15 Apr 2020, 13:44
މާލެއިން ކޮވިޑް-19 ގެ ކޭސް އެއް ފެނުމާއެކު، މާލޭގެ ފިހާރަތަކުގެ ބޭރުގައި ދިގު ކިޔޫތައް މިވަނީ ދަމާލައިފަ އެވެ. ފިހާރަތަކާއި، މާރުކޭޓުތަކާއި އޭޓީއެމްތައް ވެސް އޮތީ މީހުންނައިގެން ފުރިފަ އެވެ. ނަމަވެސް މިއީ މިވަގުތު ރައްޔިތުންނަށް ކުރެވޭނެ އެންމެ މޮޔަ ކަމެވެ.
ކޮވިޑް19 އަކީ ވަރަށް ފަސޭހައިން ފެތުރޭ ބައްޔަކަށް ވުމުން، ސިއްހީ މާހިރުން އެންމެ ބޮޑަށް އިލްތިމާސްކުރަނީ އިޖުތިމާއި ގައިދުރުކަން ދެމެހެއްޓުމަށެވެ. އެހެންކަމުން މީހުން ތަންތަނަށް އެއްވުމަކީ އެއްގޮތަކަށް ވެސް ބުއްދިވެރިކަމެއް ނޫނެވެ.
ރައްޔިތުން ހާސްވެ، ފިހާރަތަކަށް ޖަމާވާން ފަށާފައިވާއިރު، މިފަދަ ހާލަތަކަށް މާލެ ސިޓީ ގޮސްފާނެކަމަށް ބަލައި، ސިޓީ ކައުންސިލުން އޮތީ މާކުރިން ވެސް ތައްޔާރުވެފަ އެވެ.
ކޮވިޑް19އާ ގުޅިގެން ލޮކްޑައުން ކުރެވޭ ހާލަތެއްގައި ތަކެތި ފޮނުވައިދޭނެފިހާރަތަކުގެމައުލޫމާތު ކައުންސިލުން މިވަނީ އާންމުކޮށްފަ އެވެ.
މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވީ ޒަރޫރީ ބޭނުންތަކަށް މެނުނީ ބޭރަށް ނުނުކުތުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ލަގްޒަރީ ބޭރުގައި ކިޔޫ ދަމާލާފައި -- ސަން ފޮޓޯ
"އިޖުތިމާއީ ގައިދުރުކަން އަދިވެސް ދަސްނުވޭ. ފިހާރަތަކުގައި މާރުކޭޓުގާ ތޮއްޖެހިގެން އުޅވޭކަށް ނެތް. ސަލާމަތްތެރިކަން އޮތީ ކާކަށް ކަމެއް ނޭނގޭ،" ޝިފާ ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ބުނީ ލޮކްޑައުން ކުރާ ހާލަތެއްގައި މާލޭގެ 269 ފިހާރައަކާއި ވިލިމާލޭގެ 20 ފިހާރައަކުން ތަކެތި ފޮނުވައިދޭން އެއްބަސްވެފައިވާ ކަމަށެވެ.
ތަކެތި ފޮނުވައިދޭން އެއްބަސްވި ފިހާރަތަކުގެ ތެރެއިން މާލޭގެ 202 ފިހާރައަކާއި ވިލިމާލޭގެ 17 ފިހާރައަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އެވެ.
ލޮކްޑައުން ހާލަތުގައި ހުޅުމާލޭގެ ގެތަކަށް މުދާ ފޮނުވައިދޭނެ ފިހާރަތައް ދެނެގަތުމަށްޓަކައި އެޗްޑީސީން ވެސް މިފަދަ ސާވޭއެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

އޭޓީއެމް އެއްގެ ބޭރުގައި ކިޔޫ ދަމާލާފައި -- ސަން ފޮޓޯ
އެ ސާވޭގައި ހުޅުމާލޭގެ 90 ފިހާރައެއްގެ މައުލޫމާތު އެއްކުރި އެވެ. އޭގެ ތެރެއިން ލޮކްޑައުން ހާލަތުގައި 73 ފިހާރައަކުން ގެތަކާ ހަމައަށް މުދާ ފޮނުވައިދޭން އެއްބަސްވިއިރު، 63 ފިހާރައަކުން އޮންލައިންކޮށް ފައިސާ ދެއްކޭނެއެވެ.
އަދި މާލެ ސިޓީ ކައުންސިލާއި އެޗްޑީސީން އަންނަނީ އިތުރު ފިހާރަތަކުން ޕޯޓަލްގައި ރަޖިސްޓްރީވާން އިލްތިމާސް ކުރަމުންނެވެ. ކައުންސިލުން ބުނީ މިހާރުވެސް ފިހާރަތަކުން ރަޖިސްޓްރީވަމުން އަންނަ ކަމަށެވެ.
އެހެންކަމުން މިވަގުތު ހާސްވެ، ފިހާރަތަކަށް ދިއުމުގެ ބަދަލުގައި ހުރިހާ ރައްޔިތުން ވެސް އޮންލައިންކޮށް ވިޔަފާރިކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.