ދޯހާ (ޑިސެމްބަރ 18) : ތާލިބާނުންނަކީ އަފްޣާނިސްތާނުގެ އެންމެ ބޮޑު ސިޔާސީ ބާރުކަމަށާއި ތާލިބާނުންނާ ނުލައި އަފްޣާނިސްތާނަށް ސުލްޙަ ނުގެނެވޭނެ ކަމަށާއި އެޤައުމުގެ ކުރިމަގުވެސް ބައްޓަން ނުކުރެވޭނެ ކަމަށް ޤަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު އައްޝައިޚް ހަމަދް ބިން ޖާސިމް ވިދާޅުވެއްޖެއެވެ.

ދަވްޙާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޝައިޚް ޙަމަދް ވިދާޅުވީ ތާލިބާނުން އެކަހެރި ނުކުރެވޭނެ ކަމަށާއި އެމީހުންނާ ސުލްޙަ ވުމަށް މަގުފަހިކުރުމުގެ ގޮތުން ޤަތަރުގައި ތާލިބާނުންގެ އޮފީހެއް ހުޅުވުމުގެ ހުއްދަދޭން ގަސްދުކޮށްފައިވާ ކަމުގައެވެ.

ހަމަދް ވިދާޅުވީ ތާލިބާނުންނާ ނުލައި އަފްޣާނިސްތާނަށް ސުލްޙަ ނުގެނެވޭނެ ކަމަށާއި އެޤައުމުގެ ކުރިމަގުވެސް ބައްޓަން ނުކުރެވޭނެ ކަމަށް އަފްޣާން ސަރުކާރާއި ނޭޓޯވެސް މިހާރު ޤާބޫލުކުރާ ކަމުގައެވެ. އަދި ތާލިބާނުންނާ ސުލްޙަ ވުމަށްޓަކައި އެމީހުންނާ ސުލްޙައިގެ ވާހަކަތައް އަލުންފަށަން އަފްޣާން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ޤަތަރުގެ ވެރިރަށް ދަވްޙާގައި އޮފީހެއް ހުޅުވުމުގެ ހުއްދަދެނީ މިކަމުގައި އަފްޣާން ސަރުކާރަށް އެހީތެރިވެ ތާލިބާނުންނަށް ހިއްވަރު ދިނުމުގެ ގޮތުން ކަމަށް ޤަތަރުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

އަފްޣާން ސަރުކާރުންވަނީ ޤަތަރުގެ މިނިންމުމަށް މަރްޙަބާ ކިޔާފައެވެ. ނަމަވެސް ތާލިބާނުންގެ އޮފީހެއް ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމުމުގައި ޤަތަރުގައި ހުންނަވާ އަފްޣާން ސަފީރު ޚާލިދް އަޙްމަދާ ޤަތަރުން މަޝްވަރާކޮށްފައިނުވާތީ އަފްޣާން ޚާރިޖިއްޔާއިންވަނީ އެކަމާމެދު ދެރަވާކަން ހާމަކޮށްފައެވެ. މިކަމަށް އިޙްތިޖާޖް ކުރުމުގެ ގޮތުން ޤަތަރުގެ ޚާރިޖިއްޔާއިންވަނީ ޤަތަރުގައި ހުންނަވާ އަފްޣާން ސަފީރު ޚާލިދް އަޙްމަދު ވަނީ މަޝްވަރާ ކުރުމަށްޓަކައި އަނބުރައި އަފްޣާނިސްތާނަށް ގެންގޮސްފައެވެ. -- އަލްޖަޒީރާ