15 Apr 2020, 17:53
ކޮވިޑް-19 ގެ ބަލި މީހަކު ވެރިރަށް މާލެ އިން ފެނުމާ އެކު އެއް ދުވަހަށް ލޮކްޑައުން ކޮށްފައިވާ ވަގުތުގައި މަގުމައްޗަށް ނިކުންނަ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅައި ކަރަންޓީނަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ޑައިރެކްޓާ އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން އެންމެ ފުރަތަމަ މާލޭ ސިޓީގައި ކާފިއު އިއުލާން ކުރަން ފެށީ މިމަހުގެ ދެވަނަ ދުވަހު އެވެ. އަށް ދުވަސް ވަން ދެން ކާފިއު އޭރު އިއުލާނު ކުރީ ކޮންމެ ދުވަހަކު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށެވެ.
މިއަދު ހަވީރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، މާލެ ލޮކްޑައުންކޮށް ބޭރަށް ނިކުތުން މަނާކޮށްފައިވާއިރު އެކަމަށް ބޯ ނުލަބާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން މިފަހަރު ފިޔަވަޅު އެޅުން ކުރިއަށް ވުރެން ތަންކޮޅެއް ސްޓްރިކްޓް ކުރާނަން. ތަންކޮޅެއް ނޫން ވަރަށް ބޮޑަށް ސްޓްރިކްޓް ކުރާނަން. އެ ސަބަބަކީ ވަގުތުން ކަރަންޓީން ސެންޓަރަކަށް ގެންދަން ޖެހުނު ކަމުގައިވިޔަސް އެކަންތައް ވެސް މިފަހަރު އަޅުގަނޑުމެން ކުރާނަން،" ނަވީން ވިދާޅުވި އެވެ.
"ފުލުހުން އެ ދެއްވާ ގައިޑްލައިންގެ އިތުރުން މަގުމައްޗަށް ނުކުމެ އުޅުއްވާ ކަމުގައިވަނީ ނަމަ 14 ދުވަސް ފުރިހަމަ ކުރަން ކަރަންޓީން ސެންޓަރަކަށް ދުރުވަން ޖެހޭނީ،" ނަވީން ވިދާޅުވި އެވެ.
ޒަރޫރީ ބޭނުމަށް ބޭރަށް ނިކުމެވޭނީ ފުލުހުންނަށް ގުޅައި ހުއްދަ ލިބުމުން ކަމަށާއި އެ ގޮތަށް ގުޅާނެ ނަންބަރު މިރޭގެ ވަގުތެއްގައި އާންމު ކުރާނެ ކަމަށް ނަވީން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެގޮތައް މަގުމައްޗަށް ނިކުންނަ ފަރާތްތަކުން ވެސް އައިޑީކާޑު ހިފައިގެން ނިކުންނަން ޖެހޭނެ ކަމަށެވެ.
"މާލެއަށް އަންނަން ދަތުރު ފަށާފައިވާ ފަރާތްތައް ވެސް ކޮންމެހެން އަންނަން ޖެހޭ ބޭނުން ނޫން ކަމަށް ވަންޔާ އެ ދަތުރުތައް ހަމަ މާލެ ސަރަހައްދުން އެހެން ސަރަހަހްދަކަށް މާލެ ކައިރި ސަރަހައްދައް އެ ޑައިވާޓް ކުރުމަކީ ވަރަށް މުހިންމު ކަމެއް. މާލެއަށް މިދަތުރުތައް ނުކުރައްވާ،" ނަވީން ވިދާޅުވި އެވެ.
ކާފިއު ހިންގިއިރު ކާފިއު ވަގުތުގައި ބޭރަށް ނިކުމުގެން 1،138 ފަހަރަށް ފުލުހުން ވަނީ އެކި މީހުންނަށް ނަސޭހަތް ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، 954 ދިވެހިންނާއި 184 ބިދޭސީންނެވެ. އެމީހުންގެ ތެރޭގައި ތަކުރާރުކޮށް ނަސޭހަތްދިން މީހުން ވެސް ހިމެނެ އެެވެ. އަދި ކާފިއު ވަގުތުގައި ބޭރަށް ނުކުމެގެން ޖޫރިމަނާކޮށްފައި ވަނީ ދެމީހުންނެވެ. ޖޫރިމަނާގެ އަދަދަކީ، 1،000 ރުފިޔާ އެވެ.