ދުނިޔޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ދެ މިލިއަނަށް އަރައިފި އެވެ.

އެކި ގައުމުތަކުގެ ރަސްމީ އިދާރާތަކާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އާ ހަވާލާދީ އޭއެފްޕީ ނޫހުން އާއްމުކޮށްފައިވާ ހިސާބުން ދައްކާ ގޮތުގައި ދުނިޔޭގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު ވަނީ 2,000,576އަށް އަރާފަ އެވެ. އަދި ވައިރަހުން ޖެހޭ ކޮވިޑް-19 ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 126,871އަށް އަރާފަ އެވެ.

އޭއެފްޕީގައިވާ ގޮތުން، މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި އެ ވައިރަހުގެ އަސަރު އެންމެ ބޮޑަށް މިހާރުކޮށްފައިވާ ބައްރަކީ ޔޫރަޕެވެ. އެގޮތުން ޔޫރަޕްގައި އެކަނިވެސް 1,010,858 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 85,271 މީހަކު ވަނީ މަރުވެފަ އެވެ. އަދި ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމު ކަމަށްވާ އެމެރިކާގައި މިހާތަނަށް 609,240 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ތެރެއިން 26,033 މީހަކު ވަނީ މަރުވެފަ އެވެ.

އޭއެފްޕީން ފާހަގަ ކުރި ގޮތުގައި، ގިނަ ގައުމުތަކުގައި ވައިރަހަށް ޓެސްޓު ކުރަނީ ސީރިއަސް ހާލަތްތަކުގައި އެކަނި ކަމުން، މިހާރު ޔަގީންވެފައި ވާ ޕޮޒިޓިވް ކޭސްތަކަކީ އަސްލު ބަލި ޖެހޭ މީހުންގެ އަދަދަށް ވުރެ މަދު އަދަދެކެވެ.

އޭއެފްޕީގެ އިތުރުން އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީ ޓްރެކާއިން ވެސް ދައްކާ ގޮތުގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ދެ މިލިއަނަށް އަރާފަ އެވެ. އެ ޔުނިވާސިޓީގެ ތަފާސްހިސާބުގައިވާ ގޮތުން 2,000,984 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 128,011 މީހަކު ވަނީ މަރުވެފަ އެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ދޭނެ ވެކްސިނަކާއި ބަލި ޖެހުމުން ދޭނެ ބޭހެއް ތައްޔާރު ކުރުމަށް އެކި ގައުމުތަކުގައި ސައިންސުވެރިން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ވައިރަހަށް ވެކްސިނެއް ހަދަން އެއް އަހަރާއި 18 މަސް ދުވަހުގެ މުއްދަތެއް ނަގާފާނެ ކަމަށް ބައެއް ކުންފުނިތަކުން ބުނި ނަމަވެސް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގެ ޓީމަކުން ވަނީ ކުރިއަށް އޮތް ހަ މަސް ތެރޭ ވެކްސިނެއް ތައްޔާރު ކުރެވޭ ވަރު ވެދާނެ ކަމަށް ބުނެފަ އެވެ.