15 Apr 2020, 18:10
ލޮކްޑައުންގެ ހާލަތުގައި ޒަރޫރީ ބޭނުންތަކަށް ފުލުހުންނަށް ގުޅަން އާންމުންނަށް ބޭނުން ކުރެވޭނެ ނަމްބަރެއް މިރޭ އިއުލާނު ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.
މާލޭއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހެއް ފެނުމުން މުޅި މާލެ ލޮކްޑައުންގެ ހާލަތަށް ގެނެސް، ދެން ކަންކަން ކުރަންވީ ގޮތާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނާ އިސްމާއިލް ނަވީން ވިދާޅުވީ، ޒަރޫރީ ބޭނުންތަކުގައި ގޭގެއަށް އެއްޗެހި ހޯދަން ނުވަތަ އެހީ ހޯދަން ގުޅަން ޖެހޭ ނަމްބަރު މިރޭގެ ވަގުތެއްގައި އިއުލާނު ކުރައްވާނެ ކަމަށެވެ. އެ ނަމްބަރަށް ގުޅާފައި ޒަރޫރީ ކަންކަން ކުރަން ހުއްދަ ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭރުން އެ ނަމްބަރަށް ގުޅުއްވާފައި އެ ބޭފުޅަކު ދުރުވާ ތަނަކާއި ދުރުވާ ބޭނުމެއް ބުނުއްވައިފައި ދުރުވެވޭނެ. އަދި މަގުމައްޗަށް ނުކުންނަވާ ހުރިހާ ބޭފުޅުންވެސް އައިޑީ ކާޑު އަތުގައި އޮތުމަކީ ވަރަށް މުހިންމު ކަމެއް،" ނަވީން ވިދާޅުވިއެވެ.
ލޮކްޑައުންގެ ހާލަތުގައި މާލެއާއި ހުޅުމާލެ، މާލެއާއި ވިލިމާލެ، އަދި މާލެއާއި ތިލަފުއްޓާ ދެމެދު ދަތުރު ކުރަން ޖެހޭ މީހުންނަށް އެކަމުގެ އިންތިޒާމު ހަމަޖައްސައިދެމުންދާ ކަމަށްވެސް ނަވީން ވިދާޅުވިއެވެ. އަދި ލޮކްޑައުންވެގެން ގެއަށް ނުދެވި އެ ތަންތަނުގައި ތާށިވެފައި ތިބި މީހުންވެސް ފުލުހުން އާންމު ކުރާ ނަމްބަރަށް ގުޅައިގެން އެހީ ހޯދަން އޭނާ އެދިވަޑައިގަތެވެ.
އެކި އެކި ޑިއުޓީތަކަށް ދާން ޖެހޭ ކަސްޓަމްސް އަދި އިމިގްރޭޝަން ފަދަ ތަންތަނުގެ ފަރާތްތަކަށް ޑިއުޓީއަށް ދާން ހުއްދައެއް ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ނަވީން ވިދާޅުވިއެވެ.
އޭގެ އިތުރުން، ކާބޯތަކެތި ޑެލިވާ ކުރަން ދޫކޮށްފައި ހުރި ފާސްތައް ބޭނުންކޮށްގެން މިހާރުވެސް ޑެލިވާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޑެލިވާ ކުރެވޭނީ މިރޭ 19:00އިން 00:00އަށް ކަމަށް އޭނާ ވިދާޅުވިއެވެ. ދެން ޑެލިވަރީ ފާސްތައް ދޫކުރާނީ މިރޭގެ ތަޖުރިބާއަށް ފަހު މާދަމާ ހެނދުހާއިރު ކަމަށްވެސް ވިދާޅުވިއެވެ.
ފެން އަދި ގޭސް ޑެލިވަރީއަށް ވަކި އުސޫލުތަކެއްގެ ތެރެއިން ހުއްދަ ދޫކުރަމުންދާނެ ކަމަށްވެސް ނަވީން ވިދާޅުވިއެވެ. ފުލުހުން އިއުލާނު ކުރާ ފޯނު ނަމްބަރަށް ގުޅައިގެންވެސް އެކަމަށް އެދެވިދާނެ ކަމަށް ވިދާޅުވިއެވެ.
ނަވީން އިތުރަށް ވިދާޅުވީ، މިހާރުވެސް މާލެއަށް ދަތުރުކުރަމުންދާ މީހުންގެ ތެރެއިން ކޮންމެހެން މާލެ އަންނަން ޖެހޭ މީހުން ނޫން އެހެން މީހުން އެހެން ރަށަކަށް ޑައިވާޓު ކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މާލެއަށް އަންނަން ދަތުރުފަށާފައިވާ ފަރާތްތައްވެސް، ކޮންމެހެން އަންނަން ޖެހޭ ބޫނުމަކުނޫން ވިއްޔާ މާލެ ކައިރީގައިވާ އެހެން ރަށަކަށް ޑައިވާޓު ކުރުމަކީ ވަރަށް މުހިންމު ކަމެއް. މާލެއަށް ދަތުރު ނުކުރައްވައި،" ނަވީން ވިދާޅުވިއެވެ.