15 Apr 2020, 16:50
މާލެއިން ކޮވިޑް 19 އަށް ޕޮސިޓިވްވި މީހާއާ ކައިރިން ބައްދަލުވި 54 މީހަކު އައިސޮލޭޓް ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެލްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ޓްރެވަލް ހިސްޓަރީއެއް ނެތް އަންހެނެކެވެ. އެއީ މާފަންނު ބޮނޑިބަތް ޕާކު ކައިރި ގެއެއްގައި ދިރިއުޅޭ މީހެކެވެ. އެ އަންހެން މީހާ ޕޮޒިޓިވްވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ މިއަދު މެންދުރުން ފެށިގެން 24 ގަޑިއިރަށް މުޅި މާލެ ލޮކްޑައުންގެ ހާލަތަށް ގެނެސްފައެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، މާލެ އިން މިއަދު ޕޮޒިޓީވްވި މީހާ، މީގެ ކުރިން އެ ބައްޔަށް ޕޮޒިޓިވްވި މީހަކާ ބައްދަލުވިކަން މިހާހިސާބަށް އެގެން ނެތް ކަމަށެވެ. އަދި އެ މީހާ މި ފަހުން ރާއްޖެއިން ބޭރަށް ވެސް ދަތުރުކޮށްފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޑރ. ނަޒުލާ ރަފީގު ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާއަށް ބަލީގެ އަލާމާތްތައް ފެނުމުގެ ދެ ދުވަސް ކުރިން ކައިރިން ކޮންޓެކްޓިވްވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ
"އަޅުގަނޑުމެން މިހާރު ސީދާ ބަލިމީހާގެ ގާތްގަޑަކަށް 54 މީހެއްގެ ކޮންޓެކްސް މިހާ ހިސާބަށް ވެސް ވަނީ އައިސޮލޭޓް ކުރެވިފައި. އަދިވެސް އިތުރަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ. އަޅުގަނޑުމެނަށް ގަބޫލުކުރެވޭ ގޮތުގައި އަދިވެސް އިތުރު ފަރާތްތައް މިއަދު އައިސޮލޭޓް ކުރެވިގެން ދާނެ،"
ރާއްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަލިމީހާއާ އެންމެ ގާތްކޮށް އުޅުނު ބައެއް މީހުންނާ ވެސް ކޮންޓެކްޓްވި މީހުންގެ ލިސްޓް މިވަގުތު ހޯދަމުން ދާ ކަމަށާއި އަދި ސްޓްރިކްޓް އައިސޮލޭޝަނަށް އެ ފަރާތްތައް ނުގެންދިޔަ ނަމަވެސް ގޭގައި މަޑުކޮށްލުމަށް އަންގާފައިވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
"މުޅިއަކު އެބައުޅޭ ގާތްގަޑަކަށް ހަތަރު ވަރަކަށް ގެއެއް އަދި ބަލިމީހާއާ އެކި ގޮތް ގޮތުން ޑޮކްޓަރަށް ދައްކަން ދިއުމުގައާއި މިގޮތަށް އެކި ގޮތް ގޮތަށް ދިމާވި މީހުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއަށް އެ ބަލި ޖެހުނު ގޮތް ހޯދަން ޖެހޭ ކަން ނަޒްލާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ބަލި ޖެހުނު ގޮތުގެ ކޭސް އިންވެސްޓިގޭޝަން ކުރިއަށް ދާ ކަމަށެވެ.
"ބަލި މީހާއަށް ބަލި އަރާފައިވަނީ ކޮން ސޯސްއަކުންތޯ ބެލުން އެއީ އަޅުގަނޑުމެން މިވަގުތު ބަލި ކޮންޓްރޯލް ކުރުމަށް ކޮންޓެކްޓް ޓްރޭސިންއާ އެއްވަރަށް ހަމަ ކުރިއަށް ގެންދަން ޖެހޭނެ ކަމެއް. އެ ދެ ކަންތައް ވަރަށް ހަލުވިކަމާއި އެކު އަޅުގަނޑުމެންގެ ޓީމުތަކުން އެބަ ކުރިއަށް ގެންދަވާ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވީ 11 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ވިދާޅުވެފައެވެ.