ކޮވިޑް19 ޖެހިފައިވާ މީހަކު މާލެއިން ފެނުމާ ގުޅިގެން، މިވަގުތުން ފެށިގެން 24 ގަޑިއިރަށް މާލެ ސިޓީ ލޮކްޑައުން ކޮށްފިއެވެ.

މާލެއިން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފެނިފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރީ މިއަދުއެވެ. ބައްޔަށް ޕޮޒިޓިވް ވެފައިވަނީ މާލޭ ފްލޫ ކްލިނިކަށް ދިޔަ ދިވެއްސެކެވެ.

އެޗްޕީއޭ އިން މިއަދު ބުނެފައި ވަނީ މާލެ ސިޓީ 24 ގަޑިއިރަށް "ލޮކްޑައުން" ހާލަތަކަށް ގެނެސްފައިވާ ކަމަށާއި މި ދަނޑިވަޅުގައި އެއްވެސް ވަރަކަށް މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެއް ކަމަށެވެ.

އަދި އެ އެންގުން އަންގާ ވަގުތުން ފެށިގެން، ވަކި ގޮތެއް އަންގަންދެން 24 ގަޑިއިރަށް ގިނަ ފިޔަވަޅުތައް އެޅުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ވަނީ އަންގަވައިފައެވެ.

އެގޮތުން މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން ވަނީ މަނާކޮށްފައެވެ.

އަދި މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ)ގެ ހިދުމަތް ހުއްޓައިލުމަށާއި މާލެ ހުޅުމާލެ ވިލިމާލެ ތިލަފުށި ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓާލުމަށް ވަނި އަންގައިފައެވެ.

މި ފިޔަވަޅުތަކުން އިސްތިސްނާ ވާނީ:

  • ސިފައިންނާއި ފުލުހުން

  • ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • އެމްބިއުލެންސް
  • ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތައް
  • ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީޑިއާތައް

އެޗްޕީއޭ އިން ބުނީ މަތީގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކުގެ އިތުރުން، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑަޅުއްވާ ހާއްސަ ހާލަތްތަކުގައި އެކަމަނާ އަންގަވާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ވަގުތަށާއި ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމާއި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ކަމަށެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކްގެ އެއްވެސް އެންގުމަކާ ހިލާފުވުމަކީ ކުށެކެވެ.