ހިފާފައިވާ ޤުދްސު (ޑިސެމްބަރ 17) : ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި ޤަވާޢިދާ ޚިލާފަށް އިސްރާއީލުން ވަޒަންވެރިކޮށްފައިވާ ޔަހޫދީން ފަލަސްތީނުގެ މިސްކިތްތަކުގައި ހުޅުޖަހައި އަންދަމުން ގެންދާ ޖަރީމާތައް ހުއްޓުވުމަށް ފަލަސްތީނުން ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވާލައިފި އެވެ.

ފަލަސްތީނުގެ ރިޔާސީ ތަރްޖަމާން ނަބީލް އަބޫރުދައިނާ ވިދާޅުވީ ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ މިސްކިތްތަކަށާއި އާންމުންގެ ގެދޮރަށާއި މުދަލަށް ދެމުންގެންދާ ޓެރަރިސްޓް ޙަމަލާތައް ހުއްޓުވުމަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ޒިންމާއެއްކަމުގަ އެވެ.

ޔަހޫދީ ޓެރަރިސްޓުންގެ ޙަމަލާތައް ހުއްޓުވުމަށް އިސްރާއީލު ސަރުކާރު ސަމާލުކަން ދީފައެއްނުވެ އެވެ. ނަމަވެސް ހަރުކަށި ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ ވިދާޅުވެފައިވެ އެވެ. ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ޔަހޫދީންވަނީ ހުޅަނގު އައްސޭރިގެ ހަތަރު މިސްކިތެއް އަންދާލާފަ އެވެ.

އަދި ފަލަސްތީނުގެ އާންމުންނަށާއި އެމީހުންގެ ކާރުފަދަ އަގުބޮޑު ތަކެއްޗަށް އޮއްގަލުން ޙަމަލާދީ ފުޅާދާއިރާއެއްގައި ޓެރަރިޒަމްގެ ޢަމަލުތައް ވެސް ޔަހޫދީން ގެންދަނީ ފުޅާދާއިރާއެއްގައި ހިންގަމުންނެވެ. މީގެއިތުރުން ފަލަސްތީނުގެ އަންހެންކުދިންނަށް ގޯނާކުރުމާއި ޖިންސީ ޖަރީމާތައް ހިނަގުމުގެ އިތުރުން ފަލަސްތީނު މީހުންގެ ދަނޑުތައް ހަލާކުކޮށް ގަސްތައް އުފުރުން ފަދަ ޖަރީމާތައް ވެސް ޔަހޫދީން ގެންދަނީ ހިންގަމުންނެވެ.

ޔަހޫދީ ވަޒަންވެރިން މިޖަރީމާތައް ހިންގަމުން ގެންދަނީ އިސްރާއީލު ސިފައިންނާއި ފުލުހުންގެ ޙިމާޔަތް ލިބިގެން ކަމަށް ފަލަސްތީނުން ތުހުމަތުކުރެ އެވެ. ޔަހޫދީން ވަނީ 1969ގައި މުސްލިމުންގެ ތިން ވަނަ ޙަރަމްފުޅު ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަޤްސާގައިވެސް ހުޅުޖަހާފަ އެވެ. (އަލްޖަޒީރާ)