ޤާހިރާ (ޑިސެމްބަރ 18) : މިސްރުގައި ވެރިކަންކުރާ ޢަސްކަރީ މަޖިލީހާ ދެކޮޅަށް ޤާހިރާގައި ކުރި މުޒާހަރާއަކަށް ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން 10 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވުވެ، މިސްރުގެ މަސްރަޙް އަނެއްކާ ވެސް ހޫނުވެއްޖެވެ.

މިސްރުގެ ސިއްޙަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުން މަރުވި 10 މީހުންގެ ތެރެއިން ހަތް މީހުން މަރުވެފައި ވަނީ އެމީހުންގެ ގަޔަށް އުނޑައަރައިގެންނެވެ. އަނެއް ތިން މީހުން މަރުވެފައި ވަނީ އަނިޔާވެގެންނެވެ. ޒަޚަމްވެގެން 440 މީހަކު ޤާހިރާގެ ހޮސްޕިޓަލްތަކުން ފަރުވާހޯދި އިރު މީގެތެރޭގައި އުންޑައިން ޒަޚަމްވެފައިވާ މީހުންނާއި އެނޫންގޮތްގޮތުން ޒަޚަމްވެފައިވާ މީހުން ހިމެނޭ ކަމަށް ވެސް މިސްރުގެ ސިއްޙަތާ ބެހޭ ވުޒާރާ އިން ބުނެ އެވެ. ޤާހިރާގައި ޝާއިޢުކޮށްފައިވާ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މިސްރުގައި ވެރިކަންކުރާ ޢަސްކަރީ މަޖިލީހާ ދެކޮޅަށް އެތައް ސަތޭކަ ބަޔަކު އެއްވެ އަޑުއުފުލީ ޤާހިރާގެ މައިދާނުއްތަޙްރީރުގެ ޤަސްރުލްޢައިނީ މަގުގަ އެވެ.

އެއްވި މީހުން ގޮވަމުން ދިޔައީ މިސްރުގެ ބޮޑުވަޒީރު ކަމާލުލްޖަންޒޫރީ މަޤާމުން ދުރުކުރުމަށާއި އިސްލާޙް ކޮށްފައިވާ ދަސްތޫރުގައި ޢަސްކަރީ މަޖިލީހަށް ދީފައިވާ ބާރުތައް އުނިކުރުމަށާއި ރިޔާސީ އިންތިޚާބެއް އަވަހަށް ބާއްވައިގެން ރައީސަކު އިންތިޚާބު ކުރުމަށް ފަހު އެފަރާތާ ވެރިކަން ޙަވާލުކުރުމަށެވެ. އިންތިޚާބުކުރާ ރައީސަކާ ވެރިކަން ޙަވާލުކުރުމަށް ޢަސްކަރީ މަޖިލީހުން ފަސްޖެހެމުންދާ ކަމަށް ވެސް އިޙްތިޖާޖްކުރިމީހުން ތުހުމަތުކޮށްފައިވެ އެވެ.
ޢަސްކަރީ މަޖިލީހާ ދެކޮޅަށް މުޒާހަރާ ކުރި މީހުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް އެތަށްބަޔަކު މަރާލުމުން މިސްރުގެ އެކްޓިވިސްޓުން ވަނީ މިސްރުގެ ރައްޔިތުންގެ އިންޤިލާބު ޙިމާޔަތްކޮށް ޙުސްނީ މުބާރަކްގެ ވެރިކަން ވައްޓާލި ގޮތަށް ޢަސްކަރީ މަޖިލީހުގެ ވެރިކަން ވައްޓާލުމަށް ޓަކައި ޤާހިރާގެ މައިދާނުއްތަޙްރީރަށް ރައްޔިތުން ޖަމާވެ އަލުން މުޒާހަރާތައް ފެށުމަށް ގޮވާލައި މިކަމުގެ މަސައްކަތް ފަށާފަ އެވެ. މިގަޑުބަޑުތަކުގެ ސަބަބުން މިސްރުގެ މަސްރަޙް ވާނުނޭންގުމެއްގެ ތެރޭގައި ވާކަމަށް ޚަބަރުތައް ބުނެ އެވެ. (އަލްޖަޒީރާ)