15 Apr 2020, 18:09
ދިވެހި އެންމެހާ ރައްޔިތުން އެންމެ ދެކެން ބޭނުންނުވި ދުވަސް މިއަދު މިއޮތީ ކުރިމަތިވެފައެވެ. ރާއްޖެއިން ކޮވިޑް19 އަށް އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވި ހިސާބުން އެންމެން ވެސް ދުއާ ކުރަމުން ދިޔައީ، މި މި ވައިރަސް އާންމުންގެ ތެރޭގައި ނުފެތުރި ރާއްޖެއިން ފައިބައިގެން ދިއުމަށެވެ. ވައިރަހާ ދެކޮޅަށް މަސައްކަތް ކުރާ ޓާސްކްފޯހުން ވެސް ހާއްސަ ސަމާލުކަމެއް ދީ، ޝީލްޑް ޖަހާ މަސައްކަތް ކުރަމުން ދިޔައީ، ކޮވިޑް19 މާލެ އަށް އަޔަނުދިނުމަށެވެ.
ތޮއްޖެހިފައިވާ މާލޭގައި ބަލި ފެތުރެން ފަސޭހަވެފައި، ކޮންޓްރޯލްކުރަން އުނދަގޫވާނެތީ އެވެ.
ނަމަވެސް މިއަދު މިވަނީ، އެ ޝީލްޑްތައް ފޫއަޅުވާލައި، މި ވައިރަސް މާލެއަށް ފޯރައިފައެވެ. މާލެ ތެރެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވީ، ރޯގާގެ އަލާމާތްތައް ފެނިގެން އިއްޔެ މާލޭ ހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި އަންހެނެކެވެ. އެމީހާއަކީ ބޭރު ގައުމަކަށް ދަތުރުކޮށްފައިވާ މީހެއް ނޫނެވެ. އަދި ބައްޔަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓް ވެފައެއް ވެސް ނެތެވެ.
ކަމާބެހޭ ފަރާތްތަކުން ފާއިތުވި ދުވަސްތަކުގައި ރެޔާ ދުވާލު، ނިދި ނަގާލުމަށްފަހު މަސައްކަތް ކުރަމުން އައީ މި ހާލަތަށް އެންމެ ފުރިހަމައަށް ތައްޔާރުވުމަށެވެ. މިފަދަ ހާލަތަކަށް ގޮސްދާނެ ކަމަށްޓަކައި ސިއްހީ މާހިރުން އަންނަނީ ވަކި ގޮތަކަށް ރައްޔިތުންގެ އަމަލުތައް ބެހެއްޓުމަށް ރޮއެ އާދޭސް ކުރަމުންނެވެ. ނަމަވެސް ބައެއް މީހުންނަށް އެ އާދޭހަށް ދެވުނީ ބީރު ކަންފަތެކެވެ.

އޭޕްރީލް 2 ،2020: މާލޭ ސަރަހައްދު ކާފިއު ހިނގާފައިވާ ވަގުތުގައި މާލޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކޮވިޑް-19އާ ގުޅިގެން އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ އެކު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން މި މަހުގެ ދެވަނަ ދުވަހު މާލޭ ސިޓީގައި ކޮންމެ ދުވަހަކު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ކާފިއު ހިންގަން ފެށިއެވެ.
އެވަގުތުތަކުގައި ކާފިއު ހިންގަން ނިންމީ އެންމެ ބޮޑަށް މީހުން ބޭރަށް ނުކުމެ އުޅޭ ގަޑިތަކަށް ވާތީ، އެކަން ކޮންޓްރޯލް ކުރުމަށެވެ. ކާފިއު އިއުލާނުކުރުމުގެ އިތުރުން ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އުޅުން ވެސް މަނާކުރިއެވެ. އަދި މަޖުބޫރު ހާލަތެއްގައި މެނުވީ ބޭރަށް ނުދާން އިލްތިމާސް ކުރިއެވެ.
ނަމަވެސް ހަފްތާއެއް ވެސް ނުވަނީސް ކާފިއު އުވާލަން ޖެހުނީ، އެހެން ވަގުތުތަކުގައި މީހުން ތޮއްޖެހޭ މިންވަރު އިތުރުވުމުންނެވެ. ގަޑިން ރޭގަނޑު އަށެއް ޖެހުމާއެކު، ބޭރަށް ނުކުމެ މަގުތައް ފުރާލާތީއެވެ. އިޖުތިމާއީ ގައިދުރުކަން ހަނދާން ނައްތާލާތީ، އެކަމުން އެންމެ އެދެވޭ ނަތީޖާ ނުލިބުމުންނެވެ.
ކާފިއު ހިންގިއިރު ކާފިއު ވަގުތުގައި ބޭރަށް ނިކުމުގެން 1،138 ފަހަރަށް ފުލުހުން ވަނީ އެކި މީހުންނަށް ނަސޭހަތް ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، 954 ދިވެހިންނާއި 184 ބިދޭސީންނެވެ. އެމީހުންގެ ތެރޭގައި ތަކުރާރުކޮށް ނަސޭހަތްދިން މީހުން ވެސް ހިމެނެ އެެވެ. އަދި ކާފިއު ވަގުތުގައި ބޭރަށް ނުކުމެގެން ދެ މީހަކު 1000 ރުފިޔާއިން ޖޫރިމަނާވެސް ކުރިއެވެ.
އޭރު ގޭގައި ނުތިބެވިގެން ދެއްކި އުޒުރަކީ ރާއްޖޭގައި "ކޮމިއުނިޓީ ސްޕްރެޑް" އެއް ނެތުމެވެ. ބަލި ޖެހިފައި ހުރި މީހަކު މާލޭގައި ނުވަތަ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި ނެތުމެވެ. ބައްޔަށް ޕޮޒިޓިވްވި މީހުން ރިސޯޓުތަކާއި ކަރަންޓީނު ފެސިލިޓީތަކުގައި ތިބުމެވެ. ތިމާއާ ހަމައަށް ވައިރަސް ނާންނާނެ ކަމަށް ހިތާ މިކަން ފަސޭހަކޮށްލެވުނީއެވެ.
ނަމަވެސް ދެން ދައްކާނެ ބަހަނާއެއް ނެތެވެ. ވައިރަސް މިހާރު މިވަނީ ދެ ލައްކަ މީހުން ދިރިއުޅެމުން އަންނަ ރާއްޖޭގެ ވެރިރަށް، މާލެއަށް އަރައިފައެވެ. މީހުންނާ ހަމައަށް ފޯރީއެވެ. އެހެންކަމުން ދެން މިކަމުގައި އެއްގޮތަކަށް ވެސް ފަރުވާކުޑަ ކުރެވޭކަށް ނެތެވެ. މުޖުތަމައުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ދެން ކުރެވެން އޮތް ކަމަކީ އެންމެން އެކައްޗެއް ކިޔައި، ގޭގައި މަޑުކުރުމެވެ. ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން ނޫނީ ނުނުކުތުމެވެ.
މާލެއިން ބަލި ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މިއަދު ވަނީ ގައުމާ މުހާތަބު ކުރައްވައިފައެވެ. ގައުމާ މުހާތަބު ކުރައްވައި، ކީރިތި ކުރައްވަމުން ރައީސް އެދިވަޑައިގަތީ ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ބޯލަނބައި ގޭގައި މަޑުކޮށްދިނުމަށެވެ. ކަމާބެހޭ ފަރާތްތަކުން ކުރާ މަސައްކަތަށް ރައްޔިތުން އެއްބާރުލުން ދެއްވުމަށެވެ.

"ހުރިހާ ރައްޔިތުންގެ ކިބައިން މި އެދެނީ، އެކަކު އަނެކަކާމެދު އޯގާތެރިކަމާއި އެކުވެރިކަމާއެކު މުއާމަލާތް ކުރުމަށް. އަދި ކެތްތެރިކަން އިސްކުރައްވައި، އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގެ ތެރެއިން، އެކަކު އަނެކަކަށް އެހީތެރިވުމަށް،" ރައީސް ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންްގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރުު އަބްދުﷲ އަމީން ވިދާޅުވީ ކޮވިޑް19 އަށް އޮތް ފަރުވާ އަކީ ގޭގައިތިބުން ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ޑޮކްޓަރު އަލީ ލަތީފް ވެސް އާދޭހާއެކު ތަކުރާރު ކުރެއްވީ އެއް ވާހަކައެކެވެ. ގޭގައި މަޑުކޮށްދޭށެވެ. މާލޭގައި ބަލި ފެތުރެން ފަށައިފިނަމަ، ގޭގައި މަޑުކޮށްލައިގެން ތިބެން ޖެހުމުން ވާ އުނދަގުލަށް ވުރެ މާ ބޮޑު އުނދަގުލަކާއި ބިރުވެރިކަމެއް ކޮންމެ މީހަކަށް ވެސް ކުރިމަތިވާނެތީއެވެ.

އޭޕްރީލް 9، 2020: ކޮވިޑް19 އާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް އެދިފައެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި އިލްތިމާސްކޮށްފައި ވަނީ މާލެއިން ބަލި ފެނިފައިވާތީ ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމަށާއި، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމުގައި އިތުރަށް ސަމާލުވުމަށެވެ.
ބަލި ޖެހިފައިވާ މީހަކު މާލެއިން ފެނުމާއެކު މިހާރު މާލެ ސިޓީ މިވަނީ 24 ގަޑިއިރަށް ލޮކްޑައުންކޮށް، މަގުމައްޗަށް ނުކުމެ އުޅުން މަނާކޮށްފައެވެ. ރައީސް ދެއްވާ ޔަގީންކަމަކީ ދިވެހި ރައްޔިތުންނަށް ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި ބަލި ފެތުރޭ މިންވަރު ވީހާވެސް ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަމެވެ.
ކަމާބެހޭ ފަރާތްތަކުން މި އަންނަނީ ގައުމު މި ބަލިމަޑުކަމުން ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ.
ދެން އޮތީ އަހަރުމެން ރައްޔިތުންގެ ފަރުދީ ޒިންމާއެވެ. ބަސް އަހަންވީއެވެ. އެފަރާތްތަކުން ދެމުން އަންނަ އިރުޝާދުތަކަށް ކިޔަމަންވެ ގޭގައިި މަޑުން ތިބެންވީއެވެ. ސީރިއަސް ވާންވީއެވެ. މީ އާދައިގެ ކަމަކަށް ހަދާލައިފިނަމަ ނަތީޖާ ހިތި ވާނެކަން ދުނިޔޭގެ ނަންބަރުތަކުން އެއޮތީ ފެންނާށެވެ. ހެޔޮ ނުވާނެއެވެ. ބަސް އަހައިގެން ގޭގައި ތިބޭށެވެ.