ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

މާލޭގައި ދިިރިއުޅޭ މީހަކު މާލޭގައި ގާއިމް ކޮށްފައިވާ ފުލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިއުމުން، ކޮވިޑަށް ޓެސްޓް ކުރިއިރު އޭނާ ވަނީ ބައްޔަށް ޕޮސިޓިވްވެފަ އެވެ. އެއީ އަންހެނެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އޭނާ ޑޮކްޓަރަށް ދައްކަން ދިޔައީ އިއްޔެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އެކަމާ ގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލެއިން ބަލި ފެނިފައިވާތީ ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުރުމަށާއި، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މާލެއިން ޕޮސިޓިވްވި މީހާ މިހާރު އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި އޭނާ ދިރިއުޅުނު ގެ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ މަސައްކަތް ރެޕިޑް ރެސްޕޮންސް ޓީމުން ވަނީ ފަށާފަ އެވެ.

މިހާތަނަށް ބެލި ބެލުމުން މާލެއިން ބައްޔަށް ޕޮސިޓިވްވި މީހާގެ އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތްކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ބަލީގެ ހާލަތާ ގުޅޭގޮތުން އެޗްޕީއޭ އިން އެކުލަވާލާފައިވާ އެޕިޑޮމިލޮޖިކަލް ސާވޭ ރިޕޯޓުގައި ހުރި މައުލޫމާތު ރޭ އާންމު ކުރިއިރު އެ ރިޕޯޓުގައި ބުނީ ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ނާޅައިފިނަމަ، ވައިރަސް މުޖުތަމައުގެ ތެރެއަށް ފެތުރިގަނެ، 10،891 މީހުން ރާއްޖެއިން މަރުވާނެ ކަމަށެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖޭގައި މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިއްޖެނަަމަ، މާލެ ސަރަހައްދުން އެކަނި 46،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ އެވެ. އެހެން ސަރަހައްދުތަކުން 51،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ އޮންނަ ހާލަތުގައި މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިއްޖެ ނަމަ، ކިޮމިޔުނިޓީ ކޭސްއެއް ފެންނަތާ 35 ވަނަ ދުވަހު އެކަނިވެސް އަލަށް 2،500 މީހުންނަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.