15 Apr 2020, 15:53
މިއަދު ހަވީރުން ފެށިގެން މާލެ ސިޓީ ލޮކްޑައުންގެ ހާލަތަށް ގެނެސްފައިވީ ނަމަވެސް، ގެނައުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ސެންޓަރުތަކުން ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ލޮކްޑައުން ކުރާކަން އިއުލާން ކުރުމާ އެކު އޭޓީއެމްތައް ދޮށުގައި ވެސް މީހުން ކިއު ހެދި އެވެ. އެ ތަންތަނުގައި ތިބި މީހުން ފުލުހުން އައިސް ފޮނުވައިވެސްލި އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނީ އެ ބޭންކުގެ ސާވިސް ސެންޓަރުތަކާއި ހުރިހާ ބްރާންޗުތަކެއް މާދަމާ ބަންދު ވާނެ ކަމަށެވެ. އެހެން ނަމަވެސް އެ ބޭންކުގެ އޭޓީއެމްތައް ހުންނާނީ ހުޅުވާފައި ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
އެހެން ކަމުން، ފާސް އޮވެގެން އަދި އެ ނޫނަސް ކަމާ ބެހޭ ފަރާތްކުގެ ހުއްދައާ އެކު ބޭރުގައި އުޅޭ ފަރާތްތަކަށް، އޭޓީއެމްތަކުގެ ހިދުމަތް ލިބޭނެ އެވެ.
ނަމަވެސް ބީއެމްއެލްއިން އެދެނީ، ހުރިހާ ފަރާތްތަކުން ވެސް ގޭގައި ތިއްބަވައިގެން އިންޓަނެޓް އަދި މޯބައިލް ބޭންކިންގް ބޭނުން ކުރައްވައިގެން ބޭންކިންގެ ހިދުމަތް ހޯއްދެވުމަށެވެ.
މާލެ ސިޓީ ލޮކްޑައުންގެ ހާލަތަށް ގެނައުމާ ގުޅިގެން މިއަދު 3:30 އިން ފެށިގެން 24 ގަޑިއިރު ވަންދެން ބޭރުގައި އުޅުމާއި އެއްވެސް ވެހިކަލެއް ދުއްވުމަކީ ވެސް މަނާ ކަމެކެވެ.
އެޗްޕީއޭއިން މިހާރު ކުރިއަށް ގެންދަނީ މާލެއިން ޕޮސިޓިވްވި މީހާއާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތެވެ.