މާލެއިން ކޮވިޑް 19 އަށް ޕޮސިޓިވްވީ އަންހެން މީހާ މީގެ ކުރިން އެބައްޔަށް ޕޮސިޓިވްވި މީހަކާއި ދިމާވިކަން އަދި އެނގިފައި ނުވާ ކަމަށާއި، އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވީ 11 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މާލެއިން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވީ ޓްރެވަލް ހިސްޓަރީއެއް ނެތް އަންހެނެކެވެ. އެއީ މާފަންނު ބޮނޑިބަތް ޕާކު ކައިރި ގެއެއްގައި ދިރިއުޅޭ މީހެކެވެ. އެ އަންހެން މީހާ ޕޮޒިޓިވްވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ މިއަދު މެންދުރު މުޅި މާލެ ލޮކްޑައުންގެ ހާލަތަށް ގެނެސްފައެވެ.

މާލެ ތެރެއިން އެންމެ މީހަކުވެސް ބައްޔަށް ޕޮޒިޓިވްވެދާނެ ކަމަށް ބަލައި އެކަމަށް ސަރުކާރުން ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ރާއްޖެ އޮތީ އެ ހާލަތަށް ތައްޔާރުވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެެ.

"މިހާތަނަށް އެނގިފައިވާ މައުލޫމާތުން އެއީ ފަހުގެ ތާރީހެއްގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫން. އަދި މި ބައްޔަށް ޕޮޒިޓިވްވި މީހަކާ ސީދާ ބައްދަލުވި ކަމަށްވެސް އެނގިފައެއް ނެތް. އެހެންކަމުން އޭނާއަށް ބަލި ޖެހުނު ގޮތް ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޕޮޒިޓިވްވާ އެންމެންނާ މެދު އަަމަލުކުރަމުންދާ ގޮތަށް އެ އަންހެން މީހާއާ މެދުވެސް ކަންކަން ކުރަމުންދާ ކަމަށެވެ. އަދި އޭނާއާ ބައްދަލުވި މީހުން ހޯދަމުންދާ ކަމަށެވެ.

"އެހެންކަމުން މި ވަގުތު އޭނާއާ ބައްދަލުވި މީހުންވެސް ވަނީ ދެނެގަނެވިފައި. އަދި އޭގެ އިތުރުންވެސް އެކި އެކި ގޮތްގޮތުން އޭނާއާ ބައްދަލުވި މީހުން ދެނެގަތުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން. އަދި މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެޗްޕީއޭއިން ލަފާ ދީފައިވާ 11 މީހެއްގެ ސާމްޕަލް މިހާރު ވަނީ ނަގާފައި،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ދިވެހި ރައްޔިތުންނަށް ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަމުގައި ކެތްތެރިކަމާ އެކު ސަރުކާރަށް އެއްބާރުލުން ދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.