މިފަހުން ރާއްޖެއިން ބޭރަށް ވެސް ދަތުރުކޮށްފައި ނުވާ، މާލޭގެ މާފަންނުގައި ދިރިއުޅެމުން އައި ދިވެހި އަންހެނަކު (ޕޭޝަންޓް 21) ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ އެކު ސިއްހީ މާހިރުންގެ މެދުގައި ވެސް އުފެދޭ ބޮޑު ސުވާލެއް އެބަ އޮތެވެ؛ "ޕޭޝަންޓް 21"ގެ ގަޔަށް އެ ވައިރަސް ވާސިލްވީ ކިހިނެއް ހެއްޔެވެ؟

އިއްޔެ ހެނދުނު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރި ގޮތުގައި މާލެއިން އެންމެ ފުރަތަމަ ކޮރޯނާވައިރަސް ޖެހުނު، "ޕޭޝަންޓް 21" ބައްޔަށް ޕޮޒިޓިވްކަން އެނގުނީ މާލޭގައި ހުންނަ ފްލޫ ކުލިނިކަށް ޑޮކްޓަރަށް ދެއްކުމުން ހެދި ޓެސްޓުތަކުންނެވެ. އެކަމަކު އެ މީހާގެ ގަޔަށް ވައިރަސް އެރި ސޯސް އަދިވެސް އޮތީ ނޭންގުމެއްގެ ތެރޭގަ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އަލީ ލަތީފް ވިދާޅުވީ އަންހެން މީހާ ގަޔަށް ބަލި އެރި ގޮތް އަދި ދެނެ ނުގަނެވޭ ކަމަށެވެ. އޭނާ ބޭރު ގައުމަކަށް ދަތުރު ކޮށްފައި ނުވާއިރު، ބަލި ޖެހިފައި ހުރި މީހަކާ ބައްދަލުވެފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިއީ ޕޭޝަންޓް 21ގެ ގަޔަށް ބަލި އަރަން އޮތް އެންމެ ފަސޭހަ ދެ މަގެވެ. އެކަމަކު މާހިރުންގެ ކަންބޮޑުވުމަކީ އެދެގޮތުން ކުރެ އެއްވެސް ގޮތަކަށް ޕޭޝަންޓް 21 ފިޓްނުވުމެވެ.

އޭޕްރީލް 15، 2020: ކޮވިޑް19ގެ ފަހުގެ މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން އެންމެ ފުރަތަމަ މި ބަލި ފެނުނީ ބޭރުން އައި ފަތުރުވެރިއެއްގެ ފަރާތުންނެވެ. އަދި އެމީހާ ހުރި ކުރެއްދޫ އައިލެންޑް ރިސޯޓުގެ އިތުރު ބަޔަކަށް އެ ބަލި ޖެހުނީ ވެސް އެ ފަތުރުވެރިޔާގެ ފަރާތުންނެވެ. އެކަން އެފަހަރު ވީގޮތް ސާފެވެ. ބަލި ހުރެދާނެ މީހުން ލަފާކޮށްލާ ހިސާބެއް ޖަހަން އޮތީ އެނގިފަ އެވެ.

ނަމަވެސް މިފަހަރު މީހަކު ބައްޔަށް ޕޮޒިޓިވް ވެފައި މިވަނީ އެފަދަ އެއްވެސް ހާލަތެއް ނެތި އެވެ. އެހެންކަމުން މިހާރު މިއީ ކޮމިއުނިޓީ ޓްރާންސްމިޝަނެއް ކަމުގައި ބެލެވޭނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ކޮމިއުނިޓީ ޓްރާންސްމިޝަން އަކީ ސީދާ ކޮވިޑް ކޭސް އަކާ އެއްވެސް ގުޅުމެއް ނެތް މީހަކު ކޮވިޑް އަށް ޕޮޒިޓިވް ވުމެވެ. އަދި އެއީ، މުޖުތަމައުގައި ބަލި ޖެހިފައި ހުރި މީހެއްގެ ކިބައިން އެކަކު އަނެކަކު ގަޔަށް ބަލި ފެތުރެން ފެށުމުގެ ހާލަތެވެ. މިއީ މި ވައިރަސް ފެތުރި ގަންނަ އެންމެ ނުރައްކާ ހާލަތެވެ.

ރާއްޖެއިން ބޭރުން އަންނަ މީހުން މިހާރު މުޖުތަމައުގެ ތެރެއަށް ދޫކުރަނީ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމުން، ބައްޔަށް ޓެސްޓުކޮށް ނެގެޓިވް ނަތީޖާ ލިބުމުން ކަން ފާހަގަ ކުރައްވައި، ޑޮކްޓަރު ވިދާޅުވީ ކަރަންޓީނުން ދޫކޮށްލާފައި ތިބޭނީ މުޅިން ވެސް ބަލި ނެތްކަން ކަށަވަރު ވެފައިވާ މީހުން ކަމަށެވެ.

ނަމަވެސް ޑރ. ލަތީފް ވަނީ އޭނާއަށް ބަލި ޖެހެން މެދުވެރިވެދާނެ ސިނާރިއޯއެއް ނުވަތަ ހާލަތެއް ވިދާޅުވެފަ އެވެ.

"ވެދާނެ ކޮމިއުނިޓީ ޓްރާންސްމިޝަން މި ހިނގީ އެއްވެސް ކަހަލަ އަލާމާތެއް ނެތް މީހެއްގެ ސަބަބުން ކަމަށް ވެސް،" ޑރ. ލަތީފް ވިދާޅުވި އެވެ.

މިއީ މިވައިރަސް ހުންނަ އެންމެ ނުރައްކާތެރި ބާވަތުގެ މީހުންނެވެ. ވައިރަސް ހަށިގަނޑުގައި ހުރެމެ، އެއްވެސް އަލާމާތެއް ނުފެނި އެކަކު އަނެކަކު ގަޔަށް ބަލި ފަތުރަމުންދާ މީހުންނެވެ.

އެކަމަކު ޔަގީންވާ އެއް ކަމެއް އޮތް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އެއީ، ޕޭޝަންޓް 21 އަށް ބަލި ޖެހޭނީ ބައްޔަށް ޕޮޒިޓިވް އެހެން މީހެއްގެ ފަރާތުން ކަމެވެ. ޔަގީން ކަމަކީ، ޕޭޝަންޓް 21 ގެ އިތުރަށް އެ ބައްޔަށް ޕޮޒިޓިވްވި މީހެއް ދޫވެ، މާލެ ތެރޭގައި އުޅެފައިވުމެވެ.

"ގައުމުގައި އެއްވެސް ޕޮޒިޓިވް މީހެއް ނެތިއްޔާ ގައުމުގައި ބަލި ހުރުމުގެ އެއްވެސް ޗާންސެއް ނޯންނާނެ،" ޑޮކްޓަރު ވިދާޅުވި އެވެ.

އެހެން ކަމުން ޕޭޝަންޓް 21ގެ ފަރާތުން ބަލި ފެތުރުނު އަނެއް ދެ މީހުން ފިޔަވާ ޕޭޝަންޓް ގަޔަށް ވައިރަސް ވާސިލްކުރުވި ބަލި މީހަކު މާލެ ތެރޭގައި އުޅޭނެ އެވެ. އެ މީހާ ވާނީ "ޕޭޝަންޓް 0" އަށެވެ. އެއީ، މުޖުތަމައުގެ ތެރެއަށް އެ މީހެއްގެ ފަރާތުން ފުރަތަމަ ބަލި ފެތުރެން ފެށި މީހާ އެވެ.

އެއާ އެކު މި އުފެދެނީ އިތުރު ކަންބޮޑުވުންތަކެކެވެ. މާލޭގައި ބަލި ޖެހިފައިވާ އިތުރު މީހަކު ނުވަތަ ބަޔަކު ތިބީ ހެއްޔެވެ؟ އެމީހަކު ނުވަތަ ބަޔަކު ޓްރޭސް ނުކުރެވި ދޫވީ ކިހިނެއް ހެއްޔެވެ؟ އަދި ޕޭޝަންޓް 0 ގެ ކިބައިން ކިތައް މީހުންނަށް މިހާރު ބަލި ފެތުރިފައިވާނެ ހެއްޔެވެ؟

މި ސުވާލުތަކުގެ ޖަވާބު ހޯދައި ޕޭޝަންޓް 0 އަތުލުމަށް ރާއްޖޭގެ ހާލަތުގައި ކުރަހަން ޖެހެނީ މައިގަނޑު ތިން ސިނާރިއޯއެކެވެ.

ފުރަތަމަ ސިނާރިއޯއަކީ ކަރަންޓީނު ފުރިހަމަކޮށްފައި އައި މީހެއްގެ ގައިގާ އެ ވައިރަސްހުރީ އެވެ. ރާއްޖެ އަންނަ ހުރިހާ އެންމެން ކަރަންޓީނު ކުރަން ސަރުކާރުން ނިންމީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އަދި ކަރަންޓީނުން ދޫކުރުމުގެ ކުރިން މީހުން ކޮވިޑް-19 އަށް ޓެސްޓުކުރަން ނިންމީ މާޗު މަހުގެ 29 ވަނަ ދުވަހު އެވެ.

އެހެންކަމުން އެ ތާރީހުގެ ކުރީގައި އެއްވެސް އަލާމާތެއް ނުފެންނާތީ ޓެސްޓު ނުކޮށް ދޫކުރި މީހުންގެ ތެރޭގައި ބަލި ޖެހިފައި ހުރި މީހަކު ހުރީ އެވެ. އެހެން ވެއްޖެ ނަމަ، އެމީހާގެ ކިބަައިން އެހެން ބަޔަކަށް ބަލި ފެތުރޭނެ އެވެ. ޕޭޝަންޓް 0 އަކަށް ވާނީ އެ މީހާ އެވެ.

އަނެއް ސިނާރިއޯއަކީ، ރާއްޖެއިން ބޭރުން އައިސް ކަރަންޓީނުގައި ހުރި މީހެއްގެ ޓެސްޓް ހެދުމަށް ސާމްޕަލް ނެގުނު ގޮތަކުން ނޫނީ ޓެސްޓް ހެދުމުގައި ދިމާވި މައްސަލައަކުން ބަލި ހުރި މީހެއްގެ ފޯލްސް ނެގެޓިވްއެއް ވުމެވެ. އަދި އެއަށް ފަހު އެ މީހާ ކަރަންޓީނު ފެސިލިޓީއިން ދޫވުމުން ރަށު ތެރެއަށް އޭނާގެ ފަރާތުން ބަލި ފެތުރުނީ އެވެ.

ތިން ވަނަ ސިނާރިއޯއެއްވެސް އެބަ އޮތެވެ. އެއީ ރިސޯޓެއް ނުވަތަ ސަފާރީއެއްގައި މަސައްކަތް ކުރި މުވައްޒަފެއްގެ ފަރާތުން ރަށު ތެރެއަށް ބަލި ފެތުރުނީ އެވެ. މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި ރިސޯޓް، ސަފާރީތަކުން މުވައްޒަފުން ވަނީ ފައިބަން ފަށައިފަ އެވެ. އެ މީހުން ބައްޔަށް ޓެސްޓެއް ނުކުރެ އެވެ. އެހެންކަމުން އެފަދަ މީހެއްގެ ގައިގާ ވައިރަސް ހުރެ، އަލާމާތް ނުފެންނަ މީހެއްގެ ފަރާތުން މުޖުތަމައުގެ ތެރެއަށް ވައިރަސް ފެތުރުނީ އެވެ.

މިއީ ޕޭޝަންޓް 21 އަށް ވައިރަސް ވާސިލްވި ގޮތާ ގުޅޭ ގޮތުން ހުރި ސިނާރިއޯތަކެކެވެ. އަދި މި ހުރީ ހަމައެކަނި ލަފާކުރުންތަކެކެވެ. ހުރިހާ ސުވާލަކަށް ވެސް ޖަވާބު ލިބޭނީ، ކޮންޓެކްޓް ޓްރޭސިން މުޅިން ނިމުމުންނެވެ.

އޭޕްރީލް 15، 2020: ކޮވިޑް19ގެ ފަހުގެ މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޗްޕީއޭގެ އެޕިޑޮމޮލޮޖިސްޓް ޑރ. ނަޒްލާ ރަފީގު އިއްޔެ ވިދާޅުވީ މިހާރު އޭނާއަށް ބަލިޖެހުނު "ސޯސް"' ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ކުރިއަށްދާ ކަމަށެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ވެސް އެންމެ މުހިންމީ އޭނާއަށް ބަލި ޖެހުނު ގޮތް ދެނެގަނެވުން ކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.

ޕޭޝަންޓް 21އާ ކޮންޓެކްޓްވި 54 މީހަކު ވަނީ ހޯދިފަަ އެވެ. އަނި އޭނާގެ ފުށުން، އިތުރު ދެ މީހަކަށް ބަލި ޖެހިފައިވާކަން އަދި ވަނީ ޔަގީންވެފަ އެވެ. އެއީ އޭނާގެ ތުއްތު ދަރިފުޅުގެ އިތުރުން އެ އާއިލާގެ އިތުރު މީހެކެވެ.

މީގެ އިތުރުން އޭނާއާ ސީދާ ދިމާވި ނުވަތަ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން 14 މީހެއްގެ އަލާމާތްތައް ފެނިގެން މިހާރު ވަނީ އެކަހެރިކޮށްފަ އެވެ. އޭނާއާ ސީދާ ކޮންޓެކްޓްވި މީހަކު ކ. ކާށިދޫގައި ހުރުމާއި އައްޑޫ، ހިތަދޫގައި ހުރުމުން އެ ރަށްތަކުގައި ވެސް ކޮންޓެކްޓް ޓްރޭސިންގެ ކުރިއަށް އެބަދެ އެވެ.

މި ހާލަތުގައި އެންމެ މުހިންމު ހަރަކާތަކީ ކޮންޓެކްޓް ޓްރޭސްކޮށް، "ޕޭޝަންޓް 21" ގެ ފަރާތުން ބަލި ވާރުތަވި އެންމެންނާއި އަދި އޭނާގެ ގަޔަށް ބަލި ވާރުތަވި ރާއްޖޭގެ "ޕޭޝަންޓް 0" ހޯދުމެވެ. އެއީ ވައިރަހުގެ ޗެއިން ބްރޭކްކޮށްލެވެން އޮތް ހަމައެކަނި ގޮތެވެ. އެހެން ނުވެއްޖެ ނަމަ، ކޮމިޔުނިޓީ ސްޕްރެޑް ހުއްޓުވުމަކީ ނާދިރު ކަމެކެވެ.