15 Apr 2020, 15:11
ވެލިންޓަން (އޭޕްރިލް 15): ނިއު ޒީލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން އާއި އެގައުމުގެ މިނިސްޓަރުންގެ މުސާރަ ކުރިއަށް އޮތް ހަ މަހު 20 ޕަސެންޓު ކުޑަ ކުރަން ނިންމައިފި އެވެ.
ނިއު ޒީލެންޑުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މިދިޔަ މަހުގެ 26ގައި އެގައުމު ލޮކްޑައުންކޮށް، އަސާސީ ނޫން ހުރިހާ ހިދުމަތްތައް ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ. އޭގެ ސަބަބުން އެގައުމުގައި ވަޒީފާ ނެތް މީހުންގެ އަަދަދު އިތުރުވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.
އާޑާން ވިދާޅުވި ގޮތުގައި ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ މީހުންނާއި ވަޒީފާ ގެއްލިފައިވާ މީހުންނަށް އެއްބާރުލުންދީ، ސަރުކާރުގައި އެންމެ ބޮޑު މުސާރަ ލިބޭ މީހުންގެ ލީޑާޝިޕް ދެއްކުމަކީ މިދަނޑިވަޅުގައި މުހިއްމު ކަމެކެވެ. އެހެންކަމުން ގައުމުގެ ބޮޑުވަޒީރާއި މިނިސްޓަރުންނާއި ޕަބްލިކް ސާވިސް ޗީފް އެގްޒެކްޓިވްސްގެ މުސާރައިގެ 20 ޕަސެންޓު މިއަދުން ފެށިގެން ހަ މަހަށް ކުޑަ ކުރަން ވަނީ ނިންމާފަ އެވެ.
"މިއީ އަޅުގަނޑުމެންނަށް ފިޔަވަޅު އެޅެން އޮތް ގޮތަކީ އެހެންވެ މިގޮތަށް އަމަލު ކުރީ. އަޅުގަނޑުމެންނަށް އެނގޭ މިބަލިމަޑުކަމުގެ ސަބަބުން ސަރުކާރުގެ ސަބްސިޑީއަށް ބަރޯސާވެފައި ތިބި މީހުންނާއި މުސާރަ ކުޑަވި މީހުންނާއި ވަޒީފާ ގެއްލުނު މީހުން އެބަތިބިކަން،" އާޑާން ވިދާޅުވި އެވެ.
ނިއު ޒީލެންޑުން އިއްޔެ ވަނީ 20 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެއާއެކު އެގައުމުގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1،386އަށް އަރާފަ އެވެ. އެގައުމުގައި ބަލި ޖެހިގެން ނުވަ މީހަކު ވަނީ މަރުވެފަ އެވެ.
ނިއު ޒީލެންޑުގެ ލޮކްޑައުން އުވާލަން ނުވަތަ އިތުރު ކުރަން އެގައުމުން އަންނަ ހަފްތާގައި ނިންމާނެ އެވެ.