މާލެ ތެރެއަށް ކޮވިޑް-19 ފެތުރުން ހުއްޓުވޭނީ މިއަދު މާލެއިން އެ ބައްޔަށް ޕޮޒިޓިވްވި މީހާއަށް އެ ބަލި ޖެހުނު ގޮތް އެނގިގެން ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އެ މީހާއަށް ބަލި ޖެހުނީ ކާކާ ބައްދަލުވެގެންތޯ ހޯދުމުގެ މަސައްކަތް އެޗްޕީއޭ އިން ކުރަމުން އަންނަ ކަމަށެވެ. އަދި މާލެ ތެރެއަށް ބަލި ފެތުރުން ހުއްޓުވޭނީ އެމީހާއަށް ބަލި ޖެހުނީ ކޮން ގޮތަކުންކަން އެނގިގެން ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

"ބަލި މީހާއަށް ބަލި އަރާފަ ވަނީ ކޮން ސޯސްއަކުންތޯ ބެލުން. އެއީ އަޅުގަނޑުމެންނަށް މިވަގުތު ބަލި ކޮންޓްރޯލް ކުރުމަށް ކޮންޓްކްޓް ޓްރޭސިންއާ އެއްވަރަށް ކުރިއަށް ގެންދަންޖެހޭނެ ކަމެއް. އެ ދެ ކަންތައް މިހާރު ހަލުވިކަމާ އެކު އަޅުގަނޑުމެންގެ ޓީމްތަކުން ކުރިއަށް ދަނީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާއަށް ބަލީގެ އަލާމާތްތައް ފެނުމުގެ ދެ ދުވަސް ކުރިން ކައިރިން ކޮންޓެކްޓިވްވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ޑރ. ނަޒުލާ ފާހަގަކުރެއްވި އެވެ.

ބަލިމީހާއާ ކޮންޓެކްޓްވި 54 މީހެއް އައިސޮލޭޓް ކޮށްފައިވާކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ވެސް ފާހަގަކުރެއްވި އެވެ. އަދިވެސް އިތުރު ފަރާތްތައް އައިސޮލޭޓް ކުރެވޭނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ރާއްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަލިމީހާއާ އެންމެ ގާތްކޮށް އުޅުނު ބައެއް ފަރާތްތަކާއި ވެސް ކޮންޓެކްޓްވި މީހުންގެ ލިސްޓް މިވަގުތު ހޯދަމުން މި ދަނީ އަދި ސްޓްރިކްޓް އައިސޮލޭޝަނަށް އެ ފަރާތްތައް ނުގެންދިޔަ ނަމަވެސް ގޭގައި މަޑުކޮށްލުމަށް އަންގާފައިވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"މުޅިއަކު އެބައުޅޭ ގާތްގަޑަކަށް ހަތަރު ވަރަކަށް ގެއެއް އަދި ބަލިމީހާއާ އެކި ގޮތް ގޮތުން ޑޮކްޓަރަށް ދައްކަން ދިއުމުގައާއި މިގޮތަށް އެކި ގޮތް ގޮތައް ދިމާވި މީހުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.