15 Apr 2020, 12:34
ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން އެހީއަށް އެދުނު މީހުންނަށް 7.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެ އިން ބޭރުުގައި ތިބި ދިވެހިންގެ ކަންކަން ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީ އިން 7.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ ލޮކްޑައުން ކޮށްފައިވާ ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ހާލުގައި ޖެހި، ސަރުކާރުގެ އެހީއަށް އެދުނު މީހުންނެވެ. އޭގެ ތެރޭގައި އާސަންދަ އާއި އެންސްޕާގެ އެހީގައި ބޭސްފަރުވާ އަށް ގޮސްތިބި މީހުން ހިމެނެ އެވެ. ސަރުކާރުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލެއް މަބްރޫކު ހާމައެއް ނުކުރައްވަ އެވެ.
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން އިންޑިއާގެ ބެންގަލޫރާއި ޓްރެވިންޓްރަމް އަދި ކޮޗިންގައި ތިބި ދިވެހިންގެ ތެރެއިން ބަޔަކާއި، މެލޭޝިއާ އަދި ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ބަޔަކު ވަނީ ރާއްޖެ ގެނެސްފައެވެ.
ރާއްޖެއިން މިހާތަނަށް 21 މީހަކު ކޮރޯނާ އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ބޭރުން އައި ފަސް ދިވެއްސަކާއި އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތި ބައްޔަށް ޕޮޒިޓިވްވި ދިވެއްސެއްގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސިންނެވެ.
މީގެ ތެރެއިން މިހާރު ފަރުވާދެމުންދަނީ މިއަދު ޕޮޒިޓިވްވި މީހާ އާއެކު ތިން ދިވެހިންނަށެވެ. 16 މީހަކު ބަލިން ރަނގަޅުވެފައިވާއިރު ދެ މީހަކު ވަނީ ރާއްޖެއިން ބޭރަށް ގޮސްފައެވެ.
ދުނިޔޭގެ ހާލަތަށް ބަލާއިރު ދެ މިލިއަނަށްވުރެ ގިނަ މީހުންނަށް މިހާރު ވަނީ ބަލި ޖެހިފައެވެ.