހަގީގީ ވާރިސް ފަރުދާވެފައެވެ.
މާޒިން އެ ގޭގެ ޕޫލްގައި ފަތަން އޮވެފައި ގެއަށް ވަނެވެ. ކޮޓަރީގެ ބޮކިތައްވެސް ދިއްލާނުލާ އަނދިރިކަމުގެ ތެރޭ ހިޔަންޏެއްފަދައިން އަރްސަން ފެނުނެވެ. އީސިގްރެޓްގެ ދުންތައް ދުއްވާލުމަށްފަހު އަރްސަން ސޯފާއިން ތެދުވުނެވެ. މާޒިންއަށް އަރްސަން ނުބުންޏަސް އެހިތުގެ ޒަޚަމްތައް އެވަގުތު ފުންވަރު އިހުސާސްކުރެވި ފެންކަޅިވާގޮތްވިއެވެ. ކިތަންމެ އަރައިރުންވެ އެކަކު އަނެކަކާ ތޮޅުނަސް އެޒުވާނުންގެ ހިތުގައި އޮންނަ އަޚުވަންތަކަމުގެ ލޯތްބަކީ އާދަޔާ ޚިލާފު ގުޅުމެކެވެ.
އޭނަވެސް ލޯބިވާ ފަރާތެއް އަބަދަށްޓަކާ ވަކިވިއެވެ. ނަމަވެސް ބޭވަފާތެރިވީއެއް ނޫނެވެ. އަރްސަން ތަފާތެވެ. އޭނަގެ ލޯބިވެރިޔާ ކެހިދިނީއެވެ. އަދާ ހާ ނުލަފާ ނުބައި އަންހެންކުއްޖަކު އޭނަ ދެކެފައެއްނުވެއެވެ. އަރްސަންއާއި ދޭތެރޭ ކަންތައް ކުރީ އަންހެނަކަށް ފިރިހެނަކާއި ދޭތެރޭ ކަންތައްކުރެވޭނެ އެންމެ ނިކަމެތިކޮށެވެ. އެތައް ބަޔެއްގެ ކުރިމަތީގައި އަރްސަން ލަދުގަންނަވާލާ ނިކަމެތިކޮށްލީއެވެ. ކައިވެނި ކުރަން ނޫނެކޭ ބުނެފައި އެދިޔައީއެވެ. އަރްސަން ދިރިހުރިހާ ހިނދަކު އަންހެނަކަށް އިތުބާރެއް ނުކުރާނެއެވެ. މާޒިން ވިސްނައިލިއެވެ. އޭނަ އަރްސަންއަށް އެހީވާން ބޭނުންވިއެވެ. އަދާއަށް ފިލާވަޅެއް ދޭން އޭނަ އެހީތެރިވާނެއެވެ.
"ސޯ މި ގެ ބަލައިލާ ނިމިއްޖެ ދޯ. އެކަމަކު މިއީ އަދި ސިއްރެއް....." އަރްސަން ބޮކިތައް ދިއްލައިލުމުން އެޅިގެން ދިޔަ ރީދޫ އަލީގައި އަރްސަންގެ އަޅި ދެލޯ ވިދައިލިއެވެ. ތުނބުޅިއާއި މަތިމަހަށް ކޮންމެވެސް ވަރަކަށް ރަންކުލަ އަރައެވެ.
"ނޫނޭ. ފޮޓޯތައް ލާންޖެހޭނެ....." މާޒިން އެއްލޯ މަރައިލިއެވެ.
"ރައީސްގެ ދަރިން ހިތް މޮޅޭ ރައްޔިތުންގެ ލާރިގަނޑު ކަނީއޭ ކިޔާއިރު އަދި އަހަރެމެން ފޮނިދައްކަން ކަމެއް ކޮށްފިންތަ؟ ނުވެސްކުރަމެއްނު. ޒިން ދޭ ހިކިލައިގެން. މަންމަމެން އިންތިޒާރުކުރާނެ. ކޮންމެހެންވެސް ކާ ގަޑިއަށް ގެއަށް ވައްޓާނުލައިފިއްޔާ މަންމަ އަހަރެމެން ހައުސް އެރެސްޓްކޮށްލާނެ.." އަރްސަން ހީލި ނަމަވެސް އެލޮލާއި ހަމަޔަށް ހިނިތުންވުމެއް ނުފޯރިއެވެ.
މާޒިން ސޯޓަކާއި ޓީޝާޓެއް ގަޔަށް މަހާލުމަށްފަހު ނުކުތެވެ. ބެކްޕެކް އަޅުވާލުމަށްފަހު ދެމީހުން ބީޗުން ހިނގާލަފައި ދިޔައިރު ރާޅުތަކުގެ ލުއި ރާގުފިޔަވާ ހިމޭންކަން ފެތުރިފައެވެ.
"ކޯންޗެއް ޒިން ތިވިސްނަނީ؟ މާ ބަސްމަދުވެފައި..." އަރްސަން އެހިއެވެ.
"ހިނގާ ޑީލެއް ހަދަމާ. ތިއްތި އާލިއާއާއި މެރީކުރަންވީނު." މާޒިންގެ ޖުމްލައިން އަރްސަން ސިހުނެވެ. އޭނައަކީ ދީންގަބޫލުނުކުރާ މީހެއްކަން މާޒިންއަކަށް ނޭގޭނެއެވެ. މީހުންގެ ލޮލުގައި އަނދުން އަޅުވަން އޭނަވަނީ އެފްބީ ތަންތާ ދީނީ ޕޯސްޓްތައް ޖަހަން ފަށާފައެވެ. ދޭތެރެއަކުން މިސްކިތަށް ވަދެލައެވެ. އެވަރުންވެސް މީސްމީހުންގެ އަނގަތައް ބަންދެއްނުވެއެވެ.
"ޒިން އާ ޔޫ އައުޓް އޮފް ޔޯ މައިންޑް....." އަރްސަން ފިޔަވަޅުތައް ހުއްޓުނެވެ.
"ނޫނޭ އަދި މޮޔައެއްނުވޭ...." މާޒިންވެސް ބެކްޕެކްގެ ވާގަނޑުގައި ދެއަތުން ހިފަހައްޓާލަމުން އަރްސަންއާއި ކުރިމަތިލިއެވެ. ދެބެން އެކަކު އަނެކަކު ކުރިމައްޗަށް ވާގޮތަށް ހުއްޓިގެން ތިބިއިރު މާޒިންހުރީ ހީލަ ހީލައެވެ.
"އިޑިއަޓް. ކޮންމެ ކަމެއްގައި ސަމާސާނުކޮށްބަލަ....." އަރްސަން އިންޒާރުގެ ގޮތަކަށް ލޯ އަޅާލިއެވެ. "ކިރިޔާ ނުޖެހުނީ"
"އެހާ އަވަހަށް އަތް އިސްކުރާ ކުއްޖެއް ނޫނެއްނު. އެކަމަކު މިއީ ސަމާސާއެއް ނޫން ތިއްތި. ސީރިއަސްކޮށްބުނި އެއްޗެއް. އެނގޭތަ. އާލިއާއަށް ޕްރޮޕޯސްކުރިން. އޭނަ ޗޭންޖުކުރުމުގެ މަގުސަދުގައި. ނަމަވެސް މިއީ ދެން ތާކުންތާކު ޖެހޭކަހަލަ ރީޒަނެއްވެސް ނޫނެއްނު. އެހެންވެ ހިތަށް އެރީ ތިއްތިއާއި އާލިއާ ގުޅުވާނީއޭ. އޭރުން ސަޅިވާނެ. އަދާ ކިހާ ރުޅިއަންނާނެ ކުއްލިއަކަށް ދީނީ ކުއްޖަކާއި އިނީމަ ހެހެ. އޭރުން ތިއްތި ފަހަތުން އަންނާނެ. މި ޑީލް ކާމިޔާބުވާނެ. ވަޓް ޑޫ ޔޫ ތިންކް........." މާޒިން ކާމިޔާބުން ފުރިގެންވާގޮތަކަށް ހީލިއެވެ.
"ކޮންމެހެން ތިއްތި ތިކަމަށް ވައްދަން އުޅޭނެކަމެއްނެތް. އަހަރެން މިއީ ދީނާއިގެން އުޅޭ މީހެއްނޫން. ފެއަރީޓޭލް ދުނިޔެއަށްވުރެ ހަގީގަތާ ކުރިމަތިލާން ބޭނުން.." އަރްސަން އެބުނެލި ޖުމްލައިގެ ހަގީގީ މާނައެއް މާޒިންއަކަށް ނޭގުނެވެ.
"އެހެންވެ ތިއްތި އޭނައާއި ބޮޑަށް ސުއިޓަބްލްއީ. ސަބަބަކީ ޔޫ ހޭޓް ވިމެން ކަން އެނގޭ. އަސްލު ވާގޮތަކީ އުޅެ އުޅެވެސް އާލިޔާ ކިޔާ އެކުއްޖާދެކެ އެހާ ރުޅިއެއް ނާދެވުނު. މާ ސޮފްޓްކޮށް މަށަށް ކަންތައްކުރެވެނީ އެހެންވެ އޭނަ ތަންކޮޅެއް ޑެއާ ޑެވިލްއެއްހެން ގަދަކޮށްލާފައި އުޅެން ކެރެނީ ތިއްތިކަހަލަ މީހަކާއި ޖެހުނީމަ މައިތިރިވާނީ. ޓްރަސްޓްމީ. މިއީ އެންމެންގެ އަނގަ ބަންދުކޮށްލާނެ އުކުޅެއް. ރައީސްގެ ދަރިފުޅު އެމީހުން ހީކުރިހެން ލާދީނީ މީހަކަށް ނުވިއޭ ބުނާނެ. ހަރުކަށިފިކުރުގެ ކުއްޖަކާ އިނދެފިޔޯ ކިޔާފައި ސޯޝަލްމީޑިއާގައި ފޯރިފަށެއް އޮންނާނެ. ޕުއަ އަދާ. އިމޭޖިންވޭ އޭނައަށްވާނެ ގޮތް..........."
"ޕްރިވިލެޖް ލިބިފައި ވިޔަސް އަހަރެމެން މިހެން އުޅޭކަށްނުވާނެ. ލެޓް ހާ ބީ. ބައިދަވޭ ކޮބާ މައިކް. ތިއްތި ބޭނުން އޭނަ ގާތު ކަމަކު ކިޔަން...ބޮޑު ޕްރޮޖެކްޓެއްގައި މިއުޅެނީ...." އަރްސަން އަތުގައިވާ އަގުބޮޑު ގަޑިއަށް ބަލާލުމަށްފަހު މާޒިންގެ ކޮނޑަށް އަތް ވައްޓައިލިއެވެ. "ޒިން ކައިރިންވެސް އެއްޗެއް އަތުލަން ބޭނުން..."
"ނޯ......" މާޒިން ބުމަކައިރިކޮށްލިއެވެ.
"ފުރަތަމަ އެއްބަސްވޭ އާލިއާއާއި އިންނަން. ކީއްވެކަން ބުނަންތަ؟ " މާޒިން ވައިރޯޅިއަށްވެސް ސިއްރުން އަރްސަންގެ ކަންފަތްކައިރީ ބުނެލި ޖުމްލައިން އޭނަގެ ޝައުގު އިތުރަށް ގެއްލުން ނޫންކަމެއް ނުވިއެވެ.
***
ބޯކޮށް ވާރޭގެ މެދުކެނޑުމެއްނެތް ހަމަލާތަކުން މަގުތަކުގައި ފެންހެދެމުން ދިޔައެވެ. ޖަހައިލާ ބާރު ގުގުރިއާއެކު ހިތްތައް ރޫރޫއަޅައިގެންދާ ވަރުވާއިރު ދޭތެރެއަކުން އުޑުމަތިން ފްލޭޝްވެލާ ވިދުވަރުގެ އަލިގަދަ ރޮގުތަކުންވެސް ލޯ މަރައިލަން މަޖުބޫރުވެދެއެވެ. ހުޅަނގު މޫސުމް ފެށުނުކަން އިއުލާން ކުރަމުން ތޫފާނެއްފަދަ ކެރިގަނޑު ރަށަށް ގަދަކޮށްލުމާއެކު ގިނަމީހުންތައް ހިޔާވެލަން އަވަސްވެގަތެވެ. މިފަދަ ފިނިފިނި ދުވަހެއްގައި ހޫނު ބުއިމަކާއެކު ގެތަކުގެ ހޫނުކަން ލިބިގަންނަން އެހެން އިންސާނުން ކެތްމަދުވެފައި ވިޔަސް އަރްސަން ތަފާތެވެ. އަރްސަން އޭނަގެ ބީއެމްޑަބްލިއު ކަޅުކާރުގައި މަގުތައް ކުޑަކުރަމުން ދުއްވާފައި ގެ ހުރި މަގަށް އަނބުރައިލިއެވެ. ކުއްލިއަކަށް މަގު މެދަށް ނުކުތް މުސްކުޅި އަންހެނާ ކާރުދަށުނުވީ ހަމަ ކިރިޔާއެވެ.
"ޑޭމިޓް..."އަރްސަން ކާރުގެ ބްރޭކް ހިފާލިނަމަވެސް އެމުސްކުޅި އަންހެންމީހާ ވިއްސައިގެންގޮސް ގާތައްމަތީ ޖެހުނެވެ. އަންހެންމީހާ ޝަހާދަތް ކިޔާފައި ހަޅޭއްލަވައިގަތް އަޑަށް ގޭތެރެއިން އަންހެނަކު ނުކުމެގެން އަންނަތަން ފެނުނެވެ. އެންމެ ފުރަތަމަ އަރްސަން ގުޅީ އެމްބިއުލެންސަށެވެ. އެކްސިޑެންޓްވާ މީހުން ގުޑާނުލާ އޮތްގޮތަށް ބޭއްވުމުގެ މުހިއްމުކަން އޭނަ ދަނެއެވެ.
"މަންމާ. ކިހިނެއް ތިހެދީ. އެހާ ކުޑައިރުކޮޅަކަށް ބަދިގެއަށް ވަދެލިއިރަށް މަންމަ ތިހިރީ ނުކުމެ..........." ނަދުވާ ކަންބޮޑުވެފައި އައިސް މަންމަ ނަގަން އުޅުނެވެ. އަރްސަން އެބޯ ވާރޭ ތެރޭ ކާރުންފޭބިއެވެ. އޭނަގެ ހިތުގައި މުސްކުޅިންނަށް ކުލުނާއި ހަމްދަރުދީ އޮންނަނީ މާމައާއި ކާފަދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އޭނަ ކާރުދަށުވެ މިމާމައަށް އަނިޔާވުމުން އުދަގޫ އިހުސާސްތައް ކުރެވުނެވެ. އަރްސަން ގުދުވެފައި މާމަގެ މޫނުގައި އަތް ފިރުމައިލިއެވެ.
"އިޒް ޝީ އޯލްރައިޓް؟ " އަރްސަންގެ އަޑުން އޯގާތެރިކަން ނަދުވާއަށް ފާހަގަކުރެވުނެވެ. އަދި މިއީ ރައީސް މައިމޫންގެ ދަރިއެއްކަން އެނގުމުން އިހުތިރާމް ކުރެވުނެވެ. ކުޑަކޮށް ހިނިތުންވެވިއްޖެއެވެ. މުޅި ހިސާބުގައި ދުވާ މީރުވަހަކީ އަރްސަން ބޭނުންކޮށްފައި ހުރި އަގުބޮޑު ސެންޓުވަހެވެ.
"އަޅުގަނޑުގެ މަންމަ ޑިމެންޝިއާ ހުރީމަ މިގޮތަށް ނިކުމެގެން ހިނގާ.. ދެތިންދުވަހަށް މާލެއަށް ޖައްސައިލީ ވިސާ އާ ކުރުވަން.." ނަދުވާ ވާހަކަދައްކަން ހުއްޓާ އާލިޔާއަށްވެސް ނުކުމެވުނެވެ. އާލިޔާއަށް މާމަ ބިންމަތީގައި އޮތްތަން ފެނުމުން ވީގޮތް ދެނެގަނެވުނެވެ. އޭނަ ގުދުވެ މާމަގެ ގައިގާ ކުޑަކޮަށް ބައްދައިލިއެވެ.
"އާލިޔާ ކަންބޮޑުނުވޭ. މާމައަށް ބޮޑުކަމެއްނުވޭ ކާރުގައި ޖެހުނީ..."ނަދުވާ ބުނެދިނެވެ.
"ކޮންމެވެސް ވަރަކަށް ބޯ ފެޅިފައިކަން ނޭގޭ ހޮސްޕިޓަލަށް ގެންގޮސްދީފާނަން." އަރްސަން ބުނެލިއެވެ. އާލިޔާ އެ އައިގޮތަށް އަރްސަންގެ މޭމަތީ އަތް އަޅާފައި ކޮށްޕާލަން އުޅުނަސް ގުޑިވެސް ނުލިއެވެ. ތަބެއްފަދައެވެ. ވާރޭގެ ތިކިތައް މޫނުމަތިން ތިރިއަށް ދެމެމުންދާއިރު އަޅިދެލޮލުން ބަލަން ހުރީ ފިނިގޮތަކަށެވެ. އޭނަގެ ހިތަށްވެސް ބިރުފަދަ އިހުސާސެއް ކުރެވި ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. މާޒިންހާ ހިތް ހެޔޮ ގޮތެއް ނެތެވެ.
"ކާރުގައި ޖެހުނީއެއްނޫން. ގަސްތުގައި ޖައްސައިލީ ނޫނީ ދެލޯ އަނދިރީތަ؟ ނުފެންނަން؟ ދުރުންވެސް ފެނުނީމަ ކާރުގަނޑު މަޑުކޮށްލަން ނޭގެނީތަ؟ ކާރަކަށް އެރިއްޖެއްޔާވެސް ހަމަހޭ ނުހުރޭ..." އާލިޔާ ދެރަވީވަރުން ރޮވެމުން ދިޔައެވެ. ނަމަވެސް އަރްސަންއަށް އެކަމެއް ނޭގެއެވެ. އޭނައަށް ފެންނަނީ ހަމައެކަނި ކަޅު ފޮތި ބޮނޑިއެކެވެ. ވަރުގަދަ ފިރިހެން އަޑެކެވެ.
"އާލިޔާ ތިއީ ކޮންވައްތަރެއްތަ؟ ހުއްޓާލާ. ކަރުބުޑުން ތި ހަޅޭއްލަނީ." ނަދުވާ ރުޅިންނާއި ލަދުން މަރުވާވަރުވިއެވެ."މާމަގެ ވައްތަރު އެންމެ ރަގަޅަށް އެނގޭނީ އާލިއާއަށް. މާމަ ކުއްލިއަކަށް މަގުމެދަށް ނިކުންނަނީ؟ މާމަގެ ގޮތްނޭގޭ މީހަކަށް މާމަ އެެހެން ހަދާފާނެކަން އެނގޭތަ. އެބޭފުޅާ ބަލައިގެން ނުދުއްވިނަމަ މާމައަށް ބޮޑު އަނިޔާއެއްވާނީ. އެނގިއްޖެތަ؟ "
"މި ކާރަކުން ނޫން މާމަ ހޮސްޕިޓަލަށް ގެންދާނީ.." އާލިޔާ އެންގިއެވެ.
މާމައަށް ތަދުވެގެންގޮސް ކުކުރަންފެށިއެވެ. ޝަހާދަތްކިޔަން ފެށިއެވެ. އާލިޔާ ބިރުންގޮސް ހަލާކުވާވަރުވިއެވެ. އޭނަ ގެ މާމަގެ ބޮލަށް ބޮޑު ގެއްލުމެއްވީކަން ނޭގެއެވެ. ބޭކާރުކޮށް ވަގުތުނަގާލަން ހަދައިގެން މާމައަށް ކަމެއްވީ ބާވައެވެ. އާލިޔާއަށް ހައްތަހާ ބޮޑަށް ރޮވުނެވެ. އޭނަ ކުޑަކަކޫމައްޗަށް ތިރިވިއެވެ މާމަގެ މޫނުގައި މޫނު ޖެއްސިއެވެ. މާމަގެ މޫނުގައިވެސް ދުވަނީ ސެންޓެއްގެ ވަހެވެ.
ވީއިރު އާލިއާއަކީ މިއީއެވެ. މާޒިން އިންނަން އުޅުނު އާލިއާގެ މިޒާޖާއި އަޑު އިވިފައިވެސް އޭނަ ފޫހިވެއްޖެއެވެ. ކެތްތެރިކަމުގެ އިންތިހާއަށް އަރްސަން ކެތްކުރިއެވެ. ތަހުޒީބުގެ ކަންފުޅެއް ނެތް ބޯދާ އަންހެންކުއްޖެކެވެ. ފަނަރަވަނަ ގަރުނަށް ފިޓްވާނެ ކަން ނޭގެއެވެ.
"ޕްލީޒް. މާމަ ހޮސްޕިޓަލަށް ގެންގޮސްދީފާނަންތަ؟" މިވާރޭތެރޭގައި ކާރަކަށް ނުގުޅޭނެކަން އެނގި އާލިއާ ހަތިޔާރު ބަހައްޓާފައި ރީތިކޮށް އެދުނެވެ.
"ސޮރީ...." އަރްސަން ދާން ހިނގައިގަތެވެ.
"ސުބުހާނަﷲ. ހަމަ މޮންސްޓާއެއް ..." އާލިޔާ ކަރުބުޑުން އެންމެފަހު ލަފުޒުތައް ކިޔާލުމުން ވާރޭ ތެރޭވެސް ގުގުމައިގެން ދިޔައެވެ. އަރްސަން ޖަވާބެއްނުދީ ކާރަށް އަރައިގެން ދުއްވާލުމާއެކު ނަދުވާ އާލިޔާގެ މޫނުމަތީ ޖެހިއެވެ.
ނުނިމޭ