15 Apr 2020, 15:20
ކޮރޯނާ ވައިރަސްއަށް މާލެއިން މީހަކު ޕޮޒިޓިވް ވުމާއެކު މާލެއިން ލަފައި ފުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މަނާކޮށްފިއެވެ.
ރާއްޖެއިން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވީ ޓްރެވަލް ހިސްޓަރީއެއް ނެތް އަންހެނެކެވެ. އެއީ މާފަންނު ބޮނޑިބަތް ޕާކު ކައިރި ގެއެއްގައި ދިރިއުޅޭ މީހެކެވެ. އެ އަންހެން މީހާ ޕޮޒިޓިވްވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ މިއަދު މެންދުރު މުޅި މާލެ ލޮކްޑައުންގެ ހާލަތަށް ގެނެސްފައެވެ.
މިއަދު އެޗްޕީއޭއިން އިތުރަށް ބުނީ، މާލެ ސިޓީ ލޮކްޑައުންގެ ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއް ކަމަށެވެ.
އެހެންނަމަވެސް، މިއަދު ބޭންކް އޮފް ސިލޯން ސަރަހައްދާއި، އެމްއެމްއޭ ސަރަހައްދުން ގިނަ އަދަދެއްގެ ލޯންޗުތައް ވަނީ އަތޮޅުތެރެއަށް ފުރައިފައެވެ. ފުރުމަށްޓަކައި އެކި އުމުރުގެ މީހުން އެ ތަންތަން ފުރާލިއެވެ.
މިއަދު މާލެއިން ފުރި ފްލައިޓުތަކުގެ ތެރެއިން ވައިގެ ތެރޭގައި ހުރި ފްލައިޓުތައް މަންޒިލަށް ލޭންޑު ކުރުމުގެ ކުރިން އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަންވެސް ވަނީ އަންގައިފައެވެ.
މިއީ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަ ވަނަ ދިވެއްސެވެ. އަދި މާލެއިން ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ. މީގެ ކުރިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކާއި، ފިލިޕީންސް އިން ރާއްޖެ އައި މީހެކެވެ.
އެޗްޕީއޭއިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގައި ވައިރަސް ކޮމިއުނިޓީ ސްޕްރެޑްވެ އެންމެ ގޯސް ހާލަތަށް ގޮސްފި ނަމަ ގާތްގަނޑަކަށް 98،000 މީހުންނަށް ބަލި ޖެހޭނެއެވެ.