15 Apr 2020, 15:52
މާލެ ސަރަހައްދުގައި 24 ގަޑިއިރަށް ކާފިއު އިއުލާނު ކުރުމާ ގުޅިގެން ވެމްކޯ އިން ކުނި އުކައިދިނުމުގެ ހިދުމަތް މެދުކަނޑާލައިފިއެވެ.
ވެމްކޯ އިން ދެންމެ ނެރުނު އިއުލާނެއްގައި ބުނީ ކުނި އުކައިދިނުމުގެ ހިދުމަތް މެދުކަނޑާލަން ނިންމީ މާލެއިން ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނުމާއި ގުޅިގެން އެޗްޕީއޭ އިން މާލެ ސަރަހައްދުގައި 24 ގަޑިއިރަށް ކާފިއު އިއުލާނުކޮށްފައިވާތީ، އެޗްޕީއޭ އާއި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ލަފާގެ މަތިން ކަމަށެވެ.
އެ ކުންފުނިން ބުނީ މާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދިޔަ ހުރިހާ ހިދުމަތެއް ލޮކްޑައުންގެ މުއްދަތުގައި މެދުކަނޑާލަން އެޗްޕީއޭ އިން އަންގާފައިވާ ކަމަށެވެ.
އެ ކުންފުނިން ވަނީ ކުނި އުކައިލުމުގެ ހިދުމަތް މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި ކުނި އުފެދޭ މިންވަރު މަދު ކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި އުފެދޭ ކުނި އެންމެ އެކަށީގެންވާ ގޮތަށް، ދެ ކޮތަޅަށް ލުމަށްފަހު ރަނގަޅަށް ބަންދު ކުރުމަށް ވެމްކޯ އިން ވަނީ ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފައެވެ.
ހިދުމަތް މެދުކަނޑާލުމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެކުންފުނިން ވަނީ މައާފަށް އެދިފައެެވެ.
މާލޭގައި 24 ގަޑިއިރަށް ކާފިއު އިއުލާނުކޮށް މާލޭގައި އަޅާފައިވާ އޮޑިދޯނިފަހަރުވެސް ފުރުން ވަނީ މަނާކޮށްފައެވެ.
މާލެއިން ކޮރޯނާ އަށް ޕޮޒިޓިވްވި މީހާއާއެކު ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު 21 އަށް ވަނީ އަރައިފައެވެ. މިއީ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަ ވަނަ ދިވެއްސެވެ. މީގެ ކުރިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކާއި، ފިލިޕީންސް އިން ރާއްޖެ އައި މީހެކެވެ.
މީގެ ތެރެެއިން މިހާރު ފަރުވާ ދެމުންދަނީ މިއަދު ޕޮޒިޓިވް ވީ މީހާއާއެކު ތިން މީހަކަށެވެ.
އެޗްޕީއޭ އިން މިއަދު ވަނީ ކ. ކާށިދޫ އަށް އަރާ ފޭބުންވެސް މަނާކޮށްފައެވެ.